11 އޮކްޓޯބަރ 2017 - 11:12

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވަށާ ފާރު އުސް ކުރަން ނިންމާފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ޗެނަލް 13 ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ރޭ މޫސަ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ޕާކިސްތާނު ސަރުކާރާއި ރާއްޖެއާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި އެ ގައުމުގެ ސަރުކާރުން މަޖިލީހުގެ އިމާރާތުގެ އާބާތުރަ ފިލުވުމަށް މާލީ އެހީދީފައިވާ ކަމަށެވެ.
ނަމަވެސް މާލީ އެހީގެ ގޮތުގައި ދިނީ ކިހާ ފައިސާއެއް ކަމެއް މޫސަ ވިދާޅެއް ނުވެ އެވެ. މަޖިލީހުގެ އިމާރާތަކީ ޕާކިސްތާނުގެ ސަރުކާރުގެ އެހީގެ ދަށުން އެޅި އިމާރާތެކެވެ.
މޫސަ ވިދާޅުވީ ޕާކިސްތާނުން ދިން އެހީއާ ގުޅިގެން މަޖިލީހުގެ އާބާތުރަ ފިލުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މަޖިލީހުގެ އިދާރާގެ ކެމެރާ ސެޓަޕް ބަދަލު ކުރުމާއި މަޖިލީހުގެ މަގުމަތީ ފާރު އުސް ކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުގެ ޗެމްބަރަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ޖެހޭ ވަގުތެއްގައި ގެންނަމުން އެދަނީ. މުޅި ތަނަކީ ލަކުޑީން ހަދާފައި ހުރި ތަނަކަށްވާއިރު، އެތަނަށް އެކިއެކި ބަދަލުތައް ގެންނާނަން،" މޫސަ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިއާސަތުގެ މޭޒާއި އިދާރީ މޭޒާ މެމްބަރުން ގާތްނުވެވޭ ގޮތަށް ރިޔާސަތު ވަކިކުރަން ހަދާފައިވާ "ބޮޑު ފާރު"ގެ މޭސްތިރިއަކީ މޫސަ އެވެ. ކުރިން ޖަލްސާތައް ބާއްވަން ޖެހުނީ ރިޔާސަތު ވަށައިގެން ސިފައިންގެ ފައުޖެއް މަސީހުގެ ހިމާޔަތުގައި ބައިތިއްބައިގެންނެވެ.
އެކަމަށް ހައްލެއް ހޯދަން ރިޔާސަތު މޭޒު ގާތްގަނޑަކަށް ފަސް ފޫޓަށް އުސްކޮށް، މެމްބަރުންނަށް ކައިރިނުވެވޭގޮތަށް އުސްކޮށް ލަކުޑިން ބޮޑު ފާރެއް މިހާރު ވަނީ ހަދައިފަ އެވެ. މި ބޮޑު ފާރު ހެދުމާ ގުޅިގެން އިދިކޮޅު ގިނަ މެމްބަރުންތަކެއް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. މޫސަ ވިދާޅުވި ގޮތުގައި މަޖިލީހުގެ ޗެމްބަރަށް ގެނައި ބަދަލުގެ ސަބަބުން މާ ބޮޑު ތަނެއް އުސްކޮށްފައެއް ނުވެ އެވެ.
"ބައެއް ކަހަލަ އިދާރީ ބަދަލުތައް ގެންނަނީ. ބަދަލު ގެންނައިރު، އެހެން ޕާލަމެންޓްގައި ހުންނަ ގޮތާއި އެކަންކަމުގެ މައްޗަށް ބަލާފައި ގެންނަނީ. ގެނެވޭ ބަދަލުތައް ވާން ޖެހޭނީ މެމްބަރުންނަށް އެންމެ ފުރިހަމަ، ފަސޭހަ މާހައުލެއްގައި މަސައްކަތް ކުރެވޭނެ ތަނަކަށް،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އިދިކޮޅު މެމްބަރުން މަޖިލީހުގައި އިހްތިޖާޖް ކުރެއްވި ނަމަވެސް، ސަރުކާރުން ބޭނުންވާ ބިލްތައް ފާސް ކުރުމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ރައްޔިތުންނަށްޓަކައި މަޖިލީހުން ކޮށްދޭން ޖެހޭ ކޮންމެ ކަމެއް މަޖިލީހުގެ ރައީސާއި ނައިބު ރައީސް އާއި އިދާރީ ޓީމުން ކުރިއަށް ގެންދާނެ ކަމަށާއި މެމްބަރަކު ކުރައްވާ އިހުތިޖާޖަކަށް ނުބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ މެމްބަރެއްގެ މަސްއޫލިއްޔަތަކަށް ވާން ޖެހޭނީ ރާއްޖޭގެ ރައްޔިތުންނަށް ކަންތައްތަކެއް މަޖިލީހުގެ ތެރެއިން ކުރުން ކަމަށާއި އިދިކޮޅު މެމްބަރުން އިހްތިޖާޖް ކުރައްވަމުން ގެންދަވަނީ ކަމެއް ކުރަން އުޅެ، އެކަން ނާކާމިޔާބުވީމަ ރައްޔިތުންގެ ކުރިމަތީގައި އެ ގަންނަ ލަދު ފޫބެއްދުމަށް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އެކަމަކު، އިދިކޮޅު މެމްބަރުން ކުރަން އުޅުނު ކަމެއް މޫސަ ވިދާޅެއް ނުވެ އެވެ.
މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކި ކުރަން އިދިކޮޅު މެމްބަރުން ގުޅިވަޑައިގެން 45 މެމްބަރުން ހުށަހެޅުއްވި މައްސަލަ އަށް މޫސަ ވަނީ ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑިމޮކްރަސީގެ އުސޫލަކީ ބަޔަކު އެއްޗެއްގައި ސޮއި ކުރާ ހިސާބުން އެކަމެއް ވެގެން ދިއުމެއް ނޫނެވެ.
މޫސަ ވިދާޅުވީ އިދިކޮޅު މެމްބަރުން މައްސަލަ ހުށަހަޅުއްވާފައި އޮއްވައި، ބައެއް މެމްބަރުން ނަން ނަގައި، އަނެއް ބައި މެމްބަރުންގެ ގޮނޑި ގެއްލުނީމަ، މަޖިލީހުގެ ރިއާސަތަށް އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި އެ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު މެމްބަރުންނަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އިދިކޮޅު މެމްބަރުން މަސައްކަތް ކުރައްވަނީ ރައްޔިތުން ބޭނުންވާ ކަންކަން މަޖިލީހުގެ ތެރެއިން ކުރިޔަ ނުދޭން ކަމަށެވެ. އެކަމަކު، އެކަން އެގޮތަށް ކުރަން ޕީޕީއެމާއި ރިއާސަތުން ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ވަށާ ފާރު އުސް ކުރަން ނިންމިއިރު، މިދިޔަ ޖުލައި މަހުގެ 24 ގައި އިދިކޮޅު ބައެއް މެމްބަރުން މަޖިލީހަށް ވެންނެވީ ފުލުހުންގެ ސަފުތައް ފަޅާލުމަށް ފަހު، މަޖިލީހުގެ ފާރުމަތިންނެވެ. އެހެންވެ، އެ މައްސަލާގައި ގިނަ އަދަދެއްގެ މެމްބަރުންގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ވަނީ ފަށައިފަ އެވެ.