09 އޮކްޓޯބަރ 2017 - 17:15

ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑް ކުރި މައްސަލާގައި އދ. ގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ރެޕަޓުއާ މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އދ.ގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ރެޕަޓުއާ ޑިއޭގޯ ގާސިއާ ސަޔާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޕެޓިޝަނާ ގުޅިގެން ވަކީލުން ސަސްޕެންޑް ކުރީ ބައިނަލްއަގްވާމީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އަދި ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ އެ ފިޔަވަޅު އެޅިއިރު އިސްތިއުނާފްގެ ހައްގު ވެސް ވަކީލުންނަށް މިހާރު ނެތް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ވަކީލުންގެ ހައްގުގެ އިތުރުން އެ މީހުންގެ މުވައްކިލުންގެ ހައްގު ވެސް ގެއްލެ އެވެ. އެހެންކަމުން އޭގެ ކަންބޮޑުވުން އެ ބަޔާނުގައި ސަޔާން ވަނީ ފާޅުކުރައްވައިފަ އެވެ.
"އެހެން މީހުންނެކޭ އެއްފަދައިން ޚިޔާލު ފާޅުކުރުމާއި ޖަމްއިއްޔާ ޖަމާއަތް ހެދުމާއި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގު ވަކީލުންނަށް ވެސް ލިބިގެންވެ އެވެ،" ސަޔާންގެ ބަޔާނުގައިވެ އެވެ.
އޭނާ ގޮވާލެއްވީ ވަކީލުންގެ މަސައްކަތް ރެގިއުލޭޓްކޮށް، އެ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މިނިވަން ބާ އެސޯސިއޭޝަނެއް އެކުލަވާލުމަށާއި މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު އެ އެސޯސިއޭޝަނަށް ދިނުމަށެވެ.
ޕެޓިޝަނާ ގުޅިގެން 45 ވަކީލަކު ސަސްޕެންޑް ކުރުމަށް ފަހު އޭގެ ތެރެއިން 29 ވަކީލެއްގެ ސަސްޕެންޝަން މިހާރު ވަނީ އުވާލައިފަ އެވެ. ވަކީލުން ސަސްޕެންޑްކުރި މައްސަލާގައި ޔޫރަޕިއަން ޔޫނިއަން އާއި ކެނެޑާ އާއި އިނގިރޭސިވިލާތުން ވެސް ވަނީ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.