10 އޮކްޓޯބަރ 2017 - 10:25

ބާސެލޯނާ (އޮކްޓޯބަރު 10) - ޕާލަމެންޓުގައި މުހިންމު ތަގްރީރެއް ދިނުމަށް ކެޓަލޯނިއާގެ ލީޑަރު ކާލްސް ޕުޖްޑެމޮން ތައްޔާރުވަމުންދާ އިރު މިނިވަންކަން އިއުލާން ނުކުރަން އޭނާ އަށް ޕްރެޝަރު ކުރިމަތި ކުރަން ފަށައިފި އެވެ.
ކެޓަލޯނިއާގައި މި މަހު 1 ވަނަ ދުވަހު ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓުގައި މިނިވަން ކަމަށް ރައްޔިތުން ތާއީދުކުރުމާ ގުޅިގެން ކުރިން އޮތީ އިއްޔެ ބާއްވަން އޮތް ޕާލަމެންޓުގެ ބައްދަލުވުމުގައި މިނިވަންކަން އިއުލާން ކުރާ ގޮތަށެވެ. ނަމަވެސް ސްޕޭނުގެ ދުސްތޫރީ ކޯޓުން އެ ބައްދަލުވުން ހުއްޓުވުމުން ކެޓަލޯނިއާގެ ސަރަހައްދީ ޕާލަމެންޓުގެ ބައްދަލުވުމެއް މިއަދު ހަވީރު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އަދި އެ ބައްދަލުވުމުގައި ކެޓަލޯޯނިއާ އަކީ މިނިވަން ދައުލަތެއް ކަމަށް އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.
ނަމަވެސް ޔޫރަޕުގެ ބައެއް ގައުމުތަކުން ދަނީ ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ނުކުރަން ބާރު އަޅަމުންނެވެ. ފްރާންސާއި ޖަރުމަނުން ވަނީ ސްޕޭނުގެ މައި ސަރުކާރަށް ތާއީދު އޮތް ކަމަށް ބުނެފަ އެވެ. ބާސެލޯނާގެ މޭޔަރު އަޑާ ކޮލައު ވަނީ ޕުޖްޑެމޮން އާއި ސްޕޭނުގެ ބޮޑު ވަޒީރު މާރިއާނޯ ރަޔޯ މަޝްރަހު ފިނިކުރުމަށް އެދިވަޑައިގެންފަ އެވެ.
ސްޕޭނުގެ ސޯޝަލިސްޓް އިދިކޮޅު ޕާޓީގެ ލީޑަރު ޕެޑްރޯ ސަންޗޭޒް ވެސް ވަނީ ކެޓަލޯނިއާގެ މިނިވަންކަމަށް ދެކޮޅު ހައްދަވައިފަ އެވެ. މީގެ އިތުރުން ސްޕޭނުގެ ބޮޑެތި ކުންފުނިތަކުން ވެސް މިހާރު ދަނީ ކެޓަލޯނިއާގައި ހުރި އޮފީސްތައް މެޑްރިޑަށް ބަދަލު ކުރާނެ ކަމަށް ބުނަމުންނެވެ. ކެޓަލޯނިއާ އަކީ ސްޕޭނުގެ އެންމެ މުއްސަނދި އެއް ސަރަހައްދެވެ. ސްޕޭނުގެ އެކްސްޕޯޓުގެ ހަތަރު ބައިކުޅަ އެއްބައި ހިއްސާ ކުރަނީ ކެޓަލޯނިއާ އެވެ.