ސަލްމާން ފަލަވީ ދުވާލަކު ތިން މެގްނަމް އައިސްކްރީމް ކައިގެން
ސަލްމާން ފަލަވީ ދުވާލަކު ތިން މެގްނަމް އައިސްކްރީމް ކައިގެން

ސަލްމާން ޚާންގެ އާ ފިލްމް "ސުލްތާން" އީދު ދުވަހު ރިލީޒްކުރަން ތައްޔާރު ވެފައިވާއިރު އެ ފިލްމުގައި ސަލްމާން ކުޅޭ ކެރެކްޓާ އަށް ފިޓްވުމަށް އޭނާ ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އެގޮތުން ސަލްމާން ހަށިގަނޑު ވަރުގަދަކޮށް ފަލަވުމަށް ކުރި މަސައްކަތް "ސުލްތާން"ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް ވަނީ ނޫސްވެރިންނަށް ކިޔައިދީފަ އެވެ.

ޑައިރެކްޓަރު ބުނި ގޮތުގައި ފަލަވާން މަސައްކަތް ފެށި ފަހުން 78-82 ކިލޯގައި ސަލްމާންގެ ބަރުދަން ހުރި ދުވަސްކޮޅެއް ވެސް ދިޔަ އެވެ. އޭގެ ފަހުން 90 ކިލޯ އަށް ބަރުވެ 100 ކިލޯ އަށް އެރި ދުވަސްކޮޅެއް ވެސް ދިޔަ ކަމަށް ޑައިރެކްޓަރު ބުންޏެވެ. ބަރުދަން އިތުރުކުރުމުގެ މަސައްކަތް ކުރި ދުވަސްވަރު ވެސް ސަލްމާން ފިލްމުގެ ޝޫޓިންގް ވެސް ކުރިޔަށް ގެންދިޔަ ކަމަށް އޭނާ އަށް ތައުރީފު ކުރަމުން ޑައިރެކްޓަރު ބުނެފައި ވެއެވެ.

ޑައިރެކްޓަރު އަލީ ބުނި ގޮތުގައި މި ފިލްމަށް ޚާއްސަކޮށްގެން ލޮސް އެންޖަލިސް އިން ބޮޑު އެކްޝަން ޓީމެއް އެމީހުން ގެނައި ކަމަށެވެ. ސަބަބަކީ މި ފިލްމުގައި މާޝަލް އާޓްސް ވެސް ހިމެނޭތީ ސަލްމާންގެ ބަރުދަން ވަކި ވަރަކަށް ހުރުން ވަރަށް މުހިއްމުވީ ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.

ޑައިރެކްޓަރު އިތުރަށް ކިޔައިދިން ގޮތުގައި އެކްޝަން ޓީމާ އޭނާ މަޝްވަރާކޮށް އެންމެ ފުރަތަމަ ސަލްމާން ފަލަވެ ވަރުގަދަވެފައިވާ މަންޒަރުތައް ނަގަން ނިންމި އެވެ. އަދި ފިލްމު ކުރިޔަށް ދާ ވަރަކަށް ސަލްމާން ހިކިކޮށް ހުންނަ މަންޒަރުތައް ޝޫޓްކުރާ ގޮތަށް ވެސް ހަމަޖެއްސި އެވެ.

މިދިޔަ އަހަރު 'ބިގް ބޮސް' ޝޯ ހުށަހަޅައިދިން އިރު ސަލްމާން ފަލަކަމުން ރަނގަޅަށް ހިނގައި ވެސް ނުގަނެވެ އެވެ. އެ ދުވަސްވަރަކީ އޭނާގެ ފަލަ ވަރުގަދަ ބައިތައް ޝޫޓް ކުރަމުން ދިޔަ ދުވަސްވަރު ކަމަށް ވެސް ޑައިރެކްޓަރު ބުނެފައި ވެ އެވެ. އަދި ސަލްމާންގެ އުފަން ދުވަހާ ދިމާކޮށް މިދިޔަ ޑިސެމްބަރު މަހު އެމީހުން 25 ދުވަހުގެ ޗުއްޓީއެއް ނެގި ކަމަށާއި އެ ދުވަސްވަރު އިތުރަށް ހަށިގަނޑު ވަރުގަދަ ކުރުމަށާއި އެނބުރި އައިސް ފަލަކޮށް ހުންނަން ޖެހޭ ބައިތައް މުޅިން ނިންމާލާނެ ކަމަށް ސަލްމާން ކައިރީގައި ބުނި ކަމަށް ވެސް ޑައިރެކްޓަރު ކިޔައިދިނެވެ.

"ސަލްމާނަކީ ކެއުމަށް ލޯބިކުރާ މީހެއް. އެހެންވެ އޭނާ ވަރަށް ގިނަ އިން އެދުވަސްކޮޅު ކާން ފެށި. އޭރު އޭނާ ކޮންމެ ދުވަހަކު ތިން މެގްނަމް އައިސްކްރީމް ކާލާ. އެހެންވެ ދުވަސްކޮޅެއް ތެރޭގައި 100 ކިލޯ އަށް އޭނާގެ ބަރުދަން އެރި. އަދި އެންމެ ފަލަކޮށް ހުންނަން ޖެހޭ ބައި ޝޫޓް ކުރެވޭވަރުވި،" ޑައިރެކްޓަރު ބުނެފައި ވެ އެވެ.

"ބައެއް ދުވަސްދުވަހު ސަލްމާން ރުޅިގަދަވެގެން ބުނާނެ ފަހުން ބަރުދަން ލުއި ނުކުރެވިއްޖިއްޔާ ދެން ކީއްހޭ ކުރާނީ. ނަމަވެސް އޭނާ ވަނީ ވަރަށް މަސައްކަތުން ބަރުދަން ލުއި ކޮށްލާފައި. އަދި އެކަން ކުރީ އެއްވެސް މީހަކަށް މައްސަލައެއް ކުރިމަތިނުކޮށް،" ޑައިރެކްޓަރު ބުންޏެވެ.