02 ޖުލައި 2016 - 12:49

ކަލްކަތާގައި އަލަށްފަށާ ހިންދީ-ބެންގާލީ ފިލްމެއްގައި 20 އަހަރު ކުއްޖެއްގެ މަންމައެއްގެ ރޯލު ކުޅެން ފިލްމީ ބަތަލާ މަނީޝާ ކޮއިރަލާ އެއްބަސް ވެއްޖެ އެވެ.
ތަންކޮޅެއް ކުރިން މުމްބައި މިރާ އަށް ދީފައިވާ އިންޓަވިއުއެއްގައި މަނީޝާ ބުނެފައިވާ ގޮތުގައި ފިލްމު ކުޅެން ބޭނުންވިޔަސް އެކަށީގެންވާ ރަނގަޅު ރޯލުތައް ހިމެނޭ ފިލްމުތައް ނުލިބޭ ކަމަށެވެ.
މަނީޝާ މިހާރު ކުޅެން ހަމަޖެހުނު ފިލްމުގައި އޭނާއަށް ވަރަށް ރަނގަޅު ރޯލެއް ލިބިފައިވާ ކަމަށް ވެއެވެ. އެހެންކަމުން 20 އަހަރުގެ ކުއްޖެއްގެ މަންމަގެ ބައި ކުޅެންވެސް އޭނާ ފަސް ނުޖެހުނީ އެވެ.
މަނީޝާ ކޮއިރާލާ އަކީ 90 ގެ އަހަރު ތަކުގައި ވަރަށް ވިދާލި ބަތަލާ އެކެވެ. ނޭޕާލަށް އުފަން މަނީޝާ ވަރަށް ގިނަ ދުވަސްވަންދެން ހިންދީ ފިލްމުތައް ކުޅުމުގައި ދެމި ހުއްޓެވެ.
މި ފިލްމު ޑައިރެކްޓްކުރަނީ ޕްރޮމިތާ ގުޕްތާ އެވެ. އޭނާއަކީ މުޅީން އަލަށް ފިލްމް ޑައިރެކްޓްކުރާ މީހެކެވެ. ނަމަވެސް މީގެ ކުރިން ޕްރަކާޝް ޖާ އާއި ރާކޭޝް އޯމްޕްރަކާޝް މެހެރާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވެއެވެ.
މަނީޝާ ބުނި ގޮތުގައި މި ފިލްމުގެ ވާހަކަ ވަރަށް ރީއްޗެވެ. ވިހި އަހަރަށް ފަހު މަންމަ އަކާއި ދަރިފުޅު ފުރަތަމަ ފަހަރަށް ބައްދަލުވެ އެ ދެ މައިންގެ ގުޅުމުން ދަރިފުޅަށް އަންނަ ހެޔޮ ބަދަލުތައް މި ފިލްމުން ފެންނާނެ ކަމަށް ވެސް މަނީޝާ ބުނެފައި ވެއެވެ.
ޕްރޮޑިއުސަރު ހިމަންޝޫ ދަނޫކާ ބުނި ގޮތުގައި މިއީ ވަރަށް ކުޅަދާނަ ބަތަލާއަކަށް ނޫނީ ނުކުޅެވޭނެ ކަހަލަ ވަރުގަދަ ރޯލެއް ކަމަށާއި އެހެންވެ މަނީޝާ އަށް ފިލްމު ހުށަހެޅީ ކަމަށް ޕްރޮޑިއުސަރު ބުންޏެވެ.
މަނީޝާ، 45، އަށް 20 އަހަރުގެ ކުއްޖެއްގެ މަންމައެއްގެ ރޯލު އަދާކުރުމަކީ މައްސަލައަކަށް ނުވެ އެވެ. ފިލްމުގައި މަނީޝާ ކުޅެނީ ބިހާރީ މުސްލިމެއްގެ ބައެވެ. އެހެންކަމުން ފިލްމުގެ ބޮޑު ބައެއްގައި އޭނާ ހުންނާނީ ބުރުގާ އަޅައިގެންނެވެ.
މި ފިލްމުގައި މަނީޝާގެ ދަރިފުޅުގެ ރޯލު ކުޅެނީ ބެންގާލީ އެކްޓަރެއް ކަމަށްވާ އަނިރްބެން އެވެ.
ނޭޕާލަށް އުފަން މަނީޝާ ހިންދީ ބޮލީވުޑަށް ތައާރަފްވީ 1991 ގައި ނުކުތް "ސައުދާގަރް" އިންނެވެ.
ފަންސަވީހަކަށް އަހަރަށް ދެމިގެންދިޔަ އޭނާގެ ފިލްމީ ކެރިއަރުގައި ރީތި ފިލްމުތަކެއް ކުޅެ ގިނަ އެވޯޑުތަކެއް ހާސިލުކޮށްފައި ވެއެވެ.
މަނީޝާ ކުޅޭ ފިލްމުތައް މީގެ 10 ވަރަކަށް އަހަރުއްސުރެ މަދުވެފައިވަނިކޮށް އޭނާ ވަނީ 2010 ގައި ނޭޕާލް މީހަކާ ކައިވެނިކޮށްފަ އެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ އެމީހާ ކައިރިން ވަރިވީ އެވެ. އޭގެ ފަހުން ދެން މަނީޝާ އާ ބެހޭ ގޮތުން އިވުނު އަޑަކީ އޯވަރީ ކެންސަރު ޖެހިގެން ފަރުވާ ކުރަން ފެށި ވާހަކަ އެވެ.
ދާދިފަހުން މަނީޝާ ދީފައިވާ އިންޓަވިއުއެއްގައި ކެންސަރު ބަލި މުޅިން ފަސޭހަ ވެފައިވާ ކަމަށް ބުނެފައި ވެއެވެ.