އުއްމީދުތައް ފެނަށް، އެކަމަކު ސީރިއާ ހިތްވަރުގައި
އުއްމީދުތައް ފެނަށް، އެކަމަކު ސީރިއާ ހިތްވަރުގައި

އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ގައުމުތަކުން މަސައްކަތް ކުރަމުން އައިއިރު، އެންމެ ގިނަ ބަޔެއްގެ ލޯ އަމާޒުވި އެއް ޓީމަކީ ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ވީރާނާވެފައިވާ ސީރިއާ އެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް ސީރިއާ އިން ދިޔައީ ގިނަ ބަޔަކު ހީކުރިގޮތާ ހިލާފަށް ވޯލްޑް ކަޕަށް ކޮލިފައިވުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ވޯލްޑް ކަޕަށް ކޮލިފައިވުމަށް އެ ޓީމުން ކުރި ދަތުރު އޭޝިއާ ޕްލޭއޮފް ބުރާ ހަމައިން ނިމި އުއްމީދުތައް ފެނަށް ދިޔަ ނަމަވެސް އެ ޓީމުގެ އަޒުމަކީ ދެން އޮތް ވޯލްޑް ކަޕަށް ކޮލިފައިވުމަށް ދެގުނަ ހިތްވަރާ އެކު ނުކުތުމެވެ.

ހަނގުރާމަ ކުރިއަށްދާތީ ސީރިއާގެ ހޯމް މެޗުތައް ކުޅެމުން އަންނަނީ މެލޭޝިއާގަ އެވެ. މިދިޔަ 28 މަސް ދުވަހުގެ ތެރޭގައި ވޯލްޑް ކަޕް ކޮލިފައިންގައި އެ ޓީމު ކުޅުނު 20 މެޗުގެ ތެެރެއިން ނުވަ މެޗުން މޮޅުވިއިރު، ފަސް މެޗުން ވަނީ އެއްވަރުވެފަ އެވެ. ބަލިވީ ހަ މެޗުންނެވެ.

ސީރިއާގެ ކޯޗު އައިމަން ހަކީމް ބުނީ ވޯލްޑް ކަޕަށް ކޮލިފައިވުމަކީ އެ ޓީމުން މި އުނދަގޫ ހާލަތުގައި މުޅި ސީރިއާ އުފާކޮށްދިނުމަށް ކުރަން ބޭނުންވި މަސައްކަތެއް ކަމަށެވެ.

"އަހަރެމެން ބޭނުންވީ މުޅި ސީރިއާ އުފާކޮށްދޭން. ކޮންމެ މެޗެއްގައި ވެސް ޑްރެސިން ރޫމު ތެރޭގައި މި ކުޅުންތެރިން ނުކުންނަނީ އަމިއްލަ ގައުމު އޮތް ހާލާ މެދު ފިކުރުކޮށް ހާލުގައި ޖެހިފައި ތިބި އެންމެންގެ ހައްގުގައި ފުޓްބޯޅައިން އުފަލެއް އެމީހުންނަށް ހޯދައިދޭން. އަހަރެމެންގެ ހުވަފެނީ ދަތުރު ނިމި އުއްމީދުތައް ހާސިލްނުވިޔަސް ދެން ވެސް އަންނާނަން. ގަތަރުގައި 2022ގައި އޮތް ވޯލްޑް ކަޕަށް ކޮލިފައިވާން އަހަރެމެން ނުކުންނާނީ ދެ ގުނަ ހިތްވަރާ އެކު،" ހަކީމް ބުންޏެވެ.

ސީރިއާ ޓީމުގައި ގިނައީ އޮމާނާއި ޖޯޑަން އަދި ގަތަރު ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. އަދި މި ޓީމުގެ ދެ ވަނަ ކީޕަރަކީ ރާއްޖޭގެ މާޒިޔާ އަށް ކުޅެމުން އަންނަ މަހުމޫދު އަލް ޔޫސުފް އެވެ.

"މި ޓީމުގައި ތިބި ކުޅުންތެރިން މި ފަހަރު ބޭނުންވި އެއް ކަމެއް ސީރިއާ އަށް ފުޓްބޯޅައިގައި ގިނަ ބަޔެއްގެ އިހުތިރާމް ހޯދައިދިނުން. އެކަން ކާމިޔާބުވެއްޖެ. އެއީ ކުރިއަށް އެޅުނު ފިޔަވަޅެއް. ދެން އޮތީ ވޯލްޑް ކަޕްގެ ހުވަފެން. އިންޝާﷲ. އެކަން ވެސް ކާމިޔާބުވާނެ،" ހަކީމް ބުންޏެވެ.

އޭޝިއާގެ ޕްލޭއޮފް ބުރުން ސީރިއާ ޖާގަ ހޯދީ ތިން ވަނަ ބުރުން ގްރޫޕްގެ އޭގެ ތިން ވަނަ ހޯދައިގެންނެވެ. އެ ޓީމު ތިން ވަނަ ހޯދީ ގަތަރާއި ޗައިނާ ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ސީރިއާ ގްރޫޕްގެ ތިން ވަނަ ހޯދީ ހަތަރު ވަނައަށް ދިޔަ އުޒްބެކިސްތާނާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ފައިދާ ލަނޑުން ކުރިލިބޭތީ އެވެ. ސީރިއާ ޕްލޭއޮފް ޖާގައެއް ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި ވަނީ ފަހު ވަގުތުގެ ލަނޑާ އެކު 2-2 އިން އޭޝިއާގެ ގަދަބާރު އީރާނާ އެއްވަރުކޮށްގެންނެވެ.

ޕްލޭއޮފް ފުރަތަމަ މެޗުގައި ސީރިއާ އިން ވަނީ އޮސްޓްރޭލިއާއާ 1-1 އިން ހޯމް މެޗުގައި އެއްވަރުކޮށްފަ އެވެ. އޮސްޓްރޭލިއާގައި ކުޅުނު މެޗުގެ ވެސް ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އަކީ 1-1 އެވެ. އެހެން ނަމަވެސް އިތުރު ވަގުތުގެ ދެ ހާފްގައި އޮސްޓްރޭލިއާ އިން ވައްދާލި ލަނޑާ އެކު ސީރިއާ ކެޓީ އެވެ.