13 އޮކްޓޯބަރ 2017 - 09:20

ބެއިޖިން، ޗައިނާ (އޮކްޓޯބަރު 13) - ރެފްރީންގެ މައްސަލަތަކާ ގުޅިގެން ޗައިނީސް ސުޕަ ލީގުގެ ކްލަބްތަކުގެ ޝަކުވާ އިތުރުވަމުންދާތީ ބޭރު ގައުމުތަކުން ފެންވަރު ރަނގަޅު ރެފްރީން ގެންނަން ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފި އެވެ.
ޗައިނާ އެފްއޭ އިން ބުނީ މި ގޮތަށް އަމަލުކުރަން ނިންމީ ރެފްރީންނާ ގުޅޭގޮތުން ކްލަބްތަކުން ކޮށްފައިވާ ޝަކުވާތައް ބެލުމަށް ފަހު ކަމަށެވެ. އަދި އެ އެސޯސިއޭޝަނުން ބެލި ބެލުމުން ގިނަ މައްސަލަތަކެއް ރެފްރީންގެ ފަރާތުން ބޮޑެތި މެޗުތަކުގައި ފެނިފައިވާ ކަމަށާއި އެހެން ވުމުގެ ސަބަބުން މެޗުތަކުގެ ނަތީޖާއަށް ވެސް އަސަރުކޮށްފައިވާ ކަމަށެވެ.
އަދި އެކަމަށް ޗައިނާ އެފްއޭގެ ނައިބް ރައީސް ޒެން ޖިއާން ވެސް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
ޗައިނާ އެފްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ރެފްރީންގެ ފެންވަރު ރަނގަޅު ކުރުމަކީ އެ އެސޯސިއޭޝަނުގެ ޒިންމާއެއް ކަމަށާއި އެކަން އެންމެ ރަނގަޅަށް ކުރަން ބޭނުންވާ ކަމަށެވެ.
"ބޭރުގެ އެންމެ ހައި ލެވެލް ރެފްރީން މި ގެންނަނީ މެޗުތަކުގައި އޮފިޝަލްކަން ކުރަން. އެއީ މެޗުތަކުގެ ނަތީޖާތައް އިންސާފުވެރި ކުރުމަށާއި ޗައިނާގެ ރެފެރީންނަށް ގެންނަ ރެފްރީންތަކުގެ ފަރާތުން ކަންތައްތަކެއް ދަސްކޮށްދިނުމަށް،" ޗައިނާ އެފްއޭ އިން ނެރުނު ބަޔާނުގައިވެ އެވެ.
މިދިޔަ ޖުލައި މަހު ޗައިނާ ދެ ވަނަ ޑިވިޝަން މެޗަކަށް ފަހު އެ މެޗުގައި އިންސާފުކުރި ހަތަރު އޮފިޝަލުންނަށް ވަނީ ހަމަލާދީފަ އެވެ. އެ މެޗުގައި ހަމަނުޖެހުން ހިގަން މެދުވެރިވީ މެޗުގެ އިތުރު ވަގުތަށް ދެއްކި ހަތް މިނިޓްގެ ތެރޭގައި ފައުލުނުވަނިސް ބަލިވެފައި އޮތް ޓީމަށް ޕެނަލްޓީއެއް ދިނުމުންނެވެ.
މި ހަފްތާ ބަންދުގައި ޗައިނާ މެޗުތަކުގައި އޮފިޝަލްކަން ކުރުމަށް ގެނެސްފައިވަނީ ޔޫރަޕްގެ ގިނަ މުބާރާތްތަކުގައި ރެފްރީކަން ކޮށްފައިވާ ސްވިޑެންގެ ޖޮނަސް އެރިކްސަން އާއި ފްރާންސްގެ ޓޯނީ ޗެޕްރޯން އެވެ.
ޗައިނާ އެފްއޭ އިން އަންނަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ އެ ލީގަށް ތައާރަފް ކުރަން މަސައްކަތް ކުރަމުންނެވެ.