11 އޮކްޓޯބަރ 2017 - 15:12

ކ. ހިންމަފުށީގައި މިދިޔަ އޮގަސްޓް މަހު ބިދޭސީއަކު މަރުވި މައްސަލައިގައި ދިވެއްސެއްގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ހިންމަފުށީގައި ހުންނަ، ލައިފް ފެން އުފައްދާ ޕްލާންޓްގައި މަސައްކަތްކުރި އެ ބިދޭސީ މީހާގެ މަރާ ގުޅިގެން ދައުވާކުރަނީ ކާކުގެ މައްޗަށް ކަމެއް ސާފެއް ނުވެ އެވެ. އޭނާގެ މައްޗަށް ކުރަނީ ގާނޫނުލް އުގޫބާތުގެ 141 ވަނަ މާއްދާގެ ދަށުން ޖިނާއީ މަޖުބޫރު ކުރުވުމުގެ ދައުވާ އާއި އަތްލުމުގެ ދައުވާ އެވެ. އެކަމަކު އެ ދައުވާކުރަނީ ކޮން ކަމަކަށް ތުހުމަތުކޮށް ކަމެއް އަދި ސާފެއް ނުވެ އެވެ.
އެ މައްސަލާގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވީ ދެ މީހެއްގެ މައްސަލަ ކަމަށްވިޔަސް ދެން ހުރި މީހާގެ މައްޗަށް އަދި ދައުވާއެއް ނުކުރެ އެވެ.
އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ފެން ޕްލާންޓްގެ މެނޭޖަރު ވެސް ހިމެނެ އެވެ. އެކަމަކު އޭނާ ހައްޔަރުކުރީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ގޮތަށް، ޔުނިފޯމް އެޅި ފުލުހުން ކަމަށްނުވާތީ އެރަށު ކޯޓުން ވަނީ އޭނާ މިނިވަންކޮށްފަ އެވެ. އެކަމަކު ދެން ހުރި މީހާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.