09 އޮކްޓޯބަރ 2017 - 15:15

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ އިސްތިއުނާފް މައްސަލަ ބަލާ ބެންޗް ބަދަލުކުރި މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައި، ގޮތެެއް ނިންމައިދޭން ފާރިސްގެ ވަކީލުން ސުޕްރީމް ކޯޓުގައި މިއަދު އެދެފި އެވެ.
ފާރިސް ހައްޔަރުކޮށް، ބަންދުކުރި މައްސަލަ ފާރިސްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، މައްސަލަ ހިނގަމުން ދަނިކޮށް އެ މައްސަލަ ބަލާ ބެންޗަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެއީ ގާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށް ބުނެ އެ މައްސަލަ ފާރިސްގެ ވަކީލުން ކުރިން އޮތީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައިގައި ގޮތެއް ނުނިމި ލަސްވާތީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފާރިސްގެ ވަކީލު މައުމޫން ހަމީދު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ގޮތެއް ނުނިމި ލަސްވަނީ ފަނޑިޔާރުންގެ މަޖިލީހުގެ ސެކްރެޓޭރިއަޓް ބަލަހައްޓާ މުވައްޒަފުން އެ މައްސަލަ އެ މަޖިލީހަށް ހުށަހަޅާފައި ނެތުމުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންވެ އެ މައްސަލައިގައި ފަނޑިޔާރުންގެ މަޖިލީހުގެ ކުއްްލި ބައްދަލުވުމެއް ބާއްވައި، އަވަހަށް ގޮތެއް ނިންމައިދޭން ސިޓީގައި މައުމޫން އެދިވަޑައިގެންފައިވެ އެވެ.
"އަޅުގަނޑުގެ މުވައްކިލުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި އެދިފައިވާ ފަދައިން އަވަސް ފިޔަވަޅުތަކެއް އަޅުއްވާ ދެއްވައި، އެ މައްސަލަ އަވަސް ގޮތެއްގައި ނިންމަވައި ދެއްވުން އެދި ދެންނެވީމެވެ،" ސުޕްރީމް ކޯޓުގައި ދެން ތިއްބެވި ހަތަރު ފަނޑިޔާރުންނަށް ވެސް ކޮޕީކޮށް ފޮނުއްވި ސިޓީގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުން ކޮންމެ ހަފުތާއަކު ދެ ފަހަރު ބާއްވަން އެ ކޯޓުގެ ގަވާއިދު ލާޒިމްކުރާ އިރު ފާރިސްގެ ފަރާތުން އެ މައްސަލަ ހުށަހެޅިތާ 40 އަށް ވުރެ ގިނަ ދުވަސް ވެފައިވާތީ އެކަން އެ މަޖިލީހަށް ހުށަނޭޅެންވީ އެއްވެސް ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށް ސިޓީގައިވެ އެވެ. ގިނަ ދުވަސް ވީ މައްސަލަތައް އަވަސްކުރަން ސުޕްރީމް ކޯޓުން ބާރު އަޅަމުން ގެންދާ ކަން ފާހަގަކޮށް،މައުމޫން އެދިވަޑައިގެންފައިވަނީ ފާރިސްގެ މައްސަލާގައި އަވަހަށް ގޮތެއް ނިންމައި ދިނުމަށެވެ.
ފާރިސްގެ އިސްތިއުނާފް މައްސަލަ ބަލާ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ސަމީރުގެ ބަދަލުގައި ފަނޑިޔާރު ޝުޖާއު އުސްމާނު ވަނީ އެ ބެންޗަށް ހަމަޖައްސައިފަ އެވެ. އެއީ ސުޕްރީމް ކޯޓުން ކުރިން ނެރުނު އަމުރަކާ ޚިލާފަށް ކުރި ކަމެއް ކަމަށް ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.