10 އޮކްޓޯބަރ 2017 - 20:02

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައްޔިތުންތަކެއް "ނެތިކޮށްލަން" ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ގޮވާލެއްވުމަކީ ހިންގެވި ޓެރަރިޒަމްގެ އަމަލެއް ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

މަޖިލީހުގެ ޖަލްސާގައި މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ މެމްބަރުން މި ގައުމުން "ނެތިކޮށް، ފޮހެލަން" ޖެހޭ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒްގައި އިދިކޮޅު ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ނަމަވެސް އެއްވެސް މީހަކަށް މަރުގެ އިންޒާރެއް ނުދެއްވޭނެ ކަމަށެވެ. ރައްޔިތުންތަކަކަށް މުހައްމަދު އިސްމާއިލް އެގޮތަށް އިންޒާރު ދެއްވުމަކީ ޓެރަރިޒަމަށް ފެތޭނެ ކަމެއް ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
"މީގައި ދެރަ ކަމަކީ ކުށްކުރީމަ، ކުށްކުރާ ބައެއް ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ލިބިދޭ މަންޒަރު ފެނިގެންދާތީ. މަޖިލީހުގެ ފްލޯގައި ނަމަވެސް އެ ނޫން ތަނެއްގައި ނަމަވެސް އެއްވެސް މީހަކު ނައްތާލަން ގޮވާލެވޭނެ ކަމަކަށް އަޅުގަނޑެއް ނުދެކެން. ނައްތާލަން ގޮވާލާ ކަމަށް ވަންޏާ އެ ދެވެނީ މަރުގެ އިންޒާރު،" އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީގެ މެމްބަރުންނަށް ކިހާބޮޑު ބިރުވެރިކަމެއްތޯ މިއަދު ކުރިމަތިވެފައި މިއޮތީ. އެއީ ދައުލަތުގެ ބާރުގަދަ މަގާމެއްގައި ހުންނެވި ބޭފުޅަކު އަދި ހާއްސަކޮށް ސަރުކާރުގެ ތެރޭގައި ވަރަށް ނުފޫޒު ގަދަކޮށް ހުންނެވި ބޭފުޅަކު މި ގޮވާލަނީ މިވެނި ބަޔަކު ނައްތާލާށޭ."
އެމްޑީޕީ މެމްބަރުން ނައްތާލަން ގޮވާލެއްވުމަކީ، އަމީތު ވިދާޅުވި ގޮތުގައި، ފުލުހުން ތަހުގީގުކުރަން ޖެހޭ މައްސަލައެކެވެ.
އެކަމަކު އެއްވެސް ކަމެއްގައި އިންސާފެއް ނެތް ކަން ހާމަވަނީ މިފަދަ މައްސަލަތަކުން ކަމަށް ވެސް އަމީތު ވިދާޅުވި އެވެ. ބަޔަކަށް މަރުގެ އިންޒާރު ދިނުމަކީ ޓެރަރިޒަމްގެ އަމަލަކަށް ވިޔަސް ސަރުކާރަށް ނިސްބަތްވާ މެމްބަރަކަށްވާތީ، މައްސަލަ ނުބަލައި ހިމާޔަތާއި ރައްކާތެރިކަން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިސާލެއް ދައްކަވަމުން ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ "ފައިސާ ގޯނި" ގެންގުޅުއްވި ކަމަށް އެއްބަސްވެވަޑައިގަތުމުން ވެސް އެޅި ފިޔަވަޅެއް ނެތް ކަމެވެ. ހިޔާނާތުގެ ފައިސާ މެމްބަރުން ބެހި ކަމަށް ވިދާޅުވީ ވެސް މެމްބަރު މުހައްމަދު އިސްމާއިލެވެ.
"ކޮރަޕްޝަންގެ ފައިސާ ބެހީމޭ ވިދާޅުވީމަ އެޅި ފިޔަވަޅެއް ނެތް. އެކަމަކު ކޮރަޕްޝަންގެ ގޮތުގައި ނުބެލެވޭ ޒާތުގެ ވާހަކައެއް ދައްކައިގެން ވެސް ކޮރަޕްޝަންގެ ތުހުމަތު މީހުންގެ މައްޗަށްކޮށް އަދަބު ދެމުންދާތަން އަޅުގަނޑުމެންނަށް ފެންނަނީ. މި ދަރަޖައަށް ބޭއިންސާފު އަޅުގަނޑުމެންގެ ތެރޭގައި އެބައޮތް،" އަމީތު ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ ހުރިހާ ބާރުތަކެއް އެއްކޮށްގެން ވެރިކަން ހިންގާއިރު، މިނިވަން މުއައްސަސާތައް މިނިވަން ނުވުމަކީ ވެސް ބޭއިންސާފު ކަމަށް އަމީތު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހުރިހާ ދިމާލަކަށް ބަލާލުމުން ވެސް ފެންނަނީ ފޭލްވެފައި އޮތް ދައުލަތެއްގެ ސިފަތަކެވެ. އޭގެ ގެއްލުން އޮތީ ރައްޔިތުންނަށް ކަމަށާއި ގައުމުގެ މި ހާލަތު ބަދަލުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.