ކިމް އަވަހާރަކޮށްލަން ރޭވި ޕްލޭން ނޯތު ކޮރެއާ އިން ވަނީ ވަގަށް ނަގާފައި
ކިމް އަވަހާރަކޮށްލަން ރޭވި ޕްލޭން ނޯތު ކޮރެއާ އިން ވަނީ ވަގަށް ނަގާފައި

ޕިއޮންޔޮން (އޮކްޓޯބަރު 10) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން-އަވަހާރަކޮށްލަން ރާވާފައިވާ ޕްލޭނަކާއި އެމެރިކާ އާއި ސައުތު ކޮރެއާގެ އަސްކަރީ ތަމްރީނުތަކަކާ ބެހޭ ސިއްރު ލިޔުންތަކެއް ނޯތު ކޮރެއާގެ ހެކަރުން ވަގަށް ނަގާފައިވާ ކަމަށް ބުނެފި އެވެ.

ސައުތު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ވިދާޅުވީ ވަގަށް ނެގީ އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ މައުލޫމާތުތަކެއް ކަމަށެވެ. އެކަމަކު ސައުތު ކޮރެއާގެ ޑިފެންސް މިނިސްޓްރީން އެކަމާ ބެހޭ ގޮތުން މިހާތަނަށް އަދި ކޮމެންޓް ކޮށްފައެއް ނުވެ އެވެ. ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ވިދާޅުވީ ސައުތު ކޮރެއާގެ ޑިފެންސް އިންޓަގްރޭޓެޑް ޑޭޓާ ސެންޓަރުން 235 ގިގަބައިޓުގެ އަސްކަރީ ލިޔުން ވަގަށް ނަގާފައިވާ ކަމަށެވެ.

މި މައުލޫމާތު ވަގަށް ނަގާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މެއި މަހު ސައުތު ކޮރެއާ އިން ބުނެފައި ވަނީ ގިނަ އަދަދެއްގެ މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެއީ ނޯތު ކޮރެއާގެ ސައިބާ ހަމަލާއަކަށް ވެދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު ނޯތު ކޮރެއާ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ސައުތު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީން ބުނީ ވޭތުވެދިޔަ ދުވަސްތަކުގައި އެ ގައުމުގެ ސަރުކާރުގެ ވެބްސައިޓްތަކަށް ނޯތު ކޮރެއާގެ ސައިބާ ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށެވެ.

ނޯތު ކޮރެއާ އިން ހެކްކުރި ކަމުގެ ވާހަކަތައް ފެތުރިފައިވާ އިރު ވޮޝިންޓަނާއި ޕިއޮންޔޮންއާ ދެމެދު ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.