14 އޮކްޓޯބަރ 2017 - 07:19

މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ފޭނުންނަށް މިއީ އުފާވެރި ކަމަކަށް ވާނެ އެވެ. އޭނާ މިހާރު އަންނަނީ ފޭނުންނާ މިހާރަށް ވުރެ ބޮޑަށް ގާތްކަން ބޭއްވޭނެ ގޮތެއް ހަދަން މަސައްކަތް ކުރަމުންނެވެ. ދެން މާ ލަސްތަކެއް ނުވެ، ސްވިފްޓްގެ މޮބައިލް އެޕްލިކޭޝަނެއް ލޯންޗް ކުރާނެ އެވެ. އެކަން އޭނާ ވަނީ އާންމުންނަށް ދޫކޮށްލި ވީޑިއޯއެއްގައި އިއުލާންކޮށްފަ އެވެ.
ކާމިޔާބު އެތައް ލަވައެއް ގެނެސް ދީ، ގްރެމީ ވެސް ހާސިލްކޮށްފައިވާ ލަވަ ކިޔުންތެރިިޔާގެ އެޕަށް ދީފައިވާ ނަމަކީ "ދަ ސްވިފްޓް ލައިފް" އެވެ. އެޕެއް ލޯންޗް ކުރާކަން ރަސްމީކޮށް އިއުލާން ކުރި ނަމަވެސް، އެ އެޕް ލޯންޗް ކުރާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް އެ އެޕް ތާވަލްކޮށްފައި އޮތީ އަހަރުގެ ފަހުކޮޅަށެވެ.
ސްވިފްޓް، 27، ބުނީ ފޭނުންނަށް އޭތި ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"އަހަރެން ވަރަށް އުފާ ވެސް ވާނެ ފޭނުން މި އެޕް ބޭނުން ކުރަންޏާ،" އަންނަ މަހުގެ 10 ގައި "ރެޕިއުޓޭޝަން" ގެ ނަމުގައި އާ އަލްބަމެއް ވެސް ނެރެން ތައްޔާރުވަނުން އަންނަ ސްވިފްޓް ބުންޏެވެ.
"ދަ ސްވިފްޓް ލައިފް" އިން އޭނާއާ ބެހޭ ވަރަށް ގިނަ މައުލޫމާތާއި ފޭނުންނަށް އެޕްގެ ޒަރީރާ އިން އެކަކު އަނެކަކަށް ގުޅުން ވެސް ބަދަހި ކުރެވޭނެ އެވެ.