09 އޮކްޓޯބަރ 2017 - 16:42

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި އަފްރާހު އަބްދުއްރައްޒާގުގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.
ތޫނު އެއްޗެހިން ހަމަލާދީ އަނަސްގެ މަރާލި މައްސަލައާ ގުޅިގެން މއ. ލޮނުމިދިލިގޭ، އަފްރާހު ހޯދަމުން ދަނިކޮށް އޭނާ އިއްޔެ ހައްޔަރުކުރީ ޖަލާލުއްދީން މިސްކިތް ކައިރީގައި ހުންނަ ގެއަކުންނެވެ. އޭނާގެ ބަންދަށް 15 ދުވަސް އިތުރުކުރީ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ގެންދިއުމުންނެވެ.
އަނަސްގެ މަރާ ގުޅިގެން ހަތަރު މީހަކު ކުރިން ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރޭގައި އެކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ މައްސަލައިގެ ތަހުގީގު އޮތީ ނިމުމަކާ ގާތުގަ އެވެ.