ފްރައިޑް ޗިކަން ޕޭންޓްސް: މިއީ ހަމަ ކުކުޅު ފައެއް
ފްރައިޑް ޗިކަން ޕޭންޓްސް: މިއީ ހަމަ ކުކުޅު ފައެއް

ފެޝަންގެ ދުނިޔޭގައި އުޅޭ ޖަޕާނު މީހުންނަކީ މޮޅު ޚިޔާލުތަކަށް އާ ވައްތަރުތަކުގެ އަންނައުނު އުފެއްދުމުގައި ވަރަށް ކުރީގައި އުޅޭ ބައެކެވެ. މި މީހުން މިފަހަރު ހެދީ ތެލުލާފައި އޮތް ކުކުޅު ފައެއް ހެން އޮންނަ ހަރުވާޅެކެވެ. އެމީހުން މި ހަރުވާޅު އުފެއްދީ ގަސްތުގައި ކުކުޅު ފަޔަކާ އެއްގޮތް ކުރަން ނޫން ކަމަށް ވެސް ވެދާނެ އެވެ.

މި ހަރުވާޅުގެ އެންމެ ޚާއްސަ ސިފަތަކުގެ ތެރޭގައި ހިމެނެނީ އޭގައިވާ އޮރެންޖް-މުށި ކުލަ އެވެ. ވަރަށް ފުޅާކޮށް ހުންނަ މި ހަރުވާޅު ލުމުން ހުންނަނީ ވަރަށް ބޮޑަށް ފުފިފަ އެވެ. ހަމުގައި ދޮން ކުލަ ހުންނަ މީހުން މި ހަރުވާލާފައި ހުދު ކުލައިގެ ބޫޓަކަށް އެރުމުން ހީވަނީ ހަމަ ކުކުޅުފައެއް ހެންނެވެ.

"ފްރައިޑް ޗިކަން ޕޭންޓްސް"ގެ ނަން ދީފައިވާ މި ވައްތަރުގެ ހަރުވާޅަކީ ކަވާއީގެ ވަރަށް ޔުނީކް ޕްރޮޑަކްޓެކެވެ. ކަވާއީ އަކީ ޖަޕާންގައި ނެރޭ ފެޝަން މެގަޒިންއެކެވެ.

ރަކުޓެން ކިޔާ ޝޮޕިން ސައިޓަކުން މި ވައްތަރު ހަރުވާޅުތައް ފެނިގެން، ކޭ ކަޒު މާގީ ކިޔާ މީހަކު ކޮށްފައިވާ ޓުވީޓެއްގައި ބުނި ގޮތުގައި ހަރުވާޅު އޭނާއަށް ސިފަވަނީ ކެންޓަކީ ފްރައިޑް ޗިކަންއަކާ އެވެ.

ވަރަށް ތުނި، ދެމޭ ފޮއްޗަކުން ފަހާފައިވާ މި ވައްތަރުގެ ހަރުވާޅަކީ ލައިގެން ހުންނަން އަރާމު އެއްޗެކެވެ. އަދި އެ ހަރުވާޅުގައި ހުންނަ ޕެޓާންތަކުން އޭގެ ވޮލިއުމް އިތުރުކޮށްދީ ތްރީ ޑައިމެންޝަނަލް ސިފަ ގެނެސްދެ އެވެ.

ހަރުވާޅު ފަހާފައިވާ ފޮއްޗާއި އެ ފޮތީގެ ބާވަތުން އަދި އޭގައިވާ ރީތި އޮރެންޖު-މުށި ކުލައިގެ ސަބަބުން އެ ހަރުވާލު ފެނިއްޖެ ނަމަ ކޮންމެ މީހަކުވެސް އެއީ ހަމަ ރަހަމީރު ކުކުޅު ފަޔެކޭ ނޫނީ ނުބުނާނެ އެވެ.

މީގެ ހަރުވާޅެއްގެ އަގު އުޅެނީ 9936 ޔެން (88.2 ޔޫއެސް ޑޮލަރު) އަށެވެ.