14 އޮކްޓޯބަރ 2017 - 07:19

މިލްކިއްޔާތުގައި ހުރި އަގުބޮޑު ބައެއް ތަންތަން ވިއްކާލައި، އެކްޓް ކުރުމާ ދުރުވެ، އާދައިގެ ދިރިއުޅުމަކަށް ދާން، ހޮލީވުޑްގެ ދުވަސްވީ އެކްޓަރު ޖޭމްސް ވުޑްސް ނިންމާފައިވާ ކަމަށް ބުނެ އޭނާގެ ރިއަލްއެސްޓޭޓް އެޖެންޓް ނެރުނީ އެއްވެސް ހަގީގަތެއް ނެތް ބަޔާނެއް ކަމަށް ޖޭމްސް ބުނެފި އެވެ.
އެކަން އޭނާ ވަނީ ޓްވީޓަކުން ފޭނުންނާ ހިއްސާކޮށްފަ އެވެ.
ވަންސް އަޕޮން އަ ޓައިމް އިން އެމެރިކާ (1984) އާއި ގޯސްޓް އިން މިސިސިފީ (1996) ފަދަ ފިލްމްތައް ކުޅެގެން އޮސްކާ އަށް ވެސް ނޮމިނޭޓްވި 70 އަހަރުގެ އެކްޓަރު ވޮޝިންޓަން ޕޯސްޓަށް ބުނީ އެޖެންޓް ނެރުނު ބަޔާނުގައި އޭނާއާ ހަވާލާދީ ބުނެފައި ހުރި ވާހަކަތަކަކީ އޮޅުންބޮޅުންވެފައި އޮތް އެއްޗެއް ކަމަށާއި އޭގައި ހަގީގަތެއް ނެތް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ މުނިފޫހި ފިލުވުމުގެ ދާއިރާއާ ފެއަށް ޖެހިލައި، ޖޭމްސް ދެން ބޮޑަށް ހަރަކާތްތެރި ވަނީ ދަތުރު ކުރުމާއި ފޮޓޯ ނެގުމާއި ގޮލްފް ކުޅުން ފަދަ ކަންކަމުގައި ކަމަށެވެ.
"އަހަރެންގެ އެޖެންޓާ އެކު ދެކެވުނު ވާހަކައެއްގައި އެޖެންޓް ސުވާލު ކުރި ރިޓަޔާ ކުރީ ހެއްޔޭ؟ އެ ސުވާލުގެ ޖަވާބުގައި އަހަރެން ބުނިން ރިޓަޔާ ކުރަން ޖެހޭ ކަމަކަށް އަދި ނުދެކެމޭ،" ޖޭމްސް ބުންޏެވެ. "އެ ވާހަކަ އެގޮތަށް ދެކެވިފައި އޮއްވައި އަހަރެން ރިޓަޔާ ކުރި ކަމަށް ބުނެ އެޖެންޓް ނެރުނު ބަޔާނަކީ ޖޯކެއް. އަހަރެން އަދި ރިޓަޔާއެއް ނުކުރަން. އެކަން ކަށަވަރުކޮށް ދެން."
ޖޭމްސް ބުނީ އޭނާގެ ރިޓަޔާމަންޓާ ބެހޭ ގޮތުން ދައްކާ ވާހަކަތައް ގަބޫލު ނުކުރަން ވެސް އެދޭ ކަމަށެވެ.
"ސަލްވެޑޯ" އާއި "ވައިޓް ހައުސް ޑައުން" ފަދަ ފިލްމްތައް ވެސް ކުޅެފައިވާ އަދި ބައެއް ޓީވީ ސިލްސިލާތަކުގައި ވެސް މަސައްކަތްކޮށްފައިވާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނުނީ 2014 ގައި ރިލީޒް ކުރި "ޖޭމްސް ބޯއި" އިންނެވެ.