13 އޮކްޓޯބަރ 2017 - 06:49

ރަނގަޅަށް ރޯނުފިލާ ހުންނަ ޕޯލްޓްރީގެ ބާވަތްތައް ކެއުމުން ކުޑަކަމުދާނިޒާމުގައި ޖަރާސީމު އަށަގަތުން ނުވަތަ ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) ޖެހެން މެދުވެރިވެދާނެ ކަމަށް އެމެރިކާގެ ބާކެލޭގެ ޔުނިވަސިޓީ އޮފް ކެލެފޯނިއާގެ ސައިންސްވެރިން ބުނެފި އެވެ.
ކެއުމުގެ ބާވަތްތަކާއި މި ބާވަތުގެ އިންފެކްޝަންތަކާ ގުޅުމެއްވާކަން މީގެ ކުރިން މި ސައިންސްވެރިންނަށް ވަނީ ހޯދިފަ އެވެ. އެހެންވެ ބޭހަށް ނުގުޑާ ޔޫޓީއައި އާއި އީ-ކޯލީ ބެކްޓީރިއާއާ ހުރި ގުޅުން ދެނެގަންނަން މި މީހުން ޝައުގުވެރިވީ އެވެ.
އީ.ކޯލީ އަކީ އިންސާނުންނާއި ޖަނަވާރުންގެ ގޮހޮރުގައި ދިރިއުޅޭ ޖަރާސީމެކެވެ. މިީގެ ތެރެއިން ގިނަ ޖަރާސީމަކީ އެއްވެސް ގެއްލުމެއް ހުރި އެއްޗެއް ނޫނެވެ. ނަމަވެސް އީ.ކޯލީގެ ބައެއް ޖަރާސީމުން އިންފެކްޝަން ޖެހެ އެވެ. އަދި މި އިންފެކްޝަން ބޮޑުވަރުވެ ކިޑްނީ ފޭލްވެ ބައެއް މީހުން މަރުވެސް ވެ އެވެ.
ސައިންސްވެރިން މިފަހަރުގެ ދިރާސާގައި ވަނީ އެއްގަމު މަހުގެ ބާވަތްތަކުން ނެގި އީ.ކޯލީ އާއި ޔޫޓީއައި ޖެހިގެން އުޅޭ މީހުންގެ ކުޑަކަމުދާއެއްޗެހީގެ ސާމްޕަލްތަކެއް ބޭނުންކޮށްގެން މި ޖަރާސީމު އިންސާނުންގެ ކުޑަކަމުދާ ނަޖިހަށް ހިނގައިދާނެ މެކޭނިޒަމެއް ވޭތޯ ބަލައިފަ އެވެ.
ސައިންސްވެރިން ބުނި ގޮތުގައި ޕޯލްޓްރީ ވިއްކާ ފިހާރަތަކުން އެމީހުން ހޯދި ސާމްޕަލްތަކުގެ ތެރެއިން ގާތްގަނޑަކަށް 25 ޕަސެންޓް ސާމްޕަލްގައި ޔޫޓީއައި ޖެހިފައިވާ މީހުންގެ ކުޑަކަމުދާ ނަޖިހުން ފެނުނު ކަހަލަ ޖެނެޓިކް ފިންގާޕްރިންޓްސް ހުރި ޖަރާސީމުތަކެއް ހުއްޓެވެ.
އެހެންކަމުން މި ޓީމަށް ލަފާކުރެވެނީ ޕޯލްޓްރީގެ ބާވަތްތައް އިންސާނުން ކެއުމަށް ބޭނުންކުރާއިރު ރަނގަޅަށް ނުކައްކާ ބޭނުންކުރާތީ ޔޫޓީއައި ޖެހެނީ ކަމަށެވެ. ނުވަތަ ރޯ މަސް ގެންގުޅުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ކަންތައް ނުކުރާތީ ޔޫޓީއައި ޖެހެނީ ކަމަށެވެ.