11 އޮކްޓޯބަރ 2017 - 10:43

މެޑްރިޑް (އޮކްޓޯބަރު 11) - ކެޓަލޯނިއާގެ ލީޑަރު ކާލްސް ޕުޖްޑެމޮން ސޮއި ކުރެއްވި މިނިވަންކަމުގެ ގަރާރާ ސްޕޭން ސަރުކާރުން ދެކޮޅު ހަދައިފި އެވެ.
ކެޓަލޯނިއާގެ މިނިވަންކަމުގެ ލިޔުމުގައި ޕުޖްޑެމޮން އިއްޔެ ވަނީ ސޮއިކުރައްވައިފަ އެވެ. ނަމަވެސް މިނިވަންކަން އިއުލާން ކުރުން މަސްލަހަތަށްޓަކައި، މި ވަގުތު މަޑުޖައްސާލުމަށް ފަހު ސްޕޭން ސަރުކާރާ މަޝްވަރާ ކުރުމަށް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު މި ހުށަހެޅުމަށް ސްޕޭނުން ވަނީ ދެކޮޅު ހަދައިފަ އެވެ. ސްޕޭނުގެ ބޮޑު ވަޒީރުގެ ނައިބް ސޮރަޔާ ސައެންޒް ވިދާޅުވީ ޕުޖްޑެމޮން އަކީ ދެވޭ ނުދެވޭ ދިމާލެއް ނޭނގޭ ބޭފުޅެއް ކަމަށެވެ.
ސްޕޭން ސަރުކާރުން ދެން އަޅާނެ ފިޔަވަޅަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ބޮޑު ވަޒީރު މާރިއާނޯ ރަޔޯ ވަނީ ނިންމަވައިފަ އެވެ.
ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބަލަން މި މަހު 1 ވަނަ ދުވަހު ނެގި ވޯޓުގައި، ވޯޓު ދިން މީހުންގެ 90 ޕަސެންޓް ވަނީ މިނިވަންކަމަށް ތާއީދުކޮށްފަ އެވެ. ކެޓަލޯނިއާގެ ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ޕުޖްޑެމޮން ވަނީ ވޯޓުގެ ނަތީޖާ އިން ދައްކުވައިދީފައި ވަނީ ކެޓަލޯނިއާގެ މީހުންނަށް މިނިވަންކަމުގެ ހައްގު ލިބިއްޖެކަން ކަމަށެވެ.
"ކެޓަލޯނިއާ އަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށާއި ޖަމާއަތްތަކަށް ގޮވާލަން،" ޕުޖްޑެމޮން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިނިވަންކަން އިއުލާން ކުރުން ފަސްކޮށްލީ ސްޕޭން ސަރުކާރާ ވާހަކަ ދައްކައިގެން ސުލްހަވެރި އެއްބަސްވުމަކާ ހަމައަށް ދިއުމަށް ކަމަށެވެ.
ޕާލަމެންޓުގައި ދެއްވި ތަގްރީރަށް ފަހު ޕުޖްޑެމޮން އާއި ކެޓަލޯނިއާގެ އެހެން ލީޑަރުން ވަނީ މިނިވަންކަމުގެ ގަރާރުގައި ސޮއި ކުރައްވައިފަ އެވެ.
ސްޕޭނުގެ ޖަސްޓިސް މިނިސްޓަރު ރަފޭލް ކަޓަލާ ވެސް ވަނީ ކެޓަލޯނިއާގައި ބޭއްވީ ގާނޫނާ ޚިލާފު ވޯޓެއް ކަމަށާއި އެ ވޯޓުގެ ނަތީޖާގެ ސައްހަކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.