13 އޮކްޓޯބަރ 2017 - 11:07

އިއްޔެ ފެށި ގައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިއާ ދިވެހި ސިފައިންގެ ކްލަބުގެ ހަސަން ސާއިދު އެއް ވަނަ ހޯދިއިރު، 5000 މީޓަރު ދުވުމުގެ ފިރިހެން އަދި އަންހެން އިވެންޓުން ނޭޕާލުގެ ދުވުންތެރިން ކުރި ހޯދައިފި އެވެ.
މުބާރާތުގެ އެންމެ މުހިއްމު އިވެންޓް ކަމަށްވާ 100 މީޓަރު ދުވުމުން ސާއިދު އެއް ވަނަ ހޯދީ 11:18 ސިކުންތުން ދުވެގެންނެވެ. މި އިވެންޓުގެ އޭނާގެ ގައުމީ ރެކޯޑް ޓައިމިން އަކީ 10:33 ސިކުންތެވެ. މި އިވެންޓުން ދެ ވަނަ ހޯދީ 11:42 ސިކުންތުން ދުވި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ ޝަރީޝް އަހުމަދެވެ. ތިން ވަނަ ހޯދީ މިދިޔަ އަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމް ހޯދި ކަލާފާނު ސްކޫލުގެ މުހައްމަދު މުނާޒް އަލީ އެވެ. އައިލެންޑް ރަނާސް މޯލްޑިވްސް ޓީމަށް ދުވި މުނާޒް ރޭސް ނިންމީ 11:68 ސިކުންތުންނެވެ.
މެދު ރާސްތާ ދުވުމުގައި މިވަގުތު ރާއްޖޭގައި ތިބި އެންމެ ފާހަގަކުރެވޭ ދެ ދުވުންތެރިން ކަމަށްވާ ޒައިދު ޝަރީފާއި ހުސެއިން ފަޒީލް ހާރޫން ފަހަތަށް ޖައްސާލުމަށް ފަހު ފިރިހެނުންގެ 5000 މީޓަރު ދުވުމުގެ އެއް ވަނަ ހޯދީ 15 މިނެޓު 50:44 ސިކުންތުން ދުވި ނޭޕާލުގެ ލާލް ބަހާދުރް ތާޕާ އެވެ. މި ފަހަރު ވެސް ދެ ވަނަ ހޯދީ މިދިޔަ އަހަރުގެ ދެ ވަނަ ހޯދި ޒައިދެވެ. ބަހާދުރާ އެކު އައިލެންޑް ރަނާސް މޯލްޑިވްސް ޓީމަށް ދުވި ޒައިދު ރޭސް ނިންމީ 16 މިނެޓު 40 ސިކުންތުންނެވެ. މިދިޔަ އަހަރު މި އިވެންޓް ކާމިޔާބުކުރި ފަޒީލް މި ފަހަރު ތިން ވަނަ އަށް ދިޔައީ، 17 މިނެޓު 32:87 ސިކުންތުން ދުވެގެންނެވެ.
އަންހެނުންގެ 5000 މީޓަރު ދުވުމުގެ އިވެންޓުގައި މިދިޔަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓް މަރިޔަމް އަބްދުލްކަރީމް (މަރީ) ދިޔައީ ދެ ވަނަ އަށެވެ. އެއް ވަނަ ހޯދީ 20 މިނެޓު 37:94 ސިކުންތުން ދުވި އައިލެންޑް ރަނާސް މޯލްޑިވްސްގެ ނޭޕާލް ދުވުންތެރިއާ ބަޓްރާއީ ސަރަސްވަތީ އެވެ. ދާދި ފަހުން ކޮލަމްބޯ މެރެތަންގައި ދުވި މަރީ ދެ ވަނަ އަށް ދިޔައިރު ރޭސް ނިންމީ 21 މިނެޓު 16:89 ސިކުންތުންނެވެ. ތިން ވަނަ އަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ އައިމިނަތު ޖައިޝާ ޖުނީ އެވެ. އޭނާގެ ޓައިމިން އަކީ 22 މިނެޓު 13:39 ސިކުންތެވެ.
އެކަމަކު ފިރިހެނުންގެ ހަތަރެއް ގުނަ 400 މީޓަރު ރިލޭގައި ސާއިދާއި އޭނާގެ ޓީމު ވަނީ ނޭޕާލް ދުވުންތެރިން ފަަހަތަށް ޖައްސާލައިފަ އެވެ. ނޭޕާލުގެ ދެ ދުވުންތެރިންނާއި ރާއްޖޭގެ އުއްމީދީ ދުވުންތެރިއާ މުނާޒް ހިމެނުނު އައިލެންޑް ރަނާސް މޯލްޑިވްސް ޓީމުގެ މައްޗަށް ކުރި ހޯދައި މި އިވެންޓުން އެއް ވަނަ ހޯދީ ސިފައިންގެ ކްލަބުންނެވެ. ސާއިދާއި ހުސެއިން އިނާޝާއި ހުސެއިން ރިޒާ އަދި ޖޫނިއާ ދުވުންތެރިއާ އިބްރާހިމް މުހައްމަދު ހިމެނުނު ސިފައިންގެ ޓީމު ރޭސް ނިންމީ 3 މިނެޓު 30:95 ސިކުންތުންނެވެ. އައިލެންޑް ރަނާސް ޓީމު ދެ ވަނަ އަށް ދިޔައީ 0.4 ސިކުންތުގެ ތަފާތަކުންނެވެ. މި އިވެންޓުގެ ތިން ވަނަ އަށް ދިޔައީ 4 މިނެޓު 23.65 ސިކުންތުން ރޭސް ނިންމި ކޭއެޗް ސްޕޯޓްސް އެސޯސިއޭޝަނެވެ.
އަންހެނުންގެ 100 މީޓަރު ދުވުމުގެ އެއް ވަނަ ހޯދީ 14:13 ސިކުންތުން ދުވެގެން ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ އަރީން އަލީ ޝަރީފެވެ. އެ ޓީމުގެ މިރުފަތު އަހުމަދު 14:17 ސިކުންތުން ދުވެގެން ދެ ވަނަ އަށް ދިޔައިރު ތިން ވަނަ އަކީ 14:26 ސިކުންތުން ދުވި އައިލެންޑް ރަނާސް މޯލްޑިވްސްގެ އައިޝަތު ޝަބާ ސަލީމެވެ. ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިއާ އަފާ އިސްމާއިލް އަނިޔާގެ ސަބަބުން މި ފަހަރު ވާދަނުކުރެ އެވެ.
ތިން ދުވަހުގެ މުއްދަތަށް މާލޭ އެކުވެނި ޓްރެކުގައި ކުރިއަށްދާ މުބާރާތުގެ ފުރަތަމަ ދުވަހުގެ އިވެންޓްތައް ނިމުނުއިރު ފިރިހެން ބައިގެ އެއް ވަނައިގައި 36 ޕޮއިންޓާ އެކު އޮތީ ދިވެހި ސިފައިންގެ ކްލަބެވެ. ދެ ވަނައިގައި 21 ޕޮއިންޓާ އެކު އައިލެންޑް ރަނާސް މޯލްޑިވްސް އެވެ. ތިން ވަނަ އަކީ ތިން ޕޮއިންޓާ އެކު ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެވެ.
އަންހެން ބައިގެ އެއް ވަނައިގައި މިވަގުތު 22 ޕޮއިންޓާ އެކު ޓްރެކް އެންޑް ފީލްޑް އޮތްއިރު ދެ ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އައިލެންޑް ރަނާސް އެވެ. ސިފައިން އޮތީ އަށް ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.