11 އޮކްޓޯބަރ 2017 - 11:31

އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށް ދެ މެޗު އޮއްވައި ބޭނުންވާ ޓާގެޓް ހާސިލްވެއްޖެ ކަމަށާއި އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް އޮމާނުގެ ކޯޗު ނެދަލޭންޑްސްގެ ޕިމް ވާބީކް ބުނެފި އެެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރޭ އޮމާން ވަނީ މާލޭގައި 3-1 އިން ރާއްޖެ ބަލިކޮށްފަ އެވެ. ކޮންމެ ގްރޫޕަކުން ދެ ޓީމު ކޮލިފައިވާއިރު، ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި، ކުޅުނު ހަތަރު މެޗުން މޮޅުވެގެން، އޮތީ 12 ޕޮއިންޓާ އެކު ފަލަސްތީނެވެ. ފަލަސްތީން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރޭ 10-0 އިން ބޫޓާން ބަލިކޮށްފަ އެވެ.
ރޭގެ މޮޅާ އެކު އޮމާން ވަނީ ދެ ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމަށް ހަތަރު މެޗުން ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ރާއްޖެ އަށް ހަތަރު މެޗުން ލިބުނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ މުބާރާތުގެ ޖާގައެއް ހޯދުމަށް ކުރިއަށް އޮތް ދެ މެޗުން އޮމާނަށް ބޭނުން ވަނީ ދެ ޕޮއިންޓެވެ. އޮމާން ކަޓާނީ އެ ޓީމު ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީނު އަތުން ބޮޑު ތަފާތަކުން ބަލިވެ، ރާއްޖެ ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީން އަތުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.
ރޭގެ މެޗަށް ފަހު އޮމާން ކޯޗު ވާބީކް ބުނީ ޕޮއިންޓެއް ހޯދަން ބޭނުންވާ ކަމަށް އޭނާ ނުދެކޭ ކަމަށެވެ.
"ވަރަށް އުފާވޭ މި ތިން ޕޮއިންޓު ލިބުމުން. ކޮލިފައިވާން އިތުރު ޕޮއިންޓެއް ބޭނުންވާނެ ކަމަށް އަހަރެން ނުދެކެން. އެއީ ގޯލުގެ ތަފާތަށް ބަލާއިރު އަހަރެމެން މިއޮތީ މާ ކުރީގައި. އެކަމަކު ފުޓްބޯޅައިގައި ވާނެ ގޮތެއް ނޭނގޭތީ އަހަރެމެން ބޭނުންވަނީ ދެން އޮތް މެޗުން ބޫޓާން ބަލިކުރަން،" އޭނާ ބުންޏެވެ.
ވާބީކް ބުނީ ރޭގެ މެޗަށް ނުކުތްއިރު ވެސް މެޗު ފަސޭހަ ނުވާނެކަން އެނގޭ ކަމަށާއި އޮމާން މޮޅުވިނަމަވެސް ރާއްޖެ އިން ވެސް ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ.
"ރާއްޖެ ޓީމުން ވަރަށް ރަނގަޅަށް ކުޅުނު ހާއްސަކޮށް ފުރަތަމަ ހާފުގައި. ވަރަށް އޮގަނައިޒްކޮށް ކައުންޓާގައި ރަނގަޅު ކުޅުމެއް ދެއްކި. ދެ ވަނަ ހާފުގައި ކޮންޓްރޯލް ހޯދައިގެން އަހަރެމެން ރަނގަޅަށް ކުޅުނު. ތިން ވަނަ ލަނޑެއް ޖެހުމުން އަހަރެން އުއްމީދުކުރިން ހަތަރު ވަަނަ ލަނޑަކަށް. އެއީ ކުޑަ ތަފާތަކުން ކުރީގައި އޮއްވައި ވާނެ ގޮތެއް ބުނަން ނޭނގޭތީ. އޮމާނުގައި ކުޅުނު މެޗަށް ވުރެން މާ މޮޅަށް ރާއްޖެ މި މެޗުގައި ކުޅުނު. މިިދިޔަ ހަފްތާތެރޭގައި އެ ޓީމުން ކުރި މަސައްކަތް ރަނގަޅުކަން ފެނިއްޖެ،" އޮސްޓްރޭލިއާ އާއި ދެކުނު ކޮރެއާ އަށް ކުރިން ކޯޗުކޮށްދިން ވާބީކް ބުންޏެވެ.
ރޭގެ މެޗުގައި އޮމާނަށް މޮޅު ކުޅުމެއް ދެއްކި ޖަމީލް އަލް ޔަހުމަދީ ބުނީ ރާއްޖޭގެ ފަރާތުން ފެނުނީ ހީކުރި ވަރަށް ވުރެން ރަނގަޅު ކުޅުމެއް ކަމަށެވެ.
"ފަހަތުގައި ރަނގަޅަށް ކުޅުނު ރާއްޖެ ޓީމުން. އެކަމަކު ޑްރޯއަކަށް ނުކުޅެ މެޗުން މޮޅުވާން މަސައްކަތްކުރި. އަލުން އޭޝިއަން ކަޕަށް ދެވުމުން އެއީ ލިބޭ އަނެއް އުުފާ. މިއީ އަހަރެމެން އޭޝިއަން ކަޕް ކުޅޭ ފުރަތަމަ ފަހަރެއް ނޫން. ކޮލިފައިން ނިންމާލުމަށް ފަހު އޭޝިއަން ކަޕަށް ތައްޔާރުވާން އެކަށީގެންވާ ވަރަށް ވުރެން އިތުރަށް ވެސް އެބައޮތް ވަގުތު،" އޭނާ ބުންޏެވެ.
ކޮލިފައިންގައި ދެން ކުޅޭ މެޗުތައް އޮންނާނީ އަންނަ މަހު 14 ވަނަ ދުވަހު އެވެ. އޮމާން ރަށުން ބޭރުގައި ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.
އޮމާނަށް މެޗުގެ 14 ވަނަ މިނިޓްގައި ލީޑުނަަގައިދިނީ އެ ޓީމުގެ ކުރިއަށް ކުޅެމުން ދިޔަ ހާލިދު ހަލީފާ އެވެ. އޭގެ ހަތަރު މިނިޓް ފަހުން އެ ޓީމުން ލީޑުފުޅާކުރީ ރާއްޖޭގެ އަމްދާން އަލީ (އެންޑީ) އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އަލީ ފާސިރު (ސެންޓޭ) ރާއްޖެ އަށް ލަނޑެއް ޖަހައިދީފައިވަނިކޮށް ދެ ވަަނަ ހާފުގައި އޮމާނުގެ ތިން ވަނަ ލަނޑު ޖެހީ އަހުމަދު މުބާރަކް އެވެ.
އޮމާނަށް މެޗުގެ 14 ވަނަ މިނިޓްގައި ލީޑުނަަގައިދިނީ އެ ޓީމުގެ ކުރިއަށް ކުޅެމުން ދިޔަ ހާލިދު ހަލީފާ އެވެ. އޭގެ ހަތަރު މިނިޓް ފަހުން އެ ޓީމުން ލީޑުފުޅާކުރީ ރާއްޖޭގެ އަމްދާން އަލީ (އެންޑީ) އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އަލީ ފާސިރު (ސެންޓޭ) ރާއްޖެ އަށް ލަނޑެއް ޖަހައިދީފައިވަނިކޮށް ދެ ވަަނަ ހާފުގައި އޮމާނުގެ ތިން ވަނަ ލަނޑު ޖެހީ އަހުމަދު މުބާރަކް އެވެ.