ރާއްޖޭން ބޭރުގައި ވެސް ޕާސްޕޯޓް ކާޑުން ފައިސާގެ މުއާމަލާތްތައް ކުރެވޭނެ: ބީއެމްއެލް
ރާއްޖޭން ބޭރުގައި ވެސް ޕާސްޕޯޓް ކާޑުން ފައިސާގެ މުއާމަލާތްތައް ކުރެވޭނެ: ބީއެމްއެލް

އެހެން ގައުމުތަކާ ޚިލާފަށް ގިނަ ބޭނުންތައް ކުރެވޭ ގޮތަށް އިއްޔެ، ރާއްޖޭގައި އަލަށް ތައާރަފްކުރި ޕާސްޕޯޓް ކާޑު މެދުވެރިކޮށް ރާއްޖޭން ބޭރުގައި ވެސް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ ޕާސްޕޯޓް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ބޭރު ގައުމުތަކުގައި ވިޔަފާރި ކުރުމުގެ އިތުރުން އޭޓީއެމް އިން ފައިސާ ނެގޭނެ ކަމަށެވެ.

ޕާސްޕޯޓް ކާޑުގައި ފައިސާގެ މުއާމަލާތްތައް ކުރާނީ ބީއެމްއެލް އިން، މާސްޓާ ކާޑާ ގުޅިގެންނެވެ.

"ރާއްޖޭގެ އިމިގްރޭޝަނާ ގުޅިގެން ރައްކާތެރި އަދި ޒަމާނީ މި އާ ޕާސްޕޯޓް ކާޑު ތައްޔާރުކުރުމުގައި ބައިވެރިވެވުނު ކަމީ ބޭންކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ދިވެހިންނަށް ރާއްޖޭން ބޭރުގައި އައިޑީ ކާޑެއްގެ އިތުރުން ފައިސާ ދެއްކުމަށާއި ފައިސާ ނެގުމަށް މި ކާޑު ބޭނުންކުރެވޭނެ،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވި އެވެ.

އެ މީހަކު ބޭނުންވެއްޖެ ނަމަ ކޭޝް ކާޑުގެ އިތުރުން ވަކިވަކިން ގެންގުޅޭ އައިޑީ ކާޑާއި ލައިންސަންސް ކާޑު ވެސް ޕާސްޕޯޓް ކާޑުގެ ތެރޭގައި ހިމެނޭނެ އެވެ. މި ޕާސްޕޯޓް ކާޑު ބައިނަލްއަގުވާމީ ދަތުރުތަކާއި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވުނު ނަމަވެސް، ބޭރު ދަތުރުތަކުގައި މިހާރެކޭ އެއްގޮތަށް ޕާސްޕޯޓް ގެންދަން ޖެހޭނެ އެވެ. އެލައިޑް އިންޝުއަަރެންސްގެ ހިދުމަތްތައް ވެސް ޕާސްޕޯޓް ކާޑު ބޭނުންކޮށްގެން ލިބެ އެވެ.

އާންމުންނަށް މި ކާޑު ދޫކުރަން ފަށާނީ އަދި ދެ ހަފުތާ ފަހުންނެވެ. ކާޑުގެ އަގުތައް އޭގެ ކުރިން އިއުލާންކުރާނެ ކަމަށް އިމިގްރޭޝަނުން ބަނީ ބުނެފަ އެވެ.