ނަވާޒް ޝަރީފުގެ ދަނބި ދަރިކަލުން އެއާޕޯޓުން ހައްޔަރުކޮށްފި
ނަވާޒް ޝަރީފުގެ ދަނބި ދަރިކަލުން އެއާޕޯޓުން ހައްޔަރުކޮށްފި

އިސްލާމްއާބާދު (އޮކްޓޯބަރު 9) - ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުން ދުރުކުރި ނަވާޒް ޝަރީފުގެ ދަނބިދަރިކަލުން މުހައްމަދު ސަފްދާރު އިސްލާމްއާބާދު އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

ނަވާޒް ޝަރީފުގެ ދަރިކަނބަލުން މަރިޔަމް ނަވާޒްއާ ކައިވެނި ބައްލަވައިގެން އުޅުއްވާ އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ސަފްދާރު ހައްޔަރުކުރީ ލަންޑަނުން ވަޑައިގެން އެއާޕޯޓަށް ފައިބައިވަޑައިގެންނެވި ތަނުންނެވެ. ނަވާޒް ޝަރީފުގެ އާއިލާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަތަކުގައި ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯ (އެންއޭބީ) އަށް ހާޒިރުވާން ތަކުރާރުކޮށް އެންގި ނަމަވެސް ސަފްދާރު ވަނީ އެ އަމުރަށް ކިޔަމަން ނުވެފަ އެވެ.

ނަވާޒް ޝަރީފުގެ ފިރިހެން ދެ ބޭފުޅުންނާއި ފައިނޭންސް މިނިސްޓަރު އިޝާގު ދާރު އެންއޭބީ އަށް ހާޒިރުވުމަށް މިހާރު ވަނީ އަމުރު ނެރެފަ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވުމުގެ ޝަރުތު ނަވާޒް ޝަރީފުގެ ކިބައިގައި ނެތް ކަމަށް ޖުލައި މަހު ސުޕްރީމް ކޯޓުން ނިންމީ ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި ނަވާޒް ޝަރީފުގެ އާއިލީ ކޮރަޕްޝަނާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުން ވަނީ ނަވާޒް ޝަރީފުގެ އާއިލާ އަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކުގެ މައްސަލަ ހަ މަސް ދުވަސްތެރޭ ނިންމަން އެންއޭބީ އަށް އަންގައިފަ އެވެ.

ޕާލަމެންޓުގެ ގޮނޑި ނަވާޒް ޝަރީފަށް ގެއްލުމުން މިދިޔަ މަހު ބޭއްވި ބައި އިލެކްޝަންގައި ލާހޯރުގެ ގޮނޑި ވަނީ ނަވާޒް ޝަރީފުގެ އަނބިކަނބަލުން ކުލްސުލް ނަވާޒް ކާމިޔާބު ކުރައްވައިފަ އެވެ.