10 އޮކްޓޯބަރ 2017 - 13:37

ކެލިފޯނިއާ (އޮކްޓޯބަރު 10) - އެމެރިކާގެ ކެލިފޯނިއާގެ އުތުރުން ބޮޑު ސަރަހައްދެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެ އެވެ.

އަލިފާނުގައި މިހާތަނަށް ވަނީ 10 މީހުން މަރުވެ 1،500 އަށް ވުރެ ގިނަ ގޭ ހަލާކުވެފަ އެވެ. ކެލިފޯނިއާގެ އުތުރުގެ ހިސާބުތަކުގައި މިހާރު ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. އަދި އެ ހިސާބުތަކުން ވަނީ ގިނަ ބަޔަކު ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.
ކުއްލި ހާލަތު އިއުލާން ކުރައްވަމުން ކެލިފޯނިއާގެ ގަވަރުނަރު ޖެރީ ބްރައުން ވިދާޅުވީ އަލިފާނުގައި މީހުންގެ ފުރާނަ އާއި މުދަލަށް ގެއްލުން ލިބުން އިތުރުވާތީ އެތައް ބަޔަކު ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލު ކުރަމުންދާ ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ އަލިފާން ފެތުރެން ދިމާވި ސަބަބެއް ނޭނގެ އެވެ. އެކަމަކު އާއްކޮށް ޖަންގަލިތަކުގައި ރޯވެ އަލިފާންގަނޑު ފެތުރެނީ ވައިގެ ތެތްކަމުގެ ނިސްބަތް ދަށްވެ ހޫނު މޫސުމުގައި ގަދަޔަށް ވައިޖެހެން ފެށުމުންނެވެ. ސްޓޭޓް ފަޔާ ސާވިސް އިން ބުނީ 73،000 އޭކަރުގެ ސަރަހައްދެއް އަނދާފައިވާ ކަމަށެވެ.