02 ޖުލައި 2016 - 13:16

މެންޗެސްޓާ (ޖުލައި 2) - ޕޯޗުގަލްގެ އުއްމީދީ މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް ނުލިބުމުން މެންޗެސްޓާ ޔުނައިޓެޑުން ހިތާމަ ކުރާނެ ކަމަށް އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ލުއިސް ނާނީ ބުނެފި އެވެ.
ޔުރޯ ފުޓްބޯޅަ މުބާރާތް ފެށުމުގެ ކުރިން ޔުނައިޓެޑުން އައީ އުމުރުން 18 އަހަރުގެ ސަންޗޭސް އަށް ފާރަލަމުންނެވެ. ޔުނައިޓެޑުން އޭނާ އަށް 40 މިލިއަން ޔޫރޯގެ ބިޑެއް ކުރި އެވެ. އެހެން ނަމަވެސް ސަންޗޭސް ވަނީ ޔުނައިޓެޑަށް ނޫނެކޭ ބުނުމަށް ފަހު ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ބަދަލުވެފަ އެވެ. ބަޔާނަށް އޭނާ ބަދަލުވީ 35 މިލިއަން ޔޫރޯ އަށެވެ.
ނާނީ ބުނީ ސަންޗޭސް ޔުނައިޓެޑަށް ބަދަލުވިނަމަ އޭނާ އަކީ ތަރިއަކަށް ވާނެ ކުޅުންތެރިއެއް ކަމަށެވެ.
"ކްރިސްޓިއާނޯ (ރޮނާލްޑޯ) ވެސް ޒުވާން އުމުރުގައި ޔުނައިޓެޑަށް ބަދަލުވުމުން އޭނާގެ ފެންވަރު ދައްކާލަން ފަސޭހަވި. ސަންޗޭސް އަށް ވެސް އެ ފުރުސަތު އޮތް. އެކަމަކު އޭނާ ނިންމީ ބަޔާން އަށް ބަދަލުވާން. އޭނާ އަކީ ކޮންމެ ޓީމަކަށް ވެސް ތަފާތު ގެނެވިދާނެ ފަދަ ކުޅުންތެރިއެއް،" ނާނީ ބުންޏެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ޕޮލެންޑް ކޮޅަށް ޖެހި ލަނޑާ އެކު ސަންޗޭސް ވެފައިވަނީ ޔޫރޯ ތާރީހުގައި ނޮކައުޓް މެޗެއްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިއާ އަށެވެ.
ނާނީ ބުނީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ޕޯޗުގަލުން ހޯދަމުން އަންނަ ކާމިޔާބީގެ ފަހަތުގައި ސަންޗޭސްގެ ދައުރު ބޮޑު ކަމަށެވެ.
ޕޯޗުގަލްގެ އާދައިގެ ކްލަބެއް ކަމަށްވާ އަގުއިއަސް މުސްގުއެއިރާ ސަންޗޭސް އުމުރުން 8 އަހަރުގައި ބެންފީކާ އަށް ދޫކޮށްލީ 25 ފުޓްބޯޅަ ދޭ މަތިންނެވެ. އޭނާ މިހާރުގެ ފެންވަރަށް ތަމްރީންވީ ބެންފީކާގެ އެކަޑަމީންނެވެ.