14 ކައުންސިލަކަށް ހޯމް މިނިސްޓްރީން މާލީ އެހީ ދީފި
14 ކައުންސިލަކަށް ހޯމް މިނިސްޓްރީން މާލީ އެހީ ދީފި

ރަށްރަށުގައި ހިންގަމުން އަންނަ އިޖުތިމާއީ ބައެއް މަސައްކަތްތައް ކުރުމަށް، ހޯމް މިނިސްޓްރީން 14 ކައުންސިލަކަށް މާލީ އެހީތެރިކަން މިއަދު ދީފި އެވެ.

14 ކައުންސިލަކަށް ހޯމް މިނިސްޓްރީން މާލީ އެހީ ދީފި
14 ކައުންސިލަކަށް ހޯމް މިނިސްޓްރީން މާލީ އެހީ ދީފި

އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވަނީ ތިން މިލިއަން ރުފިޔާގެ އެހީގެ ލިޔުން ހަވާލުކުރައްވައިފަ އެވެ. އެ އެހީން ކުރަން ހަމަޖައްސާފައިވާ މަސައްކަތްތަކުގައި ހިމެނެނީ މަގު ބައްތި ޖެހުމާއި ކުޑަކުދިންގެ ޕާކު ހެދުމާއި ހިނަވާގެ ހެދުން ފަދަ ކަންކަމެވެ.

އެހީގެ ލިޔުން ކައުންސިލްތަކަށް ހަވާލުކޮށްދެއްވުމަށް ފަހު މިނިސްޓަރު އަޒްލީން ވިދާޅުވީ މިއަހަރު 51 ރަށަކުން 78 ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ފޯމުތައް އިވެލުއޭޓުކުރުމަށް ފަހު އެހީ ދޭން ނިންމީ 14 ކައުންސިލަކަށެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކާއި ޖަމިއްޔާތަކަށް ސަރުކާރުން އެހީ ދެމުން އަންނަތާ ތިން އަހަރުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އިޖުތިމާއީ ގިނަ ފައިދާތަކެއް ކޮށްފައިވާ ކަމަށެވެ.

"ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރެވިގެންދާނެ މިއަދު ދެވިގެން މިދިޔަ އެހީގައި. މަގުބައްތި ޖެހުމާއި ހިނަވާގެ ހެދުން ފަދަ ކަންތައްތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެހީ ދިނުމުގައި މީގެ ކުރިން މާލީ އެހީތެރިކަން ނުލިބޭ ރަށްރަށާއި ހުށަހަޅާފައިވާ ޕްރޮޕޯޒަލަށް އިސްކަންދޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ އެހީގައި މަސައްކަތްތައް ކުރިއަށްގެންދާ ގޮތް ވަރަށް ކައިރިން ބަލާނެ ކަމަށާއި އެ ފައިސާ ހަރަދުކުރާ ގޮތްތައް މޮނިޓަކުރާނެ ކަމަށެވެ.

މިނިސްޓްރީން ދިން އެހީގައި އެއް އަހަރުގެ ތެރޭގައި މަސައްކަތްތައް ނިންމަންޖެހޭނެ އެވެ.

މިއަދު މާލީ އެހީ ދީފައިވަނީ ކައުންސިލްތަކަށެވެ. އަދި ޖަމިއްޔާތަކަށް ވެސް އެހީ ދިނުމަށް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.