13 އޮކްޓޯބަރ 2017 - 06:48

ކަރަންޓަށް ޖަހާފައި ހުރި ޗާޖަރެއްގެ ކޮޅު އަނގަޔަށް ލައިގެން އުޅެނިކޮށް އެމެރިކާގެ ކުޑަކުއްޖަކު ފިހުނު ހާދިސާއެއްގެ ފޮޓޯ އާއްމުކޮށް، އޭނާގެ މަންމަ ބެލެނިވެރިންނަށް އިންޒާރެއް ދީފި އެވެ.
ކެންޓަކީގެ ގްލާސްގޯގައި ދިރިއުޅޭ ކޯޓްނީ ޑޭވިސް ވަނީ އޭނާގެ ދޮޅު އަހަރުގެ އަންހެން ދަރިފުޅު ގެބީ ފިހިފައިވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ފޭސްބުކްގައި ޝާއިއުކޮށްފަ އެވެ. ކޯޓްނީ ބުނާގޮތުގައި ފޯނުގެ ޗާޖަރު ގެންގުޅެނިކޮށް ކަރަންޓުގައި ޖެހިގެން ފިހިފައިވާ ދަރިފުޅު ޕްލާސްޓިކް ސާޖަންއަކަށް ދައްކަން ޑޮކްޓަރު ވަނީ ލަފާދީފަ އެވެ.
އޭނާ ބުނީ އެހެން ދުވަހެއް ނަމަ، އޭނާގެ ޗާޖަރު ދަރިފުޅުގެ އަތުޖެހޭ ހިސާބުގައި ކަރަންޓަށް ޖަހާފައި ނުހުންނާނެ ކަމަށާއި އެ ދުވަހު އުޅެން ޖެހުނު ގޮތުން އެހެން ތަނަކަށް ޗާޖަރު ބަދަލު ނުކުރެވި ހުއްޓާ ގެބީ އޭތި ނަގައިގެން އަނގަޔަށް ލީ ކަމަށެވެ. އަދި އޭގެ ކުރިން، ދުވަހަކު ވެސް އޭނާ ޗާޖަރާ ކުޅެ ހަދާފައި ނުވާ ކަމަށާއި ޗާޖަރު އެހެން ތަނަކަށް ނުގެންދެވި ހުރި ހަމައެކަނި ދުވަހު އޭތި ނަގައިގެން އުޅެނިކޮށް ގެބީ ފިހުނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކަމަށް ވެސް ކޯޓްނީ ބުންޏެވެ.
ކޯޓްނީ ވަނީ، ޗާޖަރު ކަރަންޓަށް ޖަހާފައި ބެހެއްޓުމުގައި ސަމާލުވާން އެހެން ބެލެނިވެރިންގެ ކިބައިން އެދިފަ އެވެ.
އޭނާގެ ފޭސްބުކް ޕޯސްޓް ވައިރަލް ވެގެންދިޔަ އިރު ގިނަ ބައެއްގެ ސުވާލަކަށްވީ ގެބީ ފިހުނީ ކޮން ކަހަލަ ޗާޖަރަކުންތޯ އެވެ. ކޯޓްނީ ބުނީ ފިހާރައަކުން އޭނާ ގަތް އެ ޗާޖަރު ބޭނުންކުރީ ސެމްސަންގް ނޯޓް 5ގެ ފޯނެއް ޗާޖުކުރަން ކަމަށެވެ.
ކުޑަކުދިން ކަރަންޓުގައި ޖެހިދާނެތީ ގޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ބަހައްޓަން ސިއްހީ މާހިރުން ލަފާދެއްވަ އެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި:
1. އެ ވަގުތަކު ބޭނުން ނުކުރާ ކަރަންޓު ސޮކެޓްތަކުގައި ސޭފްޓީ ކަވަރު އަޅުވާފައި ބެހެއްޓުން
2. ބޭނުން ނުކުރާ ހުރިހާ ޕްލަގްތަކެއް ކުޑަކުދިންގެ އަތުނުޖެހޭ ހިސާބުގައި ބެހެއްޓުން
3. އެ އާލާތެއް އުފެއްދި ފަރާތުން ވިއްކާ ކޭބަލް އެކަނި ބޭނުންކުރުން އަދި ވާގަނޑުތައް ކުދިންގެ އަތުނުޖެހޭ ހިސާބުގައި ބެހެއްޓުން
4. އެކްސްޓެންޝަން ކޭބަލްގައި ހުންނަ ބޭނުން ނުކުރާ އައުޓްލެޓްތަކުގައި ސޭފްޓީ ޕްލަގް ޖަހާފައި ބެހެއްޓުން