ކެޓަލޯނިއާގެ މިނިވަންކަން އިއުލާންކުރުން މަޑުޖައްސާލައިފި
ކެޓަލޯނިއާގެ މިނިވަންކަން އިއުލާންކުރުން މަޑުޖައްސާލައިފި

ބާސެލޯނާ (އޮކްޓޯބަރު 10) - ކެޓަލޯނިއާގެ ރައްޔިތުން މިނިވަން ދައުލަތަކަށް ވޯޓު ދިން ނަމަވެސް މި ވަގުތު ބޭނުން ވަނީ މިނިވަންކަން އިއުލާން ކުރުމުގެ ބަދަލުގައި ސްޕޭނުގެ މައި ސަރުކާރާ މަޝްވަރާކޮށްގެން ސުލްހަވެރި ހައްލެއް ކަމަށް ކެޓަލޯނިއާގެ ލީޑަރު ކާލްސް ޕުޖްޑެމޮން ވިދާޅުވެއްޖެ އެވެ.

ކެޓަލޯނިއާގެ ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ޕުޖްޑެމޮން ވަނީ ވޯޓާ ގުޅިގެން ކުރަން ޖެހޭ ކަންކަން މި ވަގުތަށް މަޑުޖައްސާލުމަށް ވެސް ޕާލަމެންޓުގައި އެދިވަޑައިގެންފަ އެވެ. ޕުޖްޑެމޮން ވިދާޅުވީ ކެޓަލޯނިއާ ރައްޔިތުންގެ ނިންމުމަކީ މެޑްރިޑާ ވަކިވުން ކަމަށެވެ. ނަމަވެސް އޭނާ ވެސް ބޭނުން ވަނީ މި މައްސަލާގައި އުފެދިފައިވާ ހޫނުކަން ފިނިކުރަން ކަމަށް ވިދާޅުވި އެވެ.

"އަހަރެމެންނަކީ ވެސް މުޖްތަމައުގެ ބައެއް. އަހަރެމެން ވެސް ބޭނުން ވަނީ ކުރިއަށް ދާން. އެކަމަކު ކުރިއަށް ދެވެން އޮތީ ޑިމޮކްރެސީ އާއި ސުލްހަ ގާއިމްކޮށްގެން،" އޭނާ ވިދާޅުވި އެވެ.

މި މަހު 1 ވަނަ ދުވަހު ކެޓަލޯނިއާގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި 90 ޕަސެންޓް މީހުން ވަނީ ސްޕޭނުގެ މައި ސަރުކާރުން ވަކިވެ މިނިވަން ދައުލަތެއް އުފައްދަން ތާއީދުކޮށްފަ އެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 43 ޕަސެންޓް މީހުން ވޯޓުގައި ބައިވެރިވި އެވެ.

ސްޕޭން ސަރުކާރުން ބުނެފައި ވަނީ ކެޓަލޯނިއާގައި ބޭއްވީ ގާނޫނު އަސާސީއާ ޚިލާފު ޣައިރުގާނޫނީ ވޯޓެއް ކަމަށެވެ. އަދި ޔޫރަޕުގެ ބައެއް ގައުމުތަކުން ވެސް ވަނީ ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ނުކުރުމަށް ގޮވާލައިފަ އެވެ.