ލައިބީރިއާގެ އިންތިޚާބުގެ ކުރީގައި ކުރީގެ ފުޓުބޯޅަ ތަރި ޖޯޖް ވިއާ
ލައިބީރިއާގެ އިންތިޚާބުގެ ކުރީގައި ކުރީގެ ފުޓުބޯޅަ ތަރި ޖޯޖް ވިއާ

މޮންރޯވިއާ (އޮކްޓޯބަރު 12) - ލައިބީރިއާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާތަކުގެ ބޮޑު ބައެއް ސާފުކުރި އިރު ކުރީގައި އުޅެނީ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޖޯޖް ވިއާ ކަމަށް ދައްކައިފި އެވެ.

ނޭޝަނަލް އިލެކްޝަންސް ކޮމިޝަން (އެންއީސީ) ބުނީ 15 ކައުންޓީގެ ތެރޭން 11 ކައުންޓީގައި ކުރީގައި އުޅެނީ ވިއާ ކަމަށެވެ. އެކަމަކު އަދިވެސް ނުގުނާ ވޯޓު ގިނަ އަދަދަކަށް ހުރި ކަމަށްވެ އެވެ.

ވިއާއާ އިންތިޚާބުގައި ވާދަކުރައްވާފައި ވަނީ ނައިބް ރައީސް ޖޯސެފް ބޯކައި އެވެ. އޭނާ އަށް އަދި ކުރި ހޯއްދެވުނީ އެންމެ ކައުންޓީއަކުން ކަމަށްވެ އެވެ. އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު ވޯޓުގެ 50 ޕަސެންޓަށް ވުރެ އިތުރަށް ހޯދަން ޖެހޭނެ އެވެ. އެ ވަރަށް ވޯޓު ނުލިބިއްޖެ ނަމަ އިންތިޚާބުގެ ދެ ވަނަ ބުރު ނޮވެމްބަރު މަހު ބާއްވާނެ އެވެ.

ލައިބީރިއާގެ މިހާރުގެ ރައީސް އެލެން ސިރްލީފް ވަނީ ދެ ދައުރަށް ފަހު ވެރިކަމުން ވަކިވެވަޑައިގަތުމަށް ނިންމަވައިފަ އެވެ. ނޯބެލް ސުލްހައިގެ އިނާމު ހާސިލް ކުރައްވާފައިވާ ސިރްލީފް، 78، އަކީ އެފްރިކާގެ ފުރަތަމަ އަންހެން ރައީސް އެވެ. އެކަމަނާ އަށް 2006 ވަނަ އަހަރު ވެރިކަން ލިބިވަޑައިގަތީ ކުރީގެ ރައީސް ޗާލްސް ޓޭލާ ވެރިކަމުން ދުރުކުރުމުންނެވެ. ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތަކުގެ ކުށުގައި ޓޭލާ ވަނީ 50 އަހަރަށް ޖަލަށް ލައިފަ އެވެ.

ވިއާ،51، ގެ ރަނިން މޭޓަކީ ޓޭލާގެ ކުރީގެ އަނބިކަނބަލުން ޖެވެލް ހޮވާޑް ޓޭލާ އެވެ. ވިއާ ވަނީ 2005 ވަނަ އަހަރުގެ އިންތިޚާބުގައި ސިރްލީފްއާ ވާދަ ކުރައްވައިފަ އެވެ. އެ ފަހަރު ނާކާމިޔާބުވީ ދެ ވަނަ ބުރުގަ އެވެ. އޭގެ ފަހުން 2011 ވަނަ އަހަރު ވަނީ ނައިބް ރައީސް ކަމަށް ވެސް ވާދަ ކުރައްވައިފަ އެވެ.

ލައިބިރިއާގެ އިންތިޚާބުގެ ނަތީޖާ އިއުލާން ނުކުރަނީސް އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް އޮޅުމަކުން ވަނީ އޭނާ ކޯޗުކޮށްދިން ކުޅުންތެރިޔާ ވިއާ ގައުމެއްގެ ރައީސްއަކަށް ވެއްޖެކަން އިއުލާންކޮށްފަ އެވެ.

"ކުރީގެ ކުޅުންތެރިއަކަށް ގައުމެއްގެ ރައީސްކަން ލިބުމަކީ ވަރަަށް މަދުން ނޫނީ ނުވާ ކަމެއް،" ނޫސްވެރިންނާ ވާހަކަ ދައްކަމުން ވެންގާ ބުންޏެވެ.

ނަމަވެސް ލައިބީރިއާގެ އިލެކްޝަން އޮފިޝަލުން ބުނެފައި ވަނީ ރަސްމީ ނަތީޖާ އަދި އިއުލާން ނުކުރާ ކަމަށެވެ.

ލައިބީރިއާގެ ސެނެޓުގައި މިހާރު ވެސް ހިމެނިވަޑައިގަންނަވާ ވިއާ ވަނީ 1995 ވަނަ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ. އަދި 1989، 1994 އަދި 1995 ވަނަ އަހަރު ވަނީ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ އެވެ. މީގެ އިތުރުން 1996 ވަނަ އަހަރު ވަނީ އެފްރިކާގެ ގަރުނުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.