ރިތިކާއި ޓައިގާގެ ފިލްމުގެ ބަތަލާއަކީ ވާނީ ކަޕޫރު
ރިތިކާއި ޓައިގާގެ ފިލްމުގެ ބަތަލާއަކީ ވާނީ ކަޕޫރު

ޔާޝްރާޖް ފިލްމްސް އިން މިދިޔަ ހަފުތާގައި އިއުލާންކުރި ފިލްމަކީ ވަރަށް ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ފިލްމެކެވެ. އެއީ ކުރިން ހީކޮށްފައި ވެސް ނުވާ ދެ އެކްޓަރަކު ފިލްމުގައި ބައިވެރިކޮށްފައިވާތީ އެވެ. އެއީ ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފް އެވެ.

މި ފިލްމުގެ ބަތަލާގެ ރޯލަށް، ވާނީ ކަޕޫރު މިހާރު ވަނީ ހަމަޖެހިފަ އެވެ. މި ޚަބަރު ޔަގީންކޮށްދެމުން ފިލްމުގެ ޑައިރެކްޓަރު ސިދާރްތު އާނަންދު ބުނި ގޮތުގައި ފިލްމަށް ވަގުތީ ގޮތުން ދީފައިވާ ނަމަކީ "ރިތިކް ވާސަސް ޓައިގާ" އެވެ. އަދި ފިލްމުގައި ހިމެނެނީ އެންމެ ބަތަލާއެއް ކަމަށާއި އޭނާ ފެނިގެން ދާނީ ރިތިކާ އެކު ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފިލްމަށް އޭނާ ބޭނުންވީ ޒުވާން، ތާޒާ އަދި ހަކަތަ ހުރި ބަތަލާއެކެވެ. އެގޮތުން ވާނީ ކަޕޫރު އެ ރޯލަށް ފިޓްވާކަމަށް ބެލެވުނީ ކަމަށް ޑައިރެކްޓަރު ބުންޏެވެ.

ވާނީ އަކީ އޭނާގެ އެކްޓިން ހުނަރާ އެއްވަރަށް ނެށުމުގެ ހުނަރުވެސް ފިލްމު އިންޑަސްޓްރީއަށް ދައްކާލާފައިވާ ބަތަލާއެއް ކަމަށާއި ވާނީި މިހާތަަނަށް ކުޅުނު ފިލްމުތަކުގައި އޭނާގެ އެކްޓިން ވަރަށް ކަމުދިޔަ ކަމަށް ވެސް ސިދާރްތު ބުންޏެވެ.

ވާނީ މިހާތަނަށް އެކްޓްކުރީ ދެ ފިލްމެއްގަ އެވެ. ފުރަތަމަ ފިލްމަކީ ޕަރިނީތީ ޗޯޕްރާ އާއި ސުޝާންތު ސިންގް ރާޖްޕޫތު ލީޑް ރޯލު ކުޅެފައިވާ "ޝުދް ދޭސީ ރޮމޭންސް" އެވެ. ދެ ވަނަ ފިލްމަކީ ރަންވީރު ސިންގާ އެކު އޭނާ ކުޅުނު "ބޭފިކްރޭ" އެވެ. މީގެ ތެރެއިން ފަހު ފިލްމަކީ އަދިތުޔާ ޗޯޕްރާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ރިތިކް އާއި ޓައިގާގެ ފިލްމު ވާނީއަށް ދިނުމުން ޔަގީންވީ އެއް ކަމަކީ ޔާޝްރާޖް ފިލްމްސް އިން ވާނީ އަށް ވަރަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދޭކަމެވެ.

މި ފިލްމުގައި ޓައިގާއާ އެކު ލޯބީގެ ބައި ކުޅޭނެ ބަތަލާއަކު ނެތެވެ. އެހެންކަމުން މިއީ ބަތަލާއަކު ޓައިގާއާ އެކު ނެތި އޭނާ ކުޅޭ ފުރަތަމަ ފިލްމަށް ވާނެ އެވެ.

ރިތިކް މީގެ ކުރިން ޔާޝްރާޖް ފިލްމްސްގެ "ދޫމް 2"ގައި ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ޓައިގާ މީގެ ކުރިން ޔާޝްރާޖް ފިލްމްސް އިން އުފެއްދި އެއްވެސް ފިލްމެއްގައި މަސައްކަތް ކޮށްފައެއް ނުވެ އެވެ. މި ފިލްމު ރިލީޒްކުރަން ކަނޑައަޅާފައިވާ ތާރީޚަކީ 2019 ގެ ޖެނުއަރީ 25 ވަނަ ދުވަހެވެ.