11 އޮކްޓޯބަރ 2017 - 06:08

ޖަލުން ސަލާމަތް ވެގެން އައިސް ސަންޖޭ ދަތު ކުޅުނު ފުރަަތަމަ ފިލްމު "ބޫމީ" އަށް ލިބުނު ބޮޑު ނާކާމިޔާބީން އޭނާއަށް ވަނީ ވަރަށް ބޮޑު ހާސްކަމެއް ލިބިފަ އެވެ. ފިލްމުގެ ރިވިއުތަކުގައި ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައި ވާއިރު ބޮކްސް އޮފީހުގައި ވެސް މި ފިލްމު ވަނީ ވަރަށް ބޮޑަށް ފެއިލްވެފަ އެވެ.
"ބޫމީ" ބަލަން ސިނަމާތަކަށް ދިޔަ މީހުން މަދުކަމުން ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ޓީ-ސީރީޒް އަށް ވަނީ ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވެފަ އެވެ. މި ހުރިހާ ކަމަކާ ހެދި ސަންޖޭ ދަތު ވަނީ ހިތްނުތަނަވަސް ވެފަ އެވެ.
"ބޫމީ"އާ އެއް ދުވަހަކު ރިލީޒްކުރި ކަންގަނާ ރަނާވަތުގެ "ސިމްރަން" އަށް ވެސް މާ ގިނަ ފައިސާ ވަނީ ލިބިފަ އެވެ. އެހެންވެ ގިނަ ބަޔަކު މިހާރު ބުނަނީ ސަންޖޭ ދަތަށް ވުރެ ކަންގަނާގެ ފޭނުން ވެސް މިހާރު މާ ގިނަ ކަމަށެވެ.
ވަރަށް ހާސްވެފައި ހުރި ސަންޖޭ ދަތު މިހާރު ދަނީ މި އަޑިގަނޑުން އަރައިގަންނަން އަޅާނެ ފިޔަވަޅުތަކަކާ ދޭތެރޭ ވެސް ވިސްނަމުންނެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ ކުރިން ކުޅެން އެއްބަސްވެފައި އޮތް ޑައިރެކްޓަރު އޮމަންގް ކުމާރުގެ "ދަ ގުޑް މަހާރާޖާ" ނުކުޅެން ނިންމުމެވެ.
އޭނާ ވަނީ "މުންނާބާއީ" ސިލްސިލާގެ ފިލްމުތަކުގެ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީއާ ބައްދަލުކުރަން މީހުން ފޮނުވައިގެން "މުންނާބާއީ 3" ފެށުން އަވަސް ކުރަން މަސައްކަތް ކޮށްފަ އެވެ.
ހިރާނީ ލައްވާ "މުންނާބާއީ 3" އުފައްދައިގެން ނޫނީ ސަންޖޭ ދަތުގެ ކެރިއަރު އަލުން އަނބުރާ ކޮޅަށް ނުޖެހޭނެ ކަމަށް އޭނާގެ ޓީމުގައި އުޅޭ އެންމެންވެސް މިހާރު ގަބޫލު ކުރެ އެވެ. އެހެންވެ ސަންޖޭ ދަތު ވެސް ވަނީ ހިރާނީ ގާތު "މުންނާބާއީ 3" ފަށަން އެދިފަ އެވެ. ނަމަވެސް ހިރާނީ ޔަގީންކަން ދީފައިވަނީ އޭނާ މިހާރު ޑައިރެކްޓްކުރަމުން އަންނަ ސަންޖޭ ދަތުގެ ބައޮޕިކް ނިމުމުން "މުންނާބާއީ 3" އުފެއްދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. މިއީ ވެސް ސަންޖޭ ދަތުގެ އޮތް ކަންބޮޑުވުމެކެވެ.
ސަންޖޭ ދަތު ބައޮޕިކް ފެއިލްވެއްޖެ ނަމަ މިހާރު ވަޅުޖަހަމުންދާ އޭނާގެ ކެރިއަރަށް އިތުރު ގެއްލުމަކާ ކުރިމަތިވާނެކަމަށް ސަންޖޭ ދަތު ގަބޫލުކުރެ އެވެ.