މި މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭ؟!
މި މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭ؟!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މެދު މި ސަރުކާރުން އަމަލުކުރަނީ، ބައެއް މެމްބަރުންގެ ބަހުން ނަމަ، "ހިތުހުރި" ގޮތަކަށެވެ. މި ތުހުމަތު ކުރާނެ ޖާގަ އިދިކޮޅު ފަރާތްތަކަށް ލިބެނީ މެމްބަރުންތަކެއްގެ ގޮނޑި "ގެއްލިއްޖެ" ކަމަށް ކަނޑައެޅި ގޮތުންނެވެ. މަޖިލީހުގެ ރިޔާސަތު އަބްދުﷲ މަސީހަށް ދިފާއުކޮށްދޭން ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް ނިކުންނެވި ޕީޕީއެމްގެ 10 މެމްބަރަކު އެ ޕާޓީން ވަކިވެވަޑައިގަތީ އެވެ. މެމްބަރުން ޕާޓީގައި ހިފަހައްޓަން ޖެހި "މަޅިން" ރެކިވަޑައިގަތުމަށް އެންމެން ވެސް އަމަލުކުރެއްވީ އެއް އުސޫލަކުންނެވެ. އެކަމަކު އޭގެ ތެރެއިން ގޮނޑި "ގެއްލުވާލީ" ބައެއް މެމްބަރުންގެ އެވެ. އަނެއް ބައި މެމްބަރުން މިވަނީ، "ސަލާމަތްވެވަޑައިގެންފަ" އެވެ. މިއީ، ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

މަސީހު މަގާމުން ދުރުކުރަން 45 މެމްބަރުންގެ ސޮޔާ އެކު އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ސޮއި ކުރެއްވުމަކީ އެ ޕާޓީ އަށް ލިބުނު ކުއްލި ޝޮކެކެވެ. އެ އަޑިގަނޑުން އަރައިގަތުމުގެ ފަރުވާ ހޯދަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމާ އެކު ޕާޓީން ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވީ ހުރިހާ މެމްބަރުން އެއްފަހަރާ ކަހަލަ ގޮތަކަށެވެ.

އެ މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ މުހައްމަދު އަބްދުﷲ އާއި މަހިބަދޫ ދާއިރާގެ އަހްމަދު ތޯރިގާއި ތިމަރަފުށި ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހެވެ.

މީގެ ތެރެއިން ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅީ އިލްހާމް އާއި ސިނާން އާއި ލަތީފްގެ އެވެ. އޭގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމްގެ ގޮނޑި ވެސް ގެއްލިފައިވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މި މެމްބަރުން ޕީޕީއެމުން ވަކިކުރީ ސުޕްރީމް ކޯޓުގެ ހުކުމުގެ މާ ކުރިން ޕާޓީން ވަކިކޮށްފައިވާ ކަން އެންގުމަށް ފަހު، ހުކުމް އައުމާ އެކު އަލުން މި މެމްބަރުންގެ މައްސަލަ ޕީޕީއެމުން ބަލަމުން ދާ ކަމަށް ހަދައިފަ އެވެ. އެއީ މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމް ހިނގާނީ ޖުލައި 13 ގެ ފަހުން ހިނގާ ކަންތައްތަކަށް ކަމަށް އަމުރުގައި ބުނުމުން އެ އަމުރަށް ފައްތަންވެގެންނެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމެޓީން މި މެމްބަރުންގެ މައްސަލަ ބެލުމަށް ފަހު އިލެކްޝަންސް ކޮމިޝަނަށް އެންގީ އެ މެމްބަރުން ވަކިކޮށްފައި ވަނީ ހުކުމުގެ ފަހުން ކަމަށެވެ. އިލްހާމް އާއި ސިނާން އަދި ލަތީފް ވެސް ޕާޓީން ވަކިވެވަޑައިގަތީ ހުކުމުގެ ކުރިންނެވެ. އެކަމަކު ޕީޕީއެމުން އެދިގެން އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ވަނީ ކަނޑައަޅައިފަ އެވެ.

އެއް އުސޫލަކުން އަމަލުކުރި ބައެއް މެމްބަރުން ޕާޓީން ވަކިކުރުމަށް ފަހު އަނެއް ބަޔަކު ޕާޓީން ވަކިނުވާ ކަމަށް ނުވަތަ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ގާނޫނީ ހަމައަކީ ކޮބައިތޯ ސުވާލު އުފެދެނީ މި ހިސާބުންނެވެ. ބައެއް މެމްބަރުންގެ ގޮނޑި ގެއްލުވާލީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ހިނގާ އެއްވެސް ކަމަކަށް އެ ހުކުމުން ބާރު ނުފޯރުވޭނެ ކަމަށް ސާފުކޮށްފައި ބުނެފައި އޮއްވަ އެވެ.

ސިޔާސީ ޕާޓީއެއްގައި ދެމިހުރުމާއި ވަކިވުމަކީ ގާނޫނުން އެ މީހަކަށް ލިބިދީފައިވާ ހައްގެކެވެ. ޕީޕީއެމުން ވަކިވާން ހުށަހެޅި މެމްބަރުންތަކެއް ވަކިކޮށްނުދީ ހިފެހެއްޓުމަކީ ޕީޕީއެމާއި އިލެކްޝަންސް ކޮމިޝަނަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކު މި ފެންނަނީ، ގަދަބާރުން ބައެއް މެމްބަރުން ޕާޓީގައި ބައިތިއްބަން މަސައްކަތް ކުރާ ތަނެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ޕީޕީއެމުން ވަކިވާން އެދިވަޑައިގަތް މެމްބަރުންތަކެއް ޕާޓީން ވަކިނުކޮށް ހިފަހައްޓަނީ ސަރުކާރުން ބޭނުންވާ މަގްސަދުތަކެއް ހާސިލްކުރާށެވެ.

މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމަށް ގެއްލިއްޖެ ނަމަ މަޖިލީހުގެ ކޮމެޓީތަކުގެ އަޣުލަބިއްޔަތު ވެސް ގެއްލޭނެ އެވެ. މަޖިލީހުގެ ތަޅުމުން ނިންމާ ކަންކަމަށް ވުރެން ވެސް، ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި، ކޮމެޓީތަކުގެ އަޣުލަބިއްޔަތު ޕީޕީއެމަށް މުހިއްމުވާނެ އެވެ. ޕީޕީއެމުން އަމިއްލަ އަށް ވަކިވެވަޑައިގަތް މެމްބަރުންތަކެއް ވެސް ކޮމެޓީތަކުން ވަކިނުވާ ކަމަށް ނިންމައިގެން ތިބެނީ އެހެންވެ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

"ޕާޓީން ވަކިވާން ސިޓީ ފޮނުވި މީހުންގެ ތެރެއިން ބަޔަކު ބައިތިއްބާފައި އެ ތިބެނީ ސަރުކާރު ހިންގުމަށް އެންމެ ފަސޭހަ، ރަނގަޅު ގޮތަކީ އެ މީހުންނަށް ބިރުދައްކައިގެން ނުވަތަ މެމްބަރުން ކަނޑާނުލައި ހިފެހެއްޓުމުން ކަމަށް ވާތީ. ކަނޑާލައިފިއްޔާ ކޮމެޓީތަކުން މެޖޯރިޓީ ގެއްލި، މުގައްރިރުކަން ވެސް ގެއްލި ނިސްބަތުން ޕީޕީއެމަށް މެމްބަރުން މަދުވެގެން ދާނެތީވެ،" އެއް މެމްބަރަކު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން ބޮޑެތި ބައެއް ކަންކަން ނިންމޭނީ މަދުވެގެން 43 މެމްބަރުން ޖަލްސާއަށް ހާޒިރުވެވަޑައިގަތުމުންނެވެ. ޕީޕީއެމުން ވަކިވާން އެދިފައި ތިބި އެންމެން ޕާޓީން ވަކިކޮށްފި ނަމަ އެ އަދަދަށް މެމްބަރުން ހަމަނުވާނެ ކަމުގެ ބިރު އެ ޕާޓީ އަށް އެބަ އޮތެވެ. މި ދައުރަކީ ބަޖެޓުގެ މަސައްކަތް ކުރިއަށްދާ ދުވަސްވަރަށް ވާތީވެ، ކޮންމެ ގޮތަކުން ނަމަވެސް މެމްބަރުން ހިފަހައްޓަން ސަރުކާރަށް މަޖުބޫރެވެ.

ޕީޕީއެމުން ވަކިވާން ސިޓީ ފޮނުއްވި ބައެއް މެމްބަރުން ރައްޔިތުންގެ ހައްގުގައި މިހާރު ސަރުކާރާ އެކު މަސައްކަތް ކުރަން އެދެމުން އަންނަނީ އެހެންވެ ކަމަށް ވެސް ވެދާނެ އެވެ.

"ހަގީގަތުގައި އިތުރު ގޮތެއް ސަރުކާރަށް ނެތިގެން ބައެއް މެމްބަރުން ހިފަހައްޓައިގެން އެ އުޅެނީ. ސަރުކާރު ބޭނުންވާ އަދަދަށް ޕާޓީގައި މިހާރު މެމްބަރުން ތިބި ނަމަ ޕީޕީއެމުން ވަކިވާން ހުށަހެޅި ތޯރިގް އާއި ޝަހުދީ އާއި މުހައްމާ އާއި ސައުދާއި ޝާހު ވެސް ކަނޑާލާނެ،" މެމްބަރަކު ވިދާޅުވި އެވެ.

މަޖިލީހުގެ ބައެއް ކޮމެޓީތަކުގެ އަޣުލަބިއްޔަތު ޕީޕީއެމްގެ އަތުގައި އޮތީ ކޮމެޓީތަކުގައި މި މެމްބަރުން ވެސް ހިމަނައިގެންނެވެ. މި މެމްބަރުން ވަކިކޮށްފި ނަމަ، އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ކޯލިޝަން ހަދައި މަޖިލީހުގެ މުހިއްމު ކޮމެޓީތަކުގެ ކޮންޓްރޯލް ހޯދާނެ އެވެ.

އެއް އުސޫލަކުން އަމަލުކުރި ބައެއް މެމްބަރުންގެ ގޮނޑި ގެއްލުވާލުމަށް ފަހު އަނެއް ބަޔަކު ޕާޓީގައި ހިފަހައްޓާފައި ވަނީ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމަށޭ ބުނެވޭނެ ޖާގަ އެބަ އޮތެވެ.