ގުރައިދޫ މަރުކަޒު ބާވެ، އުނދަގޫތައް ކުރިމަތިވެފައި
ގުރައިދޫ މަރުކަޒު ބާވެ، އުނދަގޫތައް ކުރިމަތިވެފައި

އުމުރުން ދުވަސްވީ މީހުންނާއި ސިކުނޑީގެ އެކި ބަލިތައް ހުރި މީހުން ބަލަހައްޓަމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ވަރަށް ބޮޑަށް ވީރާނާވެ، ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ބޮޑެތި މަރާމާތުކޮށްގެން އިމާރާތް ބޭނުންކުރަމުން އައި ނަމަވެސް ފެން ލީކުވުން ފަދަ މައްސަލަތައް ނުހުއްޓުވޭ ކަމަށެވެ. އަދި އެއީ ބަލިމީހުން ބައިތިއްބަން މިހާރު އެކަށީގެންވާ ތަނެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އަބަދުވެސް ޖެހެނީ މަރާމާތު ކުރާހާ. އެއް ތަނަކުން ފެން ލީކުވާތީ އެތަން މަރާމާތު ކުރާއިރު ދެން ހުރި ތަންތަން ހުންނަނީ ހަލާކުވެފައި،" އޭނާ ވިދާޅުވި އެވެ.

އިމާރާތް ބާވުމުގެ ސަބަބުން އެތަން ހުސްކުރުމުގެ މަޝްވަރާ ވެސް މީގެ ކުރިން ވަނީ ކޮށްފަ އެވެ.

ނަމަވެސް ކުރަން ޖެހޭ ހަރަދު ބޮޑުވުމުން އެކަން ނުވެފައި އޮތީ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ އިމާރާތް ބާވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ނޫން އެހެން ދައްޗެއް ނެތް ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 30 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.