ނޭނގި ދެވުނު އަނިޔާ
ނޭނގި ދެވުނު އަނިޔާ

އާދިއްތަ ދުވަހާ ގުޅޭ

ނާޒިޔާއަކީ އަހަރެންގެ އެކުވެރިއެކެވެ. އޭނަގެ ދިރިއުޅުން ވަރަށް ފުރިހަމައެވެ. އަދާކުރާ ވަޒީފާ މަތިވެފައި ލިބޭ މުސާރަ ބޮޑެވެ. ފިރިމީހާ ނުލާހިކު ހެވެވެ. އޭނަ ވެސް އުޅެނީ މަތީ ވަޒީފާއެއްގައެވެ. ތިން ދުވަސް ޗުއްޓީ ލިބުނަސް އެ ޢާއިލާ ކޮންމެވެސް ތަނަކަށް ދަތުރުދެއެވެ. ސަކަރާތްޖަހައި އުފާކޮށްހަދައެވެ. އެފްބީއާއި އިންސްޓަގްރާމަށް ކޮންމެ ދުވަހަކު އެތައް ފޮޓޯއެއް ލައެވެ. އޭނަގެ ނަސީބު ރަނގަޅުކަމާއި، ލިބިފައިވާ ނިޢުމަތްތަކުގެ ވާހަކަ އޭނަ ދައްކައިފައި ހުރެއެވެ. ކަންދެއްކުމުގެ ގޮތަކުން ނޫނެވެ. ޝުކުރުވެރިވުމުގެ ނިޔަތުގައެވެ.

ނާޒިޔާގެ ފިރިމީހާއާއި ކުދިން ވެސް އަހަންނާ ރައްޓެއްސެވެ. އެ މީހުން އުފަލުގައި އުޅޭތަން ފެނުމުން އަހަރެން ވަރަށް އުފާވެއެވެ. އެހެންނަމަވެސް، ހިތާހިތުން އަހަރެން ޝަކުވާ ކުރަމެވެ. އެ ފަދަ ނަސީބެއް އަހަންނަށް ނުލިބުނީ ކީއްވެގެން ހެއްޔެވެ؟ ހުރިހައި ނިޢުމަތެއް ނާޒިޔާއަށް ލިބިފައި އަހަންނަށް އެކައްޗެއް ވެސް ނުލިބުނީ ކީއްވެގެން ހެއްޔެވެ؟ އެއީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟ ނާޒިޔާ ކުރިމަތީގައި އަހަރެން އެ ވާހަކައެއް ނުދައްކަމެވެ. އެ ފަދަ ޝަކުވާތަކެއް ހިތަށްއަރުވާކަށް ވެސް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު، އެހެން ހިތަށްނާރުވަން އަހަންނަށް ކުރެވޭނެ ކަމެއް ނެތެވެ. އަހަރެންގެ ހިތް ރޮޔެވެ. ނާޒިމާގެ އެފްބީއާއި އިންސްޓަގްރާމް ފެނުމުން އަހަރެންގެ ހިތަށް ތަދުވެއެވެ. އެ މަންޒަރުތައް ފެނުމުން ހިތް ނުތަނަވަސް ވިޔަސް އެ ނުބަލައެއް ވެސް ނުހުރެވެއެވެ.

ތަނަސްކަމުގެ ގޮތުން އަހަންނަށް އުނިވާ އެއްވެސް ކަމެއް ނެތެވެ. ފައިސާ ހޯދުމަށްޓަކައި އެހެން މީހުން ވަރަށް ބުރަ މަސައްކަތް ކުރަންޖެހެއެވެ. އަހަރެން އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ. ދަރިފުޅު ބަލަން ގޭގައި ހުރީމައި ނިމުނީއެވެ. އެކުވެރިންނަށް ފެންނަނީ އެ މަންޒަރެވެ. ދައްކަނީ އެ ވާހަކައެވެ. މުބާހު ކަހަލަ ފިރިޔަކު އެންމެން ވެސް ބޭނުމެވެ. އަހަރެން ހިތަށްއަރައެވެ. އިރުއަރާ މަންޒަރު ބަލަން އެ މީހުން ދާ ނަމައެވެ. ލޮނުގަނޑުގެ ތެރެއިން އިރުއަރާ މަންޒަރު އެ މީހުންނަށް ފެންނަ ނަމައެވެ. އެއީ، ދުރުން ބަލާ މީހާއަށް ފެންނަ ގޮތެވެ. ޙަޤީޤަތެއް ނޫނެވެ.

މުބާހު އުޅެނީ ރީޝާއާ ރައްޓެހިވެގެންނެވެ. ރީޝާއާއި މުބާހު ވަޒީފާއަދާކުރަނީ އެއް އޮފީހެއްގައެވެ. ރީޝާއަކީ މުބާހުދެކެ ލޯބިން އުޅޭ އަންހެނެއް ނޫނެވެ. ފައިސާއަށް ދަހިވެތިވެގެން އުޅޭ މީހެކެވެ. މުބާހަކަށް އެ ކަމެއް ނުވިސްނެއެވެ. އަހަންނަށް ޚަބަރުތައް ގެނެސްދެނީ ހަނާއެވެ. ހަނާ ވެސް އުޅެނީ މުބާހުގެ އޮފީހުގައެވެ. ހަނާ ބުނާ ކޮންމެ ވާހަކައަކީ ތެދެއްކަން އަހަންނަށް އެނގެއެވެ. ގަބޫލުކުރަން ބޭނުން ނުވަނީ އެހެންވެއެވެ. ތެދު ގަބޫލުކޮށް އެ ވާހަކަ މުބާހު ގާތުގައި އަހާ ހިސާބުން، އަހަރެން ދޫކޮށްލައިފައި މުބާހު ހިނގައިދާނެއެވެ. ދެން އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަކީ މާލޭ މީހެކެވެ. ގެދޮރު އެބަހުއްޓެވެ. ޢާއިލާއެއް ވެސް އެބައޮތެވެ. އެކަމަކު، ފިރިޔަކު ނެތުމަކީ ވަރަށް އެކަނިވެރިވާނެ ކަމެކެވެ. އެކަނިވެރިކަން ދެކެ އަހަރެން ވަރަށް ބިރުގަނެއެވެ. މުބާހަކީ ގޯސް މީހެއް ނޫނެވެ. އެކަމަކު، ރީތި އަންހެންކުދިންނަކީ މުބާހުގެ ބަލިފަޔެވެ. ގާތުގައި އަހަރެން ހުއްޓަސް، ވައްކަޅިން ނަމަވެސް އަންހެންކުދިންނަށް ނުބަލައެއް މުބާހަކަށް ނުހުރެވެއެވެ. ހުޝިޔާރު އަންހެންކުދިން ފަތުރާ ކެހިވެރި މަޅިތަކުގައި ދާދި ފަސޭހައިން އޭނަ ހައްޔަރުވެއެވެ. އެކަމަކު، ނާޒިޔާގެ ފިރިމީހާ ހަމައެކަނި ނާޒިޔާ ދެކެ ލޯބިވަނީ ކީއްވެގެން ހެއްޔެވެ؟

އަހަރެން އަބަދުވެސް ހުންނަނީ ރުންކުރުވެފައެވެ. ވަރަށް އަވަހަށް އަހަންނަށް ރުޅިއާދެވެއެވެ. މުބާހަށް ރުޅި ފޮޅައިލާކަށް އަހަންނަކަށް ނުކެރެއެވެ. ފޮޅައިލެވެނީ އަހަރެންގެ އަށެއްކަ އަހަރުގެ ދަރިފުޅަށެވެ. ދެން އެ ރުޅީގެ އާވި ނުކުންނަނީ، އުފަލުގައި އުޅޭ އެހެން މީހުންނާ ދިމާއަށެވެ. ނާޒިޔާ އެއީ އެކަކެވެ. އޭނަގެ ކުށެއް ނެތެވެ. އެހެންނަމަވެސް، އޭނަގެ އުފަލަކީ އަހަރެންގެ ނަފުރަތުގެ ހުޅުގަނޑަށް އެރޭ ދަރެވެ. ބައެއްފަހަރު ހިތަށްއަރައެވެ. މީހެއްގެ ފޭސްބުކް ފޮޓޯތަކަކުން އަހަރެންގެ ދިރިއުޅުމަށް ކުރާނީ ކޮން ނޭދެވޭ އަސަރެއް ހެއްޔެވެ؟ ރަނގަޅަށް ވިސްނައިލީމާ އެނގެއެވެ. ނާޒިޔާ ފަދަ އެކުވެރިންގެ އެފްބީ އެކައުންޓަށް ވަދެލައިފިއްޔާ އަހަރެންގެ ނުތަނަވަސްކަން އިތުރުވެއެވެ. ކާހިތް ކެނޑެއެވެ. ފެންވަރާހިތް ކެނޑެއެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. ބޭނުންވަނީ ވިސްނަން އެނދުގައި އޮށޯވެލައިގެން އޮންނާށެވެ. ސިކުނޑީގައި ތަކުރާރުވަނީ އެންމެ ސުވާލެކެވެ. އަހަންނަށް އުފާ ނުލިބެނީ އަހަރެން ކޮން ކުށެއް ކޮށްގެން ހެއްޔެވެ؟ އެ ފިކުރުގައި އޮންނަ ވަރަކަށް އަހަރެންގެ މާޔޫސްކަން ހައްތާ އިތުރުވެއެވެ. ކުށެއް ނެތް އެކުވެރިންދެކެ ރުޅިއާދެވެއެވެ. އެ މީހުންގެ އުފާތަކަށް ހުރަސްއަޅާހިތް ވެއެވެ. އެ ގޮތަށް ނުވިސްނަން އުޅުނަސް ނުވިސްނައެއް ނޯވެވެއެވެ. އޭގެ ސަބަބުން އަހަރެންގެ ސިކުނޑި ވަރުބަލިވެ، ހޮޑުލަވާގޮތް ވެއެވެ. ހިތާމައަކީ މީސްމީޑިޔާއާ ދުރަށް އަހަންނަށް ނުދެވޭ ކަމެވެ. އެނދުގައި އޮންނައިރު ވެސް އަހަންނަށް އޮވެވެނީ ފޯނަށް ބަލަހައްޓައިގެންނެވެ. އެހެން މީހެއްގެ އުފާތަކަށް ކަޅިއަޅައަޅައެވެ. ބައްޔަކަށް އެ ކަން ވީ އަހަންނަށް ނުވެސް އެނގިއެވެ.

އަހަރެން އަބަދު ގޭގައި އިންނާތީ، އަހަރެން ގޮވައިގެން މުބާހު ބޭރަށް ދިޔަ ރެޔެކެވެ. ނުދާން އަހަރެން ވަރަށް ބަހަނާދެއްކީމެވެ. އެންމެ ފަހުން ދަރިފުޅު ވެސް ކިޔަން ފެށިއެވެ. އަހަރެން ދިޔައީ ދަރިފުޅަށްޓަކައެވެ. ރެސްޓޯރަންޓަށް ގޮސް ގޮނޑީގައި ނުއިށީނދެވެއެވެ. ވައިބާއިން މުބާހަށް މެސެޖު އަންނަން ފެށިއެވެ. އެއީ ކާކުގެ މެސެޖެއްކަން ބުނެދިނީ މުބާހުގެ މޫނަށް ވެރިވި ކުލަވަރެވެ. އެ ކަމަށް ސަމާލުކަން ނުދޭން އަހަންނަށް ކުރެވެން ހުރި ހުރިހައި ކަމެއް ކުރީމެވެ. މުބާހު ފޯނުގެ އަޑު ކަނޑައިލިއެވެ. އެ ވަރުން ވެސް އޭނައަކަށް ފޯނުން ސަލާމަތެއް ނުވެވުނެވެ. އެކުގައި ބޭރަށް ނުދާން އަހަރެން އުޅޭ ސަބަބަކީ އެއީއެވެ.

އެ ރެޔަކީ އަހަރެންގެ ބަލި ބޮޑުވި ރެޔެކެވެ. ހިތުގެ ވިންދު ހީވަނީ އަވަސްވެފައި ހުންނަހެންނެވެ. މޭނުބައިކުރާ ވަރުން އެއްވެސް އެއްޗެއް ނުކެވުނެވެ. އަހަންނަށް އޭތިމީތި ކާންދޭން މުބާހު ވަރަށް މަސައްކަތް ކުރިއެވެ. އެއީ ލޯބި ހެއްޔެވެ؟ ނޫނީ އެ އަށް ދޭނީ ކޮން ނަމެއް ހެއްޔެވެ؟ މުބާހުގެ ލޮލަށް އަހަރެން ބެލީމެވެ. އެ ލޮލުން ފެންނަނީ ކޯޗެއް ހެއްޔެވެ؟ ހަމްދަރުދީ ހެއްޔެވެ؟ ކެހިވެރިކަން ހެއްޔެވެ؟ ދެއްކުންތެރިކަން ހެއްޔެވެ؟ ބައެއް ފަހަރު ހިތަށްއަރައެވެ. އަހަރެންގެ ހިތަށް ވާ ތަދު މުބާހު ވެސް އިހުސާސްކޮށްލުން ރަނގަޅެވެ. އަހަންނަށް ވާ ގޮތް އޭނައަކަށް ނުފެނޭ ހެއްޔެވެ؟ ނުކެވިގެން އެންމެ ފަހުން އަހަރެން އެދުނީ ހޫނު، ކަޅުސައިތަށްޓެއް ގެނައުމަށެވެ. ތަށި ގެނައިރު އެ އިން އާވިއަރައެވެ. އޮޅިގެންކަމަށް ހަދައިފައި، އުޅޮނބޮށިން ޖަހައި އެ ތަށި މުބާހުގެ އުނގަށް ވައްޓައިލީމެވެ. އޭނަ ފުންމައިގެން ތެދުވިއެވެ. އޭނައަށް އިހުސާސް ކުރެވުނީ ހޫނެވެ. އަހަރެންގެ ހިތަށް ލިބުނީ ފިނިކަމެކެވެ.

ބޮޑު ޗުއްޓީގައި އިސްކޫލުތައް ބަންދުވިއެވެ. މުބާހު ދާން ނިންމައިފައި އޮތީ ސިންގަޕޫރަށެވެ. ސަބަބެއް ނެތިއެއް ނުދާނެއެވެ. އަހަންނަށް ވުރެ ކުރިން ރީޝާ ހުންނާނީ އެ ތަނުގައި ބަހައްޓައިފައެވެ. އަހަރެން ގެންދަނީ ކޮންމެހެން އަހަރެން އުފާކޮށްދޭކަށް ނޫނެވެ. ދަރިފުޅު އުފާކޮށްދޭށެވެ. ނުވަތަ އަހަރެން ދެކެ މުބާހު ލޯބިވާ ވަރު އެހެން މީހުންނަށް ދައްކާށެވެ. ގަބޫލުކުރަން ކިތަންމެ ދަތިވިޔަސް އެއީ ފިރިން ހިތްހަމަޖެހޭ ކަމެކެވެ. ކުރާހިތްވާ ކަމެކެވެ. ދަރިފުޅަށް ޓަކައި ނޫން ނަމަ އަހަރެން ނުދިޔައީމުހެވެ. އެ ދަތުރަކީ ވެސް، ހަޔާތުގައި ފަހަތަށް އަހަންނަށް އެޅުނު ފިޔަވަޅެކެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިފައި އަހަރެން ނުލައި މުބާހު އުދުއްސައިގަންނަނީ ކޮންދިމާއަކަށްކަން އަހަންނަށް އެނގެއެވެ. އެކަމަކު ހޭ ވެސް އަހަރެން ނާހަމެވެ.

ނާޒިޔާ ދިޔައީ ލަންކާއަށެވެ. ރީތި ފޮޓޯތައް ފޭސްބުކްގައި ހުއްޓެވެ. ބައެއް ފަހަރު އަހަންނަށް ހީވެއެވެ. އަހަންނާއި މުބާހާ ދެމެދުގައި އޮންނަ ގުޅުން ނާޒިޔާއަށް އެނގެއެވެ. ބައެއް ފޮޓޯތަކުގައި އޭނަ ލިޔެފައި ހުންނަ ލިޔުންތަކުން އަހަންނަށް އެ ޝައްކު ކުރެވެއެވެ. ފައިސާއަކަށް ލޯތްބެއް ނުގަނެވޭނެއެވެ. ލޯބި ލިބޭނީ ނަސީބުވެރިންނަށެވެ. އެ ފަދަ ކިތަންމެ އެއްޗެކެވެ. އަހަރެން ބޭނުން ނަމަ ނާޒިޔާ "ބްލޮކް" ކުރެވުނީހެވެ. އެ އަށް ވުރެ ބޮޑަށް އޭނަގެ ދިރިއުޅުން އަހަރެން ބަލާހިތްވެއެވެ. ހިތްހަމަނުޖެހުނަސް، ހިތުގަޖެހުނަސް ވެހެވެ.

ދުނިޔޭގެ ތިމާވެށި ދުވަހެވެ. ސަރުކާރު ދަތުރެއްގައި މުބާހު ރަށުން ބޭރަށް ދިޔަ ފަހަރެކެވެ. އެ ދަތުރުގައި ނާޒިޔާ ވެސް ބައިވެރިވިއެވެ. ނާޒިޔާ ވަޒިފާ އަދާކުރަނީ އަމިއްލަ ޖަމިއްޔާއެއްގައެވެ. އެ ދެ މީހުން އެކުގައި ނަގައިފައިވާ ފޮޓޯތައް ދެ މީހުންގެ އެފްބީގައި ވެސް ހުއްޓެވެ. ދަތުރު ނިންމައިފައި އެ މީހުން މާލެއައީ ރޭގަނޑެއްގައެވެ. އައި މަގުމަތީގައި ލޯންޗުގެ އެކްސިޑެންޓެއް ހިނގިއެވެ. ނާޒިޔާ މަރުވީއެވެ. މުބާހު ދިޔައީ ވިއްސައިގެންނެވެ. އޭނައެއް ނުފެނުނެވެ. ވީ ގޮތެއް ވެސް ނޭނގުނެވެ.

އަހަންނަށް އެ ޚަބަރު ލިބުނީ ދަންވަރުއެވެ. އޭރު ވެސް އަހަރެން އޮތީ ނުނިދިފައެވެ. ފިކުރުތަކުން ސިކުނޑިއަށް ނުކުޅަދާނަވާ ވަރު ވެފައެވެ. އެ ރެޔަކީ، ޒަމާންގަނޑަކަށް ފަހު އެންމެ އަރާމުކޮށް އަހަންނަށް ނިދުނު ރެއެވެ. ރަނގަޅަށް އިރުނާރަނީސް ދޮންބައްޕަ އައެވެ. އަހަރެންގެ އެކުވެރިންގެ ކޯލުތައް ލިބެން ފެށިއެވެ. ކޮންމެ މީހަކު ވެސް އަހަންނަށް ހިތްވަރުދިނެވެ. އުންމީދު ކަނޑައިނުލުމަށް އެދުނެވެ. ކޮންމެ މީހަކީ ވެސް އަހަންނަށް ހެޔޮއެދޭ މީހެކެވެ. މުބާހަކީ އަހަންނަށް ކިހާ މުހިންމު މީހެއްކަން އެންމެނަށް ވެސް އެނގެއެވެ. ނާޒިޔާއާއި އަހަންނާ ދެމެދު އޮންނަ ގާތްކަން ވެސް މީހުންނަށް އެނގެއެވެ. ނުވަތަ އެނގޭކަމަށް އެ މީހުން ހީކުރެއެވެ. ދެ މީހުން އެއްފަހަރާ ވަކިވުމުން އަހަރެން ވާނެ ދެރަ އިހުސާސް ކުރެވޭކަން އަންގަން އެ މީހުން ބޭނުމެވެ.

ފޯނުގެ ބަދަލުގައި އަހަރެންގެ ކުރިމަތީގައި ތިބެގެން އެ މީހުން އެ ވާހަކަތައް ދެއްކި ނަމައެވެ. އެންމެން ވެސް ހައިރާންވީހެވެ. ހިތަށްއެރީހެވެ. އަހަރެންގެ ލޮލުން ކަރުނަ ނައީ ކީއްވެގެން ހެއްޔެވެ؟ މުބާހަށް ވީ ގޮތް ނޭނގުން އަހަންނަށް މާ ރަނގަޅެވެ. ނުފެނުނިއްޔާ ވަކީން ރަނގަޅެވެ. ނާޒިޔާގެ އެފްބީ ދެން އަދާހަމައެއް ނުވާނެއެވެ. އެކަމަކު، އަހަރެންގެ ދިރިއުޅުން ދެން ރަނގަޅު ވެދާނެއެވެ. ހިތާއެވެ. އަހަންނަށް މާފުކުރާށެވެ. ތިޔަ ހިތަށް ނޭނގި ދެވުނު އަނިޔާއަށް ޓަކައެވެ.

ނިމުނީ