13 އޮކްޓޯބަރ 2017 - 06:47

އިނގިރޭސިވިލާތުގައި، ދިރިދިރި އޮތް މަހެއް ހިފައިގެން ސަމާސާކުރަން އުޅުމުގެ ތެރޭގައި މަސް ކަރު ތެރެއަށް ވެއްޓިގެން ނޭވާ ހޮޅި ބެދި، ހިތް ހުއްޓުނު މީހެއްގެ ފުރާނަ ސަލާމަތްކޮށްފި އެވެ.
ސައުތު ވެސްޓް އިންގްލެންޑްގެ ކައުންޓީއެއް ކަމަށްވާ ޑޯސެޓްގައި ހިނގި މި ހާދިސާގައި 28 އަހަރުގެ ފިރިހެންމީހާގެ ނޭވާ ހުއްޓިފައި ވަނިކޮށް އޭނާ ސަލާމަތްކުރީ ޕެރެމެޑިކުންނެވެ.
ގާތްގަނޑަކަށް 14 ސެންޓިމީޓަރުގެ އެ މަސް ބޭނުމަށް ފަހު މަޖަލަކަށް އޭތި މައްޗަށް ނަގައި އަނގައިގެ ތެރެއަށް ދިއްކޮށްގެން ހުއްޓާ މަސް ތެޅިގަތް ގޮތަށް އޭނާގެ ކަރު ތެރެއަށް ގޮސްގެން ތާށިވުމުން އެ މީހާގެ ރައްޓެހިން އިމަޖެންސީ ހެލްޕްލައިނަށް ގުޅި އެވެ. އަދި ޕެރެމެޑިކުން ދިޔަ އިރު އެ މީހުން ތިބީ، ފޯނުން ލިބުނު އިރުޝާދާ އެއްގޮތަށް، އޭނާ ނޭވާ ލައްވަން ސީޕީއާރު ދޭށެވެ.
އެ މީހާގެ ފުރާނަ ސަލާމަތްކުރި ދެ ޕެރެމެޑިކުންގެ ތެރެއިން މާޓީން ބޮކްސް ބުނިގޮތުގައި އޭނާގެ ކަރު ތެރޭގައި ތާށިވެގެން އުޅުނީ ކޯއްޗެއްކަން އެނގުނީ އެ ތަނަށް ދިޔަ ފަހުންނެވެ.
ކޮތަޅަކާއި މާސްކެއް ބޭނުންކޮށްގެން އޮކްސިޖަން ދީ، އޭނާ ނޭވާ ލައްވަން ޕެރެމެޑިކުން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ.
ދެ ޕެރެމެޑިކުންގެ ތެރެއިން މެޓް ހެރިސަން ބުނީ އެމްބިއުލެންސް ތެރޭގައި އޭނާގެ ހާލަތު އިތުރަށް ގޯސްވި ކަމަށާއި ހޮސްޕިޓަލާ ދެމެދު އޮތް ކުރު ރާސްތާގައި ވެސް އޭނާ ދިރިނޯންނާނެ ކަން ވިސްނުނު ކަމަށެވެ. އެހެންވެ އެ މީހުން ނިންމީ ކަރު ތެރޭގައި އޮތް މަސް ނަގާށެވެ.
މެޑިކަލް އާލާތްތައް ބޭނުންކޮށްގެން ކަރު ތެރެ ބަލައި މަސް ނެގީ އޭގެ ނިގުލުގައި ހިފައިގެންނެވެ. ހެރިސަން ބުނިގޮތުގައި އޭނާ ގެންގުޅުނު ފޯސެޕްސް މަހުން ނެއްޓިދާނެތީ ނުވަތަ ނިގޫ ވަކިވެގެން އައިސްދާނެތީ ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހުނެވެ. އެހެންވި ނަމަ، އެ މަސް އެ މީހުންނަށް ނުފެންނަ ހިސާބަށް އެތެރެއަށް ދިޔައީސް ކަމަށާއި އޭރުން ބަލިމީހާގެ ފުރާނަ ސަލާމަތްކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
މަސް ނެރެން ކުރި މަސައްކަތް ކާމިޔާބުވީ ހަވަނަ ފަހަރުންނެވެ. ހެރިސަން ބުނީ ބޭނި ގޮތަށް އޮތް އެ މަސް ފެނުމުން ވަރަށް ހައިރާންވި ކަމަށެވެ.
"މިއީ އަހަރެންނާ މިހާތަނަށް ދިމާވި އެންމެ އާދަޔާޚިލާފު ހާދިސާ. މިހާ އާދަޔާޚިލާފު ކަމަކާ ފަހުން ވެސް ކުރިމަތިލާން ޖެހޭނެ ހެނެއް ހިއެއް ނުވޭ. އެކަމަކު، ބަލިމީހާގެ ހިތް ހުއްޓުމާ ގުޅިގެން ދާއިމީ ގެއްލުމެއް ނުލިބި ސަލާމަތްވީމާ އަހަރެމެން އެންމެން ވެސް ވަރަށް އުފާވޭ. އެފަދަ ކަމެއް ދިމާވި ނަމަ ވަރަށް ގެއްލުން ބޮޑު އަދި ހިތާމަވެރި ހާދިސާއަކަށް މިކަން ވީސް،" ހެރިސަން ބުންޏެވެ.