13 އޮކްޓޯބަރ 2017 - 10:56

ލަންކާގެ މަޝްހޫރު ސްކޫލެއް ކަމަށްވާ ޑޭ ބްރިޖް ސްކޫލުގައި އިއްޔެ ހިންގި މާރާމާރީއާ ގުޅިގެން ދިވެހި ދެ ކުދިން ހިމެނޭ ގޮތަށް ހަތަރު ކުއްޖަކު ހައްޔަރުކޮށްފި އެވެ.
އުމުރުން 18 އަހަރު ނުފުރޭ ދިވެހި، އަދި ލަންކާ ކުދިންތަކެއް ހިންގި އެ މާރާމާރީއާ ގުޅިގެން ތިން ކުއްޖަކު ވަނީ ޒަހަމް ވެފައެވެ. އޭގެ ތެރޭގައި ދިވެހި ދެ ކުދިން ހިމެނެ އެވެ.
ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައިވާ ސަފީރު، މުހައްމަދު ހުސެން ޝަރީފް (މުންދު) މިއަދު ވިދާޅުވީ އޭގެ ތެރެއިން އެއް ކުއްޖެއްގެ އަތަށް އަދި އަނެއް ކުއްޖެއްގެ ބުރަކަށްޓަށް ތޫނު އެއްޗެއް ހެރި ޒަހަމްވެފައިވާއިރު މިހާރު ދެކުދިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
"މިއަދު އެތަންތަން ފަހާފަ ވޯޑަށް ނެރުނީ. ނަސީބަކުން އެހާ ފުންކޮށް ވަދެފައެއް ނުވޭ. ދިވެހި ދެކުދިންގެ ހާލުވެސް ރަނގަޅު." މުންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ދިވެހި ދެ ކުދިން ހިމެނޭގޮތަށް ހަތަރު ކުއްޖަކު ހައްޔަރު ކޮށްފައިވާއިރު އިތުރު ތިން ކުއްޖަކު ހޯދުމުގެ މަސައްކަތް ލަންކާ ފުލުހުން އަންނަނީ ކުރަމުންނެވެ.
"އެކުދިންގެ ބަޔާން ނަގައިފި، ހައްޔަރު ކޮށްފައި ތިބީ. އެކަމަކު ދައުވާއެއް އަދި ނުކުރޭ،" މުންދު ވިދާޅުވި އެވެ.
އަވަށްޓެރި ސުރީލަންކާއަކީ 15000 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅެމުން ދާ ގައުމެކެވެ.