17 ޑިސެމްބަރ 2017 - 13:23

ތަޒާ މޭވާ ކެއުމަށް އެންމެން ވެސް ލޯބި ކުރާނެ އެވެ. ނަމަވެސް މިފަދަ މޭވާ، އަތްފޯރާފަށުގައި މާލެއިން ލިބެން ހުރޭ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު މިއަދު ވަރަށް ސާފެވެ. އާންމުންގެ އަތްފޯރާފަށުގައި، ތާޒާ އަދި ކޮލެޓީ ރަގަޅު މޭވާގެ ގިނަ ބާވަތްތަކެއް މިހާރު މާލޭން ލިބެން އެބަހުއްޓެވެ.

ކޮންތާކުން ހެއްޔެވެ؟... ފުރެޝް ގުޑްސް އިންނެވެ. މިއީ މިދިޔަ ޖުލައި މަހު، ޖަނަވަރީ ހިނގުމުގެ، ބުރުޒުމަގު ކަންމަތީގައި ހުޅުވުނު މާލޭގެ އެންމެ "ތާޒާ" ފިހާރަ އެވެ.

"އެހެން ބޭފުޅުން ބޮޑަށް މިކަހަލަ އެއްޗެހި ރިސޯޓް ސަޕްލައިއަށް ޓާގެޓް ކުރަނީ. އެކަމަކު އަޅުގަނޑުމެން ބޮޑަށް މި ޓާގެޓް ކުރަނީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް. ދެން ގެސްޓްހައުސް ސަޕްލައި. ރިސޯޓަކުން އޯޑަރެއް ލިބިއްޖެނަމަ އެކަންވެސް ކުރެވޭހާ ގާބިލުކަން އެބަހުރި،" އެ ފިހާރަ ހިންގަމުން އަންނަ ހައިކޯމެކްސްގެ މެނޭޖަރު އަހުމަދު ހުސައިން ވިދާޅުވި އެވެ.

މިތަނުން ލިބެން ހުންނަނީ ކޮން ބާވަތްތަކެއް ހެއްޔެވެ؟ އާންމުކޮށް ދިވެހިން ކެއުމަށް ބޭނުންކުރާ ހުރިހާ ބާވަތެއްގެ ތާޒާ މޭވާ މިތަނުގައި އެބަހުއްޓެވެ. ކަރައިން ފެށިގެން ގޮސް، ފޭރާއި އަލަނާސި ފަދަ މޭވާގެ އެތައް ބާވަތެއް ލިބެން އެބަހުއްޓެވެ. އާންމުކޮށް މާލޭގެ ފިހާރަތަކުގައި ވިއްކަން ނުހުންނަ ބާވަތްތަކުގެ މޭވާ ވެސް މިތަނުގައި އެބަހުއްޓެވެ.
ފްރެޝް ގުޑްސް އަކީ ކުރިން ވެސް ބުނި ގޮތަށް އާދައިގެ ފިހާރައެއް ނޫނެވެ. މިތަން ހުޅުވީ ވަރަށް ބޮޑަށް ތައްޔާރުވުމަށް ފަހު އެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް ރެޑީވެގެން މިކަން މިފެށީ. ކޯލްޑް ސްޓޯރޭޖެއް ވެސް އެބަހުރި. ޑެލިވަރީ ވޭނެއް ވެސް ގެންގުޅެން. ސްޓާފުން ވެސް ވަރަށް ބޮޑަށް ޓްރެއިން ކޮށްގެން މި ގެންގުޅެނީ،" އަހުމަދު ވިދާޅުވި އެވެ.
ތުރުކީ، ތައިލޭންޑް، މިސްރު އިންޑިއާ އަދި ލަންކާގެ އިތުރުން ޖޯޑަން ފަދަ ގިނަ ގައުމުތަކުން މިތަނަށް މޭވާ އެތެރެކުރެ އެވެ. އަހުމަދު ވިދާޅުވީ މި ގައުމުތަކުން ގެންނަ މޭވާ އަކީ މާކެޓުގައި އެންމެ ކޮލެޓީ ރަނގަޅު ތަކެތި ކަމަށެވެ. އެ ފިހާރަ އެހާ "ތާޒާ"ކޮށް ހިންގެނީ ވެސް މިސަބަބާއި ހެދި އެވެ.
"އަޅުގަނޑުމެން ވިޔަފާރި ފެށީ ހައިކޯމެކްސް އިން ޕްރިންޓަރާއި ސްކޭނަރު ވިއްކުމުން. ފިހާރަ ހިންގަން ފެށީ، ޑެއިލީކޮށް ސޭލްސް ވަންނާނެތީ. ގިނަ ފަހަރަށް ސްކޫލްތަކަށް ނުވަތަ އޮފީހަކަށް ސަޕްލައިކުރުމުން ލާރި ލިބޭނީ ފަހުން،" ޕްރިންޓަރާއި، ސްކޭނަރު ވިއްކުމުގެ ތެރެއިން މި ވިޔަފާރި ފެށުނު ގޮތް ކިޔައިދެމުން އަހުމަދު ވިދާޅުވި އެވެ."ފިހާރަ ހުޅުވުމުގެ ކުރިން ވިސްނީ އާންމުކޮށް މީހުން ނުކުރާ ވިޔަފާރިއެއް ފަށަން. އެގޮތަށް ބަލާފައި އާންމުންނަށް މިހާ ބޭނުންތެރި އެއްޗެއް [ތާޒާ މޭވާ]، މިގޮތަށް [ހެޔޮ އަގުގައި] ލިބެން ނުހުންނާތީ ފްރެޝް ގުޑްސް ހުޅުވީ."
ހައިކޯމެކްސް އަކީ މިއަދު ކާމިޔާބު ކަމާއި އެކު ޕްރިންޓަރާއި، ސްކޭނަރު ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ކުންފުންޏެކެވެ. އަހުމަދުގެ އުންމީދަކީ ހައިކޯމެކްސް އާއި އެއްގޮތަށް ފްރެޝްގުޑްސް ވެސް ކާމިޔާބު ވާނެ ކަމަށެވެ. އެގޮތުން އަހުމަދުގެ އުންމީދަކީ މިއީ ފެށުމެއް ކަމަށް ބަލައި، ފްރެޝް ގުޑްސްގެ ފިހާރަތައް މާލޭގެ އެކި ސަރަހައްދުތަކުގައި ހުޅުވުމެވެ.