ހޯކިން އަށް މަރުގެ އިންޒާރު ދިން އެމެރިކާ އަންހެނަކު ކުށްވެރިވެއްޖެ
ހޯކިން އަށް މަރުގެ އިންޒާރު ދިން އެމެރިކާ އަންހެނަކު ކުށްވެރިވެއްޖެ

މެޑްރިޑް (ޖުލައި 2) - އިނގިރޭސިވިލާތުގެ މަޝްހޫރު ސައެންސްވެރިޔާ އަދި ކޮސްމޯލޮޖިސްޓް ސްޓެފަން ހޯކިން އަވަހާރަކޮށްލާނެ ކަމަށް ބުނެ މަރުގެ އިންޒާރު ދިން އެމެރިކާގެ އަންހެނަކު ކުށްވެރިވާ ކަމަށް ސްޕޭނުގެ ކޯޓަކުން ނިންމާ އޭނާ އަށް ހަތަރު މަހުގެ ސަސްޕެންޑެޑް ޖަލު ހުކުމެއް އިއްވައިފި އެވެ.

މިއީ ދުނިޔޭގެ މަޝްހޫރު ޕްރޮފެސަރަށް މަރުގެ އިންޒާރު ދިން ފުރަތަމަ ފަހަރެވެ.

ސްޕޭނުގެ ކޯޓުން ކުރި ހުކުމުގައި ވަނީ އެމެރިކާގެ 37 އަހަރުގެ އަންހެން މީހާ ހޯކިންއާ 500 މީޓަރަށް ކައިރިވުމާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ހޯކިންއާ މުއާމަލާތް ކުރުން އަށް މަސް ދުވަހަށް މަނާކޮށްފަ އެވެ. އަންހެން މީހާ ހައްޔަރު ކުރީ ޓެނެރީފްގައި ހޯކިން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް އޮތް ސަރަހައްދާ މާ ދުރު ނޫން ހިސާބެއްގެ ހޮޓަލަކުންނެވެ.

ހޯކިންގެ އަންހެން ދަރިފުޅު ފުލުހަށް ރިޕޯޓްކުރި ގޮތުގައި އެ އަންހެން މީހާ ވަނީ ހޯކިންގެ ސޯޝަލް މީޑިއާ ޕްރޮފައިލް އަށް މަރުގެ އިންޒާރުގެ މެސެޖްތައް ފޮނުވުމުގެ އިތުރުން މެއިލް ވެސް ފޮނުވައިފަ އެވެ. މިދިޔަ ބުދަ ދުވަހު ހައްޔަރުކުރި އަންހެން މީހާގެ އަތުން ވަނީ ހޯކިންގެ އައިޓިނަރަރީ މެޕެއް ފެނިފަ އެވެ. ފުލުހުން ބަންދު ކުރުމުން އެ އަންހެން މީހާ ބުނެފައި ވަނީ ހޯކިން ދެކެ ވަރަށް ލޯބިވާ ކަމަށާއި އޭނާ އަށް ގެއްލުމެއް ނުދޭނެ ކަމަށެވެ. ފުލުހުން ތުހުމަތު ކުރަނީ އެއީ ސިކުނޑީގެ މައްސަލަ ހުންނަ އަންހެނެއް ކަމަށެވެ.

އިންޒާރުގެ މެސެޖްތަކާ ގުޅިގެން ސްޕޭން ފުލުހުން ވަނީ ހޯކިންގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފަ އެވެ.