ރެފްރީއާ ބެހޭގޮތުން ޓްވީޓްކުރުމުން އަދަބުދީފި
ރެފްރީއާ ބެހޭގޮތުން ޓްވީޓްކުރުމުން އަދަބުދީފި

ބާމިންހަމް، އިންގްލެންޑް (އޮކްޓޯބަރު 13) - އިންގްލެންޑުގެ އެސްޓަން ވިލާގެ ޗެއާމަން ޗައިނާގެ ވިޔަފާރިވެރިޔާ ޓޯނީ ޒިއާ ރެފްރީއަކާ ބެހޭގޮތުން ޓްވީޓެއް ކުރުމާ ގުޅިގެން އިނގިރޭސި އެފްއޭ އިން އޭނާ އަށް އަދަބުދީފި އެވެ.

ޒިއާ ޓްވީޓްކުރީ މިދިޔަ މަހު 30 ވަނަ ދުވަހު ބޯލްޓަން އަތުން 1-0 އިން އެސްޓަން ވިލާ މޮޅުވި މެޗުގެ ރެފްރީ ޖެރެމީ ސިމްޕްސަން ހުރީ ވަކި ފަރާތަަކަށް ޖެހިފައި ކަމަށް ބުނެ އެވެ. އިނގިރޭސި އެފްއޭ އިން މި މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ ޒިއާ 4000 ޕައުންޑުން ޖޫރިމަނާ ކުރުމަށެވެ.

ޒިއާ އެ މެޗުގެ ރެފްރީ ސިމްޕްސަން އަށް ފާޑުކީ މެޗުގައި އެ ޓީމާ ދެކޮޅަށް ގިނަ ފައުލުތަކެއް ދެއްކި ކަމަށް ތުހުމަތުކޮށެވެ.

އިނގިރޭސި އެފްއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޒިއާ ވަނީ އެ މެޗުގެ ރެފްރީގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދާފައި ކަމަށާއި ކްލަބެއްގެ އިސް މަގާމެއްގައި ހުރި ފަރާތަކުން މެޗު އޮފިޝަލަކާ މެދު އިހުތިރާމް ކުޑަކޮށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފްއޭ އިން ވަނީ މިފަދަ ކަމެއް ޒިއާގެ ފަރާތުން ތަކުރާރުވެއްޖެނަމަ ބޮޑު އަދަބެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

މީގެ ކުރިން ވެސް އިނގިރޭސި އެފްއޭ އިން ވަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އަދި ސޯޝަލް މީޑިއާގައި ރެފްރީންނަށް ފާޑުކިޔާ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަދަބުދީފަ އެވެ.