13 އޮކްޓޯބަރ 2017 - 06:43

ރާޖްކުމާރު ރާއޯ މިހާރު ވަނީ "ފެނީ ޚާން"ގެ ޝޫޓިން ފަށައިފަ އެވެ. ނަމަވެސް މި ފިލްމުގެ ބަތަލާ އައިޝްވަރިޔާ ރާއީއާ އެކު އޭނާ ކުޅެން ޖެހޭ މަަންޒަރުތަކުގެ ޝޫޓިން އަދި ނުފެށެ އެވެ. ފިލްމުގައި ރާޖްކުމާރާއި އައިޝްވަރިޔާ ކުޅެނީ ދެ ލޯބިވެރިންގެ ރޯލެވެ.
ދުނިޔޭގެ އެންމެ ރީތި އަންހެނާގެ ނަމުން މުޚާތަބު ކުރެވޭ އައިޝްވަރިޔާއާ އެކު ލޯބީގެ މަންޒަރުތައް ކުޅެން ޖެހުމުން ހިތަށް އަރާ ޝުއޫރުތަކަކީ ކޮބައިތޯ ހިންދުސްތާން ޓައިމްސްގެ ނޫސްވެރިއަކު ރާޖް ކުމާރާ ސުވާލުކުރުމުން އޭނާ ބުނީ ކުޑަކޮށް ޖެހިލުން ވިޔަސް އެފަދަ ފުރުސަތެއް ލިބުނީތީ އުފަލުން ހުރި ކަމަށެވެ.
ރާޖްކުމާރު ބުނި ގޮތުގައި އޭނާ އާއި އައިޝްވަރިޔާ އެކުގައި އަދި މަންޒަރުތައް ޝޫޓް ނުކުރިޔަސް އެމީހުން އެކުގައި ވޯކްޝޮޕްތަކާއި ރީޑިން ސެޝަންތަކުގައި ވަނީ ބައިވެރިވެފަ އެވެ. އަނިލް ކަޕޫރާ އެކު ފިލްމުގެ ޝޫޓިން އޭނާ މިހާރު ފަށާފައިވާ ކަމަށާއި އަނިލްއާ އެކު ވަރަށް ރަނގަޅު ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށް ވެސް ރާޖްކުމާރު ބުންޏެވެ.
އައިޝްވަރިޔާ އާއި އޭނާގެ ކެމިސްޓްރީ ގުޅޭނެތޯ ސުވާލުކުރުމުން ރާޖްކުމާރު ބުނީ އެ ދެ އެކްޓަރުންގެ މެދުގައި ލޯބީގެ އެންގަލްއެއް ފިލްމުގައި އޮތުމުން ކެމިސްޓްރީ ރަނގަޅުވުން މުހިއްމު ކަމަށެވެ. އަދި ދުނިޔޭގެ އެންމެ ރީތި އަންހެނާ އާއެކު ލޯބީގެ މަންޒަރުތައް ކުޅޭއިރު ގުދުރަތީގޮތުން ވެސް ކެމިސްޓްރީ ރަނގަޅުވާނެ ކަމަށް އޭނާ ބުންޏެވެ.
ރާޖްކުމާރުގެ ގިނަ ފިލްމުތަކެއް މިއަހަރު ރިލީޒްކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފަހުން ނުކުތް "ނިއުޓަން" އަކީ އިންޑިއާގެ ފަރާތުން އޮސްކާއަށް ހުށަހަޅާ ފިލްމެވެ. އަދި ވަރަށް އަވަހަށް އޭނާގެ އާ ފިލްމެއް ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. "ޝާދީ މޭ ޒަރޫރް އާނާ" ކިޔާ މި ފިލްމުގައި ރާޖްކުމާރާ އެކު ބަތަލާގެ ރޯލު ކުޅެނީ ކީރްތީ ކަރްބަންދާ އެވެ. ރަތުނާ ސިންހާ ޑައިރެކްޓްކޮށްފައިވާ މި ރޮމެންޓިކް-ކޮމެޑީ ފިލްމު އަންނަ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.