10 އޮކްޓޯބަރ 2017 - 12:16

ތޫނިސް (އޮކްޓޯބަރު 10) - ކެންސަރާ ދެކޮޅަށް ބޭއްވި ޗެރިޓީ ދުވުމެއްގައި ބައިވެރިވެވަޑައިގެންނެވިތާ މާގިނައިރެއް ނުވެ ޓިއުނީޝިއާގެ ހެލްތު މިނިސްޓަރަށް ހާޓް އެޓޭކެއް ޖެހިގެން އަވަހާރަވެއްޖެ އެވެ.
ހެލްތު މިނިސްޓްރީން ބުނީ ސްލިމް ޗާކާ، 56، ވަނީ 500 މީޓަރަށް ދުވެ ވަޑައިގެންނެވި ތަނުން ހާލުކޮޅު ދެރަވެފަ އެވެ. އަދި އަވަހާރަވީ އަސްކަރީ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ޓިއުނީޝިއާގެ ބޮޑު ވަޒީރު ޔޫސުފް ޝާހިދު ވިދާޅުވީ ނެތިގެން ދިޔައީ އޭނާގެ "ބޭބެއެއް އަދި ގާތް އެކުވެރިއެއް" ކަމަށެވެ. އަދި ހެލްތު މިނިސްޓަރު އަވަހާރަވީ އިންސާނީ މަތިވެރި ޚިދުމަތެއްގައި އުޅުއްވަނިކޮށް ކަމަށް ވިދާޅުވި އެވެ. ޗެރިޓީ ދުވުން ބޭއްވީ ކުޑަ ކުދިންނަށް ކެންސަރު ކްލިނިކެއް ހަދަން ފައިސާ ހޯދުމަށެވެ.
ޗާކާ އަށް ހެލްތު މިނިސްޓަރުކަން ދެއްވީ ޓިއުނީޝިއާގެ ކެބިނެޓަށް މިދިޔަ މަހު ގެނައި ބަދަލުތަކުގަ އެވެ. ޔުނިވާސިޓީ ޕްރޮފެސަރެއް ކަމަށްވާ ޗާކާ ވަނީ ފިނޭންސް، ސްޕޯޓްސް މިނިސްޓްރީގައި ޚިދުމަތް ކުރައްވައިފަ އެވެ. އޭނާ ވަނީ ރައީސް މުހައްމަދު އަލް ބާޖީ ގާއިދު އަލް ސަބްސީގެ މުޝީރުކަން ވެސް ކުރައްވައިފަ އެވެ.