"ކާމިޔާބު ބޭނުންތަ؟ އެންމެން އެކުގައި މަސައްކަތްކުރޭ!"
"ކާމިޔާބު ބޭނުންތަ؟ އެންމެން އެކުގައި މަސައްކަތްކުރޭ!"

އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ އޮމާނާ ދެކޮޅަށް ކާމިޔާބު ހޯދަން ވިސްނާނަމަ އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ބުނެފި އެވެ.

"ކާމިޔާބު ބޭނުންތަ؟ އެންމެން އެކުގައި މަސައްކަތްކުރޭ!"
"ކާމިޔާބު ބޭނުންތަ؟ އެންމެން އެކުގައި މަސައްކަތްކުރޭ!"

އޭނާ މި މެޗުގައި ކެޕްޓަންކަން ކުރަނީ އަލީ އަޝްފާގު (ދަގަނޑޭ) އަށް އަނިޔާވުމާ ގުޅިގެންނެވެ. އަޑުބަރޭ ވަނީ ކޮލިފައިންގައި ފަލަސްތީނާއި ބޫޓާނާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފަ އެވެ.

ކޮންމެ ގްރޫޕަކުން ދެ ޓީމު އޭޝިއަން ކަޕަށް ދާއިރު، ކޮލިފައިންގެ ގްރޫޕް ޑީގެ އެއް ވަނައިގައި މިހާރު އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު ފަލަސްތީނެވެ. ދެ ވަނައިގައި އޮތް އޮމާނަށް ތިން މެޗުން ހަ ޕޮއިންޓް ލިބުނު އިރު ރާއްޖެއަށް ތިން މެޗުން ލިބުނީ ތިން ޕޮއިންޓެވެ. ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

އޮމާން އަތުން މިދިޔަ މަހު އެ ގައުމުގައި ކުޅުނު މެޗުން 5-0 އިން ބަލިވެފައިވާއިރު ޓީމަށް ގިނަ ބަޔެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. އަޑުބަރޭ ބުނީ ރާއްޖޭގެ ފުޓްބޯޅަ އަށް މި ވަގުތު ބޭނުންވަނީ އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

"ޓީމު އޮތީ އެހެން ފަހަރު ފަހަރަށް ވުރެން ބޮޑަށް ތައްޔާރުވެފައި. ކޯޗު ހަމަ ވަރަށް ބޮޑަށް ފިޓްނަސް އަށް މަސައްކަތްކުރި. އެއަށް ވަރަށް ބޮޑަށް ޖައްސާފައި އޮތީ. ގިނަ ފަހަރު މިވާ ގޮތަކީ ފިޓްނަސް ދަށްވެގެން 70 ވަނަ މިނެޓުގެ އެކޮޅަށް ދިޔައީމަ ކޫސަނި ގޯލުތަކެއް މި ވަންނަނީ. ދެން މި ފަހަރު ދުރާލާ އެކަމަށް ތައްޔާރުވެގެން ކޯޗު ވަރަށް ރަނގަޅަށް ތަމްރީން ކުރިއަށް ގެންދިޔަ،" އަޑުބަރޭ ބުންޏެވެ.

އަނިޔާގެ ސަބަބުން ދަގަނޑޭ އަށް މި މެޗުގައި ނުކުޅެވޭއިރު، މީގެ ކުރިން ގައުމީ ޓީމު ދަގަނޑޭ ނުލައި ކުޅުނު މެޗުތަކުގައި ޓީމުގެ ފޯވާޑަށް ކުޅުނު އަސަދުﷲ އަބްދުﷲ ވެސް ހުރީ އަނިޔާގަ އެވެ. އަޑުބަރޭ ބުނީ މި ދެ ކުޅުންތެރިންގެ ބަދަލުގައި އަރަން ތިބީ ރާއްޖޭގެ ނިސްބަތުން ބަލާ ކަމަށްވާނަމަ އެންމެ ކުރިއަށް ކުޅޭ އެންމެ ހަލުވި ކުޅުންތެރިން ކަމަށެވެ.

"މިހާރު ރާއްޖެ އަށް ބަލަންޏާ އެންމެ އަވަސް ފޯވާޑް ލައިން މިހާރު އެ އޮތީ. ދާދު (ނާއިޒު) ހަމްޕު (ހަމްޒާ)، ސެންޓޭ (ފާސިރު) އުމެއިރު. ކޮންމެ ގޮތެއްވިޔަސް މި ކުޅުންތެރިން ވަރަށް އަވަސްވާނެ ކުޅޭ ގޮތް. ދެން އަވަސް ބޯޅަތަކެއް ކުޅެފި ކަމަށްވަންޏާ އެޑްވާންޓޭޖްތަކެއް ނެގޭނެ. މާދަމާ މިސާލަކަށް އަހަރެން ވެސް މިތާ ނެތިދާނެ. ދެން މީހަކަށް ބަރޯސާވެގެނެއް ނޫން ޓީމެއް އޮންނާނީ. މިހާރު މިއޮތް ޒުވާން ފޯވާޑް ލައިން ނަތީޖާ ނެރޭނެ ކަމަށް އުއްމީދު ކުރަން،" އަޑުބަރޭ ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ބޭނުންވަނީ އެންމެން ގުޅިގެން މަސައްކަތްކުރުން ކަމަށް އަޑުބަރޭ ވަނީ ބުނެފަ އެވެ.

"ފުޓްބޯޅަ އެބަޖެހޭ ކަންނޭނގެ އެހެން ހަރުފަތަކަށް ގެންދަން ބޭނުންވެއްޖިއްޔާ އެންމެން އެއްކޮށް މަސައްކަތްކުރަން. މިސާލަކަށް ކުރިން ވެއްޖިއްޔާ ގޭގަ އިންނަ މީހާ ފިހާރަ ބަންދުކޮށްފައި ވެސް އަންނަނީ ދަނޑަށް. މިހާރު ވެއްޖިއްޔާ އެހެންތާކަށް މިދަނީ. މި ކަމަށް އެބަޖެހޭ އެންމެން އެއްބާރުލުންދޭން. އެހެން ނޫނިއްޔާ ނެތިގެން ހިނގައިދާނެ. އެ ބިރު އެބައޮތް މިހާރު ކަންތައްތައް ވަމުންދާ ގޮތުން،" އޭނާ ބުންޏެވެ.

އަޑުބަރޭ ބުނީ މާޒީ އަށް ބަލާއިރު ވެސް ދިވެހި ފުޓްބޯޅަ އަށް ކުރިއެރުމެއް ލިބިފައި އޮތީ އެންމެން އެކުގައި ގައުމީ ރޫހުގައި ނުކުމެގެން ކަމަށެވެ.

"ގައުމު އެންމެން އެކަމެއް ބޭނުންވެއްޖިއްޔާ އެކަމެއް ހާސިލްވާކަން އެނބަ އެނގޭ 2008 ގެ ސާފް ޗެމްޕިއަންޝިޕުން. އެންމެން އެކުގައި ގައުމީ ކަމެއްގެ ގޮތުގައި ނުކުމެގެން އެކަން ހާސިލްވީ. އެ ފަދަ ކަމެއް މިހާރު ވެސް އާލާކުރަންވީ އެ ފަދަ ގޮތަކަށް އެންމެން އެއް ރޫހެއްގައި ނުކުމެގެން ނޫނީ ކާމިޔާބެއް ހާސިލްކުރަން ފަސޭހަ ނުވާނެ،" އަޑޭ ބުންޏެވެ.

އޮމާނާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.