11 އޮކްޓޯބަރ 2017 - 06:09

"ޕަދްމާވަތީ"ގެ ފުރަތަމަ އިޝްތިހާރު ހޯމަ ދުވަހު މެންދުރު ރިލީޒްކުރުމާ އެކު އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އަލާއުއްދީން ޚިލްޖީ ކިޔާ ވަރަށް އަނިޔާވެރި ރަސްކަލެއްގެ ރޯލު ރަންވީރު ސިންގް ކުޅޭފައިވާ ގޮތް ފުރިހަމަ ކަމެވެ. ރަންވީރުގެ ކެރެކްޓާ މި ފިލްމުގައި ފެންނަނީ ވަރަށް ބިރުވެރި އަނިޔާވެރި މީހެއްގެ ގޮތުގަ އެވެ.
ގިނަ ބަޔަކު އޭނާއަށް ތައުރީފުކުރަމުން އަންނަކަން އެނގުމުން ރަންވީރު އިންސްޓަގްރާމުން ލައިވްކޮށް ފޭނުންނާ ވާހަކަ ދައްކަން ފެށި އެވެ. އެއާ އެކު ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ބަޔަކު ރަންވީރަށް ތައުރީފުކުރަން ފެށި އެވެ. އެންމެން ވެސް މާބޮޑަށް ތައުރީފުކުރަމުން ފެށުމުން ރަންވީރަށް ވަނީ ހަމަ ހަގީގަތުގައި ވެސް ރޮވިފަ އެވެ.
އޭނާ ބުނި ގޮތުގައި އޭނާގެ ކެރެކްޓާ ކަމުދިޔަ މީހުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ބުނާނެ ބަހެއް ވެސް އޭނާއަކަށް ނޭނގެ އެވެ. އޭނާއަށް ކުރެވުނުހާ ވެސް ކަމަކީ ފެންކަޅިވެފައިވާ ދެލޮލަކުން މެސެޖުތަކަށް ބަލަން އިނުމެވެ.
ބޮލީވުޑް ފަންނާނުން ވެސް ވަނީ "ޕަދްމާވަތީ"ގެ ޓްރެއިލާއަށާއި ރަންވީރަށް އަދި ފިލްމުގެ ބަތަލާ ދީޕިކާ ޕަދުކޯން އަށާއި ދެ ވަނަ ބަތަލު ޝާހިދު ކަޕޫރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ޚާއްސަކޮށް ރަންވީރުގެ ކެރެކްޓާ ވަރަށް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ.
މި ފިލްމުގެ ތަރިންނަށާއި ޑައިރެކްޓަރު ބާންސާލީ އަށް ތައުރީފުކުރި މީހުންގެ ތެރޭގައި ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރާއި ބަތަލާ އާލިއާ ބަޓް އަދި ރިތިކް ރޯޝަން އާއި ފަރްހާން އަޚްތަރު ފަދަ ތަރިން ހިމެނެ އެވެ.