09 އޮކްޓޯބަރ 2017 - 21:59

މަރުގެ މައްސަލައަކާ ގުޅިގެން ކ. ހިންމަފުށިން ރޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ މަރުގެ މައްސަލައަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ހިންމަފުށިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ މަރުގެ ކޮން މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެ ބަޔާނުގައި ވަނީ މިދިޔަ ޖުލައި މަހުން ފެށިގެން ހިންގި މާރާމާރީތަކާއި މީހުން މެރުމުގެ މައްސަލަތަކާ ގުޅިގެން 50 އަށް ވުރެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންގެ މައްސަލަ މިހާރު އޮތީ ޝަރީއަތުގައި ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ އަމަލީ ގޮތުން އެކަންކަމުގައި ބައިވެރިވި މީހުން ކަމަށް އެ ބަޔާނުގައިވެ އެވެ.
"މި އެންމެން ވެސް ހައްޔަރު ކޮށްފައިވަނީ ކުށް ސާބިތު ކުރުމަށް ބޭނުންވާނެ ހެއްކާއި ގަރީނާތަކާ އެކު.." ފުލުހުން ބުންޏެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު ހުޅުމާލޭގައި މީހަކު މަރާލި މައްސަލާގައި ވެސް މީހަކު ހައްޔަރުކޮށް، ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށާއި އެހެން މާރާމާރީތަކުގެ މައްސަލަތައް ވެސް ސީރިއަސްކޮށް ބަލަމުންދާ ކަމަށް ބަޔާނުގައިވެ އެވެ.
ތޫނު އެއްޗެހި ބޭނުން ކޮށްގެން ހިންގާ ނުރައްކާތެރި މާރާމާރީތައް ހުއްޓުވަން ޚާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުން އަންނަ ކަމަށާއި އެފަދަ ނުރައްކާތެރި ކުށްތައް ކުރުމަށް ފަހު ފިލާ ނުތިބެވޭނެ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން ފަހަތަށް ނުޖެހޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.