ރައީސް ނަޝީދު އަނެއްކާ ވެސް ލަންކާ އަށް ވަޑައިގެންފި
ރައީސް ނަޝީދު އަނެއްކާ ވެސް ލަންކާ އަށް ވަޑައިގެންފި

އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ލަންކާ އަށް މިއަދު ވަޑައިގެންފި އެވެ.

މި ވަގުތު ލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ ދާދި ދެންމެއަކު ރައީސް ނަޝީދު ލަންކާ އަށް ވަޑައިގެންފައިވާ ކަމަށެވެ.

ދިގު މުއްދަތުގެ ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް އެ ގައުމުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދު ސިޔާސީ މަސައްކަތްތައް ހިންގަވަން ވަރަށް ގިނައިން ސްރީ ލަންކާ އަށް ވަޑައިގަންނަވަ އެވެ.

ނަޝީދުގެ މިދަތުރުފުޅުތަކަށް އިޝާރާތް ކުރައްވައި، ލަންކާ އަށް ކަނޑައެޅުއްވި ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެފައި ވަނީ ނަޝީދު ކޮންމެ ތަނަކު ހުއްޓަސް ހައްޔަރުކުރެވޭނެ ކަމަށާއި ސްރީ ލަންކާ އިން އެކަން ކުރަން މާ ފަސޭހަވާނެ ކަމަށެވެ. އެއީ ލަންކާ އާއި ރާއްޖެއާ ދެމެދު ހަދާފައިވާ ދެ މުއާހަދާއެއްގެ ސަބަބުން ކަމަށް ވެސް ވިދާޅުވި އެވެ.

ހައްޔަރު ކުރަން ޖެހިއްޖިއްޔާ، ލަންކާގެ މަގުމައްޗަށް އަމިއްލަ އަށް ނުކުމެގެން ވިޔަސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރާނެ ކަމަށް ވެސް މުންދު ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ނަޝީދުގެ ބޭރުގެ ވަކީލުންގެ ޓީމުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ވަކީލު އާމާލް ކުލޫނީ ވިދާޅުވީ ލަންކާގައި ހުންނަވަނިކޮށް ނަޝީދު ހައްޔަރުކޮށްގެން ގެންދިއުން ބައިނަލްއަގްވާމީ ގާނޫނުތަކުގެ އިތުރުން، އެ ގައުމުގެ ޖިނާއީ ގާނޫނާ ވެސް ހިލާފުވާނެ ކަމަށެވެ.

ރައީސް ނަޝީދު މިއަދު ލަންކާ އަށް ވަޑައިގެންފައިވާ އިރު އިއްޔެ ވަނީ ދިވެހި ސަރުކާރާ ދެކޮޅަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީ ކުރިމަތީގައި ދިވެހިންގެ ބަޔަކު މުޒާހަރާ ވެސް ކޮށްފަ އެވެ.

މަހުލޫފާއި ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވަނީ ޔޫރޮޕިއަން ޔޫނިއަނުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ޓަންގ ލައިއާ ބައްދަލު ކުރައްވާފަ އެވެ.

މަހުފޫލް ވިދާޅުވީ އެ ބައްދަލުކުރެއްވުމުގައި އީޔޫން ރާއްޖެއާ ބެހޭ ގޮތުން ނެރެފައިވާ ގަރާރު ތަންފީޒު ކުރުމާއި މަޖިލިސް މިނިވަން ކުރުމުގެ އިތުރުން މިނިވަން އިންތިހާބެއް ބޭއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ޔޫރަޕިއަން ޕާލަމަންޓް ބައްދަލުވުމުގައި ހުށަހެޅި އެ ގަރާރަށް ބަހުސް ކުރެއްވި ބައެއް މެމްބަރުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިންސާނީ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށް ބުނެ، ރާއްޖެއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން ގޮވާލައްވައިފަ އެވެ.