10 އޮކްޓޯބަރ 2017 - 13:58

ބޮލީވުޑް މަޝްހޫރު ތަރި އަމީތާބު ބައްޗަން އާއި އޭނާގެ އާއިލާގެ ގިނަ މެމްބަރުންތަކެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ. އަމީތާބާއި އާއިލާ ރާއްޖެ މި އައީ މާދަމާ ފާހަގަކުރާ އަމީތާބުގެ 75 ވަނަ އުފަން ދުވަހަށެވެ.
އަމީތާބާއެކު މިއަދު ރާއްޖެ އައި އެ އާއިލާގެ މެމްބަރުންގެ ތެރޭގައި އަމީތާބުގެ ދެ ދަރިން ކަމަށްވާ އަބީޝެކް ބައްޗަން އާއި ޝްވޭތާ ނަންދާ އަދި ޅީދަރިފުޅު އައިޝްވަރިޔާ ރާއީ އާއި ކާފަ ދަރިން ކަމަށްވާ ނަވްޔާ ނަވޭލީ އާއި އާރާދިޔާ ބައްޗަން ހިމެނެ އެވެ.
އަމީތާބާއި އާއިލާ މުމްބާއީން ފުރަނިކޮށް ނަގާފައިވާ ބައެއް ފޮޓޯތައް އިންޑިއާގެ ބައެއް ނޫސްތަކުގައި ޖަހާފައިވެ އެވެ.
އަބީޝެކްގެ 40 ވަނަ އުފަން ދުވަސް ފާހަގަކުރަން އެ އާއިލާއިން ރާއްޖެ ޒިޔާރަތްކުރި ފަހުން އެ އާއިލާގެ އެންމެންނަށް ވެސް ރާއްޖެ ވަނީ ވަރަށް މަގުބޫލު ތަނަކަށް ވެފައި ކަމަށް އާއިލާގެ ގާތް މީހަކާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.
އެ މީހާ ބުނި ގޮތުގައި މި ދަތުރަކީ އެމީހުން ވަރަށް ހިތްހަމަޖެހުނު އުފާވެރި ދަތުރެކެވެ. އެ މީހާ ބުނެފައި ވަނީ މިފަހަރު ވެސް ރާއްޖެ އައިސް ތިބޭނީ ކުރިން ވެސް ތިބި ރިސޯޓުގައި ކަމަށާއި މުޅި އާއިލާއަށް ޔޮޓް ޕާޓީއެއް ދޭން ވެސް އަބީޝެކް ގަސްތުކޮށްފައިވާ ކަމަށެވެ.
އަމީތާބާއި އަބީޝެކާ އެކު އެއާޕޯޓު ތެރޭގައި ބައެއް މީހުން ނަގާފައިވާ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.