13 އޮކްޓޯބަރ 2017 - 13:41

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެތާންގެ މުވައްޒަފުންގެ އަގު ވަޒަންކޮށް، ބައެއް މުވައްޒަފުންނަށް ސްކޮލާޝިޕް ދީފި އެވެ.

"އެޗްއާރު އެވޯޑް 2017" ގެ ނަމުގައި ރޭ ހޮޓެލް ޖެންގައި ބޭއްވި ހަފްލާގައި މަތީ ތައުލީމަށް ކިޔެވުމަށް ސްކޮލާޝިޕް ދީފައިވަނީ 10 މުވައްޒަފަކަށެވެ. ސްކޮލާޝިޕް ދީފައިވަނީ ޑިޕްލޮމާ އާއި ބެޗްލާސް ޑިގްރީ އަދި މާސްޓާސް ފެންވަރަށް ކިޔެވުމަށެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ގޮތަށް ރާއްޖޭގައި ފުރަތަމަ އުފެއްދި ކުންފުނިން ބުނީ މިދިޔަ އަހަރާ ހަމަ އަށް އެ ކުންފުނީގެ 50 އަށް ވުރެ ގިނަ މުވައްޒަފުންނަށް ރާއްޖޭން ބޭރުން ތައުލީމާއި ތަމްރީނު ދީފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ތިބެގެން މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.
ސްކޮލަޝިޕާއި، އެވޯޑްތައް ހަވާލު ކުރެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތާއި، އެހެނިހެން އިސް ވެރިންނެވެ. ޒިޔަތު ވިދާޅުވީ އެ ކުންފުނީގެ އެންމެ އަގު ބޮޑު ރައުސްމާލަކީ މުވައްޒަފުން ކަމަށާއި، ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބީ ވެސް ތައުލީމީ، ގާބިލް އަދި ހީވާގި މުވައްޒަފުން ކަމަށެވެ. އަދި މުވައްޒަފުން ތަމްރީނު ކުރުމަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
އެ ކުންފުންޏަށް ގިނަ ދުވަހު މަސައްކަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ވެސް އެވޯޑް ދީފައި ވެ އެވެ. ދިގު މުއްދަތުގެ އެވޯޑް ތިން ކެޓަގަރީއަކުން ޖުމްލަ 23 މުވައްޒަފުންނަށް ދީފަައިވެ އެވެ. އެއީ 25 އަހަރު މަސައްކަތް ކުރި ސްޓާފަކާއި، 20 އަހަރު މަސައްކަތް ކުރި ހަތަރު ސްޓާފުންގެ އިތުރުން 15 އަހަރު މަސައްކަތް ކުރި 18 ސްޓާފުންނެވެ.
ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރުމަށް ފަހު އެމްޓީސީސީން ރިޓަޔާ ކޮށްފައިވާ 10 ފަރާތަކަށް ވެސް އެވޯޑް ދިނެވެ.
އެމްޓީސީސީން ބުނީ އެޗްއާރު އެވޯޑްސްގެ ނަމުގައި އަލަށް މި އިވެންޓް ބޭއްވުނު ނަމަވެސް، ތަފާތު ނަންނަމުގައި. ފާއިތުވި 10 އަހަރު ވެސް އެ ކުންފުނީގެ މުވައްޒަފުންގެ އަގު ވަޒަން ކޮށްފައިވާ ކަމަށެވެ.