13 އޮކްޓޯބަރ 2017 - 09:14

ޕެރިސް، ފްރާންސް (އޮކްޓޯބަރު 13) - ޕީއެސްޖީގެ ކޯޗަކަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ގެންނަން ޕީއެސްޖީގެ ވެރިޔާ ނާސިރު އަލް ހެލާފީ މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި ސީޒަނުގައި ޕީއެސްޖީގެ މިހާރުގެ ކޯޗު އުނާއި އެމެރީ އަށް އެ ޓީމަށް ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވިއްޖެނަމަ ޕީއެސްޖީގެ ބޯޑުން ނިންމާފައިވަނީ އޭނާ މަގާމުން ވަކިކުރުމަށް ކަމަށް ފްރާންސްގެ މިޑީއާތަކުން މިދިޔަ ހަފްތާގައި ވަނީ ރިޕޯޓްކޮށްފަ އެވެ.
ޕީއެސްޖީ ޔޫރަޕް ފުޓްބޯޅައިގެ ވަރުގަދަ ބާރަކަށް ހެދުމަށް ގަތަރުގެ މަހުޖަނު ހެލާފީ މަސައްކަތް ފަށާފައިވާއިރު އޭނާގެ ފުރަތަމަ އަމާޒަކީ ޗެމްޕިއަންސް ލީގު ހޯދުމެވެ. އެހެން ނަމަވެސް މިހާތަނަށް އެ ޓީމަށް ކާމިޔާބުނުވެ އޮތްއިރު ފައިނަލުން ވެސް ޖާގައެއް ނުލިބެ އެވެ.
ރެއާލުގެ ކޯޗުކަމާ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހަވާލުވުމަށް ފަހު ޒިދާން އަންނަނީ އޭނާގެ ފެންވަރު ސާބިތުކޮށްދެމުންނެވެ. ކޯޗިންގެ ތަޖުރިބާމަދު ނަމަވެސް ޒިދާން އަންނަނީ ރެއާލާ އެކު ތަފާތު ދައްކަމުންނެވެ. އެގޮތުން ފާއިތުވި ދެ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން ކްލަބް ވޯލްޑް ކަޕާއި މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކުރި އެވެ.
މި ސީޒަން ފެއްޓުމުގެ ކުރިން ޒިދާން ވަނީ ރެއާލާ އެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެހެން ނަަމަވެސް އޭރު ވެސް ޒިދާން ބުނެފައިވަނީ ރެއާލުގެ ކޯޗެއްގެ ގޮތުގައި މަގާމު ދެމެހެއްޓޭނީ ކާމިޔާބީ ހޯދާނަމަ ކަމަށެވެ.
ހެލާފީގެ ގާތް މީހަކާ ހަވާލާދީ ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޒިދާންގެ އޭޖެންޓާ ހެލާފީ ވަނީ ދާދި ފަހުން ބައްދަކޮށްފަ އެވެ. އަދި ރެއާލުގެ ކޯޗުކަމުން ޒިދާން ވަކިވެއްޖެނަމަ އޭނާ ދެން ގުޅޭނީ ޕީއެސްޖީއާ ކަމަށް އަނގަބަހުން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް ވެސް ރިޕޯޓްކުރެ އެވެ.
ޕީއެސްޖީން ޒިދާނަށް ދުނިޔޭގެ ރެކޯޑް މުސާރައެއް ހުށަހަޅާފައިވާ ކަމަށް ވެސް ރިޕޯޓްތަކުގައިވެ އެވެ.