އާލިއާ، ރަންބީރު އަދި އަމީތާބުގެ "ބްރަހްމަޝްތުރާ" އިއުލާންކޮށްފި
އާލިއާ، ރަންބީރު އަދި އަމީތާބުގެ "ބްރަހްމަޝްތުރާ" އިއުލާންކޮށްފި

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ ފިލްމަކާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް މީގެ ކުރިން ވަނީ ދެކެވިފަ އެވެ. އަޔާން މުކަރުޖީ ޑައިރެކްޓްކުރާ މި ފިލްމަށް ފުރަތަމަ ކީ "ޑްރެގަން" ނަމަވެސް އަމީތާބް ބައްޗަންގެ އުފަން ދުވަހާ ދިމާކޮށް ރަސްމީކޮށް އިއުލާންކުރި މި ފިލްމަށް ކިޔާފައިވަނީ "ބްރަހްމަޝްތުރާ" އެވެ.

ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރް ކުރި ޓުވީޓެއްގައި ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ދަރްމާ ޕްރޮޑަކްޝަން އާއި ފޮކްސް ސްޓާ ސްޓޫޑިއޯ އަދި ނަމިތު މަލްހޯތުރާ ޕްރޮޑިއުސްކުރާ މި ފިލްމުގައި އަމީތާބު ބައްޗަން ވެސް ވަރަށް މުހިއްމު ރޯލެއް ކުޅޭނެ އެވެ.

ކަރަން ބުނެފައިވާ ގޮތުގައި މިއީ ތިން ފިލްމުގެ ސިލްސިލާ އެއްގެ ގޮތުގައި އުފައްދާ ފެންޓަސީ-އެޑްވެންޗާ އެކެވެ. ނުވަތަ ޓްރިލޮޖީ އެކެވެ.

ފިލްމު ރިލީޒްކުރަން ކަނޑައަޅާފައިވަނީ 2019 ގެ އޮގަސްޓް 15 ގައި ކަމަށާއި މިއީ އޭނާގެ ފިލްމު ކުންުފުނިން މިހާތަނަށް އުފައްދާ އެންމެ ވަރުގަދަ ފިލްމަށް ވާނެ ކަމަށް ވެސް ކަރަން ބުނެފައި ވެއެވެ.

ކަރަން ބުނި ގޮތުގައި ރަންބީރު އަކީ ދަރްމާ ޕްރޮޑަކްޝަންގެ މުހިއްމު ހިއްސާއެކެވެ.

މިއީ އާލިއާ އާއި ރަންބީރު އަދި އަމީތާބު އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.