އުފަން ދުވަހާ އެކު ނިއުމާގެ ތިން ސަޕްރައިޒެއް އެބައޮތް
އުފަން ދުވަހާ އެކު ނިއުމާގެ ތިން ސަޕްރައިޒެއް އެބައޮތް

މި މަހުގެ 20 ވަނަ ދުވަސްވެގެން ދާނީ ބަތަލާ ނިއުމާ މުހައްމަދަށް ވަރަށް ހާއްސަ ދުވަހަކަށެވެ. އެހެންވެ އޭނާ އަންނަނީ ފޭނުންނަށް ހަދިޔާއަކާ އެކު ސަޕްރައިޒްތަކެއް ވެސް ދޭން ތައްޔާރުވަމުންނެވެ.

އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހަކީ ނިއުމާގެ އުފަން ދުވަހެވެ. މި ފަހަރުގެ އުފަން ދުވަސް ހާއްސަވާ އެއް ސަބަބަކީ އޭނާ އަށް 40 އަހަރު ފުރޭތީ އެވެ. އަނެއްކޮޅުން ނިއުމާ ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ 20 އަހަރު ފާހަގަކުރަން "ސެލެބްރޭޓިން 20" ގެ ނަމުގައި އަންނަނީ ލަވަތަކެއް ބެލުންތެރިންނަށް ދޫކޮށްލަން ވެސް ތައްޔާރުވަމުންނެވެ.

ހަތް ލަވައިގެ މި ކަލެކްޝަނުން ނިއުމާއާ އެކު މުހައްމަދު މަނިކު، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، އަހުމަދު އަޒްމީލް (އަޒޭ) އަދި އިސްމާއީލް ޖުމައިހް (ޖުމާ) ފަދަ އެކްޓަރުން ފެނިގެން ދާނެ އެވެ.

"ސެލެބްރޭޓިން 20" ޓީޒާއެއް ވެސް މިހާރު ވަނީ ފޭނުންނަށް ދޫކޮށްލައިފަ އެވެ. ނިއުމާގެ އަޑުން ކިޔާފައިވާ ލަވަތަކެއް ހިމެނުމުގެ އިތުރުނއ އެހާމެ އަގު ބޮޑު ރީތި ހެދުންތަކެއް ވެސް މީގައި ފެނިގެން ދާނެ އެވެ. ކޮސްޓިއުމްތައް ތައްޔާރުކޮށްފައި ވަނީ ސޭންޑީ އާއި އިބްރާހީމް އަލީ އެވެ.

މީގެ އިތުރުން ނިއުމާ އާއި އަލީ ސީޒަން އެކުގައި ކުޅުނު ލަވަތަކުގެ ތެރެއިން އާންމުންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ލަވައެއް ކަމަށްވާ "ރުހެންޏާ ލޯބި ދީ" ގެ ރިބޫޓިން ވާޝަންއެއް "ސެލެބްރޭޓިން 20" ގައި ވަނީ ހިމަނައިފަ އެވެ. މި ލަވައިގައި ނިއުމާއާ އެކު މި ފަހަރު ފެނިގެން ދާނީ ޖުމާ އެވެ.

ނިއުމާ ބުނީ "ސެލެބްރޭޓިން 20" ނެރެން 20 ވަނަ ދުވަހުގެ ރޭ ބާއްވާ ހަފުލާގައި ފޭނުންނަށް ވަރަށް ހާއްސަ ތިން ސަޕްރައިޒެއް ދޭނެ ކަމަށެވެ.

ފަހަރުގައި އޭގެ ތެރެއިން އެއް ސަޕްރައިޒަކީ ނިއުމާގެ ދެވަނަ ޑައިރެކްޝަނަށް ވެސް ވެދާނެ އެވެ. އެކަހަލަ އިޝާރާތެއް އޭނާ ވަނީ ކުރިން ދީފަ އެވެ. "ނިއުމާ" ގެ ނަމުގައި ނިއުމާ ޑައިރެކްޓްކޮށް، ޓައިޓްލް ރޯލް ކުޅެ 2010 ގައި ގެނެސް ދިން ފިލްމަކީ ވަރަށް ކާމިޔާބު ފިލްމެކެވެ.