ކޮރެއާ މަތިން އެމެރިކާގެ ބޮން އަޅާ ބޯޓުތަކެއް ދަތުރުކޮށްފި
ކޮރެއާ މަތިން އެމެރިކާގެ ބޮން އަޅާ ބޯޓުތަކެއް ދަތުރުކޮށްފި

ސޯލް (އޮކްޓޯބަރު 11) - ސައުތު ކޮރެއާއާ އެކު ބޭއްވި އަސްކަރީ ތަމްރީނުތަކެއްގައި އެމެރިކާގެ ބޮން އަޅާ ބޯޓުތަކުން ކޮރެއާ ޕެނިންސުލާ މަތިން އުދުހިއްޖެ އެވެ.

އަސްކަރީ ތަމްރީނުތަކުގައި އެމެރިކާގެ ބީ-1ބީ ބޮން އަޅާ ބޯޓުތަކާ އެކު ސައުތު ކޮރެއާގެ އެފް-15ކޭ ފައިޓާ ޖެޓްތަކުން ވަނީ ވައިގެ ތެރޭން ބިމަށް މިސައިލް ފޮނުވައިފަ އެވެ. މި ތަމްރީނުތައް ބާއްވާފައި ވަނީ ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން މަޝްރަހު ހޫނުވެފައި ވަނިކޮށެވެ. ނޯތު ކޮރެއާ އިން ދާދި ފަހުން ވަނީ ހަ ވަނަ ނިއުކްލިއާ ޓެސްޓެއްކޮށް، ޖަޕާން މަތިން ދެ މިސައިލް ފޮނުވާލައިފަ އެވެ.

އެމެރިކާގެ ބޮން އަޅާ ބޯޓުތައް އަންގާރަ ދުވަހުގެ ރޭ ދަތުރުކޮށްފައި ވަނީ ޕެސިފިކުގައިވާ ގުއާމުންނެވެ. އެމެރިކާގެ ބޯޓުތަކުން އަސްކަރީ ތަމްރީނުތައް ފުރިހަމަކޮށްފައި ވަނީ އީސްޓް ސީ އަދި ޔެލޯ ސީގައި ކަމަށް ސައުތު ކޮރެއާގެ އަސްކަރިއްޔާ އިން ބުންޏެވެ. ޖަޕާނުގެ ވައިގެ ސިފައިން ވެސް ތަމްރީނުތަކުގައި ބައިވެރިވި ކަމަށް އެމެރިކާ އިން ބުންޏެވެ.

ނޯތު ކޮރެއާގެ ބިރުތަކަށް ރައްދު ދޭނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ނޭޝަނަލް ސެކިއުރިޓީ ޓީމުގެ އިސް އޮފިޝަލުންނާ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހުގެ ރޭ ބައްދަލު ކުރައްވާފައިވާ ކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފަ އެވެ. ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ދާދި ފަހުން ވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.