ދޮންކޭލަކީ ހާޓް އެޓޭކާއި ސްޓްރޯކުން ދިފާއުކޮށްދޭ އެއްޗެއް
ދޮންކޭލަކީ ހާޓް އެޓޭކާއި ސްޓްރޯކުން ދިފާއުކޮށްދޭ އެއްޗެއް

ފަހުގެ ހޯދުންތަކުން ދައްކާ ގޮތުން ކޮންމެ ދުވަހަކު ދޮންކެޔޮ ކެއުމުން، ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުން ދިފާއު ވެވިދާނެ އެވެ. ދޮންކެޔޮ ކަހަލަ، ޕޮޓޭސިއަމް ގިނައިން އެކުލެވޭ ކާނާ ކެއުމުން ލޭހޮޅިތަކުގައި ލޭ ގަނޑުވުމާއި ލޭހޮޅިތައް ހަރުވެ ހަނިވުމުގެ މައްސަލަތައް ވެސް ވަރަށް ރަނގަޅު ފަރުވާ އަކަށްވެ އެވެ.

އަލަބާމާ ޔުނިވަސިޓީގެ ސައިންސްވެރިންނަށް މިކަން ހޯދިފައިވަނީ ހިތުގެ މައްސަލަތަކުގެ ނުރައްކާ ކުރިމަތިވެފައިވާ މީދާތަކެއް ޓެސްޓްކުރުމުންނެވެ.

މި މީދާތަކުގެ ތެރެއިން އެއްބައި އެއްޗިއްސަށް ޕޮޓޭސިއަމް މަދުން ހުންނަ ކާއެއްޗެހި ދިން އިރު ދެ ވަނަ ގްރޫޕްގެ މީދާތަކަށް ދިނީ ޕޮޓޭސިއަމް މެދުމިނަކަށް ހުންނަ ކާނާ އެވެ. އަދި ތިން ވަނަ ގްރޫޕަށް ދިނީ ޕޮޓޭސިއަމް އެންމެ ގިނައިން ހުންނަ ކެއުމެވެ.

މި ތިން ގްރޫޕްގެ ތެރެއިން ޕޮޓޭސިއަމް އެންމެ ގިނައިން ހުރި ކާނާ ދިން މީދާތަކުގެ އާޓްރީޒް ހަރުވި ވަރު ކުޑަވެ އަޔޯޓާއަށް އަރާފައިވާ ބާރު ވެސް ކުޑަވެފައިވެ އެވެ.

އިންސާނުންނަށް ވަރަށް މުހިއްމު މި މިނަރަލްއަކީ ހާޓް އެޓޭކާއި ސްޓްރޯކުން ދިފާއުކޮށްދޭ އެއްޗެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. ނަމަވެސް ދޮންކެޔޮ ކާން ޖެހެނީ މަދު މިންވަރެކެވެ. މާ ގިނައިން ކައިފިނަމަ ބަނޑުގައި ރިއްސުމާއި މޭ ނުބައިކުރުން އަދި ބޭރަށް ހިންގުން ފަދަ މައްސަލަތައް ދިމާވެދާނެ އެވެ.

ބްރިޓިޝް ހާޓް ފައުންޑޭޝަންގެ ޑރ. މައިކް ނެޕްޓަން ފާހަގަ ކުރެއްވި ގޮތުގައި ޕޮޓޭސިއަމް ލިބޭ ކާނާ ފުދޭ ވަރަކަށް ނުކާ ނަމަ ލޭ ހޮޅިތައް ހަރުވާކަން ފަހުގެ ދިރާސާތަކުން ވަނީ ހާމަވެފަ އެވެ.

އިތުރު ދިރާސާތަކެއް ހަދައިގެން، މީދާތަކަށް މި ވާގޮތަށް އިންސާނުންނަށް ވެސް މި ބަލިން ދިފާއު ވެވޭތޯ ބަލައި އެކަމާ ގުޅޭ ފަރުވާއެއް އުފައްދަން މަސައްކަތް ކުރާނެކަމަށް ޑރ. ނެޕްޓަން އިނގިރޭސި ވިލާތުގެ "ދަ ސަން" ނޫހަށް ވިދާޅުވެފައިވެ އެވެ.

އިނގިރޭސި ވިލާތުގެ ސިއްހީ އިދާރާތަކުން އެ ގައުމުގެ މީހުންނަށް އިރުޝާދު ދެނީ ދުވާލަކު 3،500 ގްރާމް ޕޮޓޭސިއަމް ލިބޭ ކާނާ ބޭނުން ކުރުމަށެވެ. ދޮންކެޔޮ ދެ ވައް ކެއުމުން މި މިންވަރުގެ ހަތަރުބައިކުޅަ އެއްބައި ލިބޭނެ އެވެ.

މި މިނަރަލް އިން މުއްސަނދިވެފައިވާ އިތުރު ކާނާ ތަކުގެ ތެރޭގައި އަލުވި، ބްރޮކޮލީ، ސްޕްރައުޓްސް، އޮށް، މަސް އަދި އެކި ކަހަަލަ ކުކުޅު، ޓާކީ، އަސްދޫނި ފަދަ އެއްޗެތީގެ މަސް ހިމެނެ އެވެ.